ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާނީ ވައިރަސް ފެތުރޭ މިންވަރު ގްރީން ޒޯންގައި ހުންނަތާ އެންމެ މަދުވެގެން ތިން ހަފްތާ ވުމުން ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ހެލްތް އެކްސްޕާޓު ޑރ. ޝީނާ މޫސާ ވިދާޅުވީ ރާއްޖޭގައި ކޯވިޑްގެ ހާލަތުގެ މިސްރާބު މިހާރު ހުރީ ރަނގަޅަށް ކަމަށެވެ. އެކަމަކު ފަހުން އެޅި ފިޔަވަޅުތަކާއި އެކު ހާލަތު ރަނގަޅުވަމުން އަންނަ ހަލުވި މިނާއި މެދު ހިތްހަމަ ޖެހިވަޑައިނުގެންނަވާ ކަމަށް ވިދާޅުވި އެވެ.
ޑރ. ޝީނާ ވިދާޅުވީ ކޮންމެ ދުވަހަކު ޕޮސިޓިވްވާ މީހުންގެ އަދަދު ގްރީން ޒޯނާއި ދިމާއަށް ތިރިވުމަށް މިސްރާބު ޖަހާފައިވާ ކަމަށެވެ. އެކަމަކު ގްރީން ޒޯނަށް ތިރިވާއިރަށް ފިޔަވަޅުތަކަށް ލުއިދޭން ނުފަށާނެ ކަމަށާއި އެންމެ މަދުވެގެން ދެ ތިން ހަފްތާއަށް ބެލުމަށް ފަހު ނޫނީ ކޯވިޑްގެ ހާލަތާއި މެދު ހިތްހަމަ ޖެހި ނުލެވޭނެ ކަމަށެވެ.
ގްރީން ޒޯންއަށް ދިޔަ ކަމަށް ކަނޑައަޅާނީ ފްލޫ ކްލިނިކްތަކަށް ބަލިވެގެން ދައްކާ މީހުންގެ ތެރެއިން ޕޮސިޓިވްވާ މީހުން ފަސް ޕަސެންޓަށް ތިރިވުމެވެ. އަދި އެއްވެސް ޕޮސިޓިވް މީހަކާއި ގުޅުންނެތި ބަލި ޖެހެމުންދާ މީހުން 20 ޕަސެންޓަށް ތިރިވުމެވެ.
ޑރ. ޝީނާ ވިދާޅުވީ މިހާރު ރާއްޖެއިން ޕޮސިޓިވްވަމުން ދަނީ ރާއްޖޭގައި ބަލި ފެތުރެމުންދާ މިންވަރުގައި ކަމަށް ގަބޫލް ކުރާ ކަމަށެވެ. އެއީ އެކަށީގެންވާ ގިނަ އަދަދެއްގެ ސާމްޕަލް ކޮންމެ ދުވަހަކު ޓެސްޓު ކުރެވޭތީ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ކޯވިޑް ކޮންމެސް ވަރަކަށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ. އެކަމަކު ޕޮސިޓިވްވާ މީހުންގެ އަދަދު ދަށްވުމާއި އެކު އާންމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަނެއްކާވެސް ބަދަލު ގެނެސްފި ނަމަ ކުރީގެ ހާލަތަށް ދާނެ ކަމަށާއި ކޯވިޑަށް ވެކްސިނެއް ލިބެންދެން ނިއު ނޯމަލްގައި އާންމުން އުޅެން ޖެހޭ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 9،939 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 34 މީހުން މަރުވެފައިވާއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 9.000 އާއި ގާތްކުރާ އަދަދަކަށް މީހުން ބަލިން ވަނީ ރަނގަޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް