ސެވިއްޔާ ބަލިކޮށް ޔުއެފާ ސުޕަ ކަޕްގެ ޗެންޕިއަންކަން ބަޔާންއިން ހޯދައިފި

ފަހަތުން އަރާ ސެވިއްޔާ ބަލިކުރުމަށް ފަހު ޔޫއެފާ ސުޕަކަޕް ޔޫރަޕާއި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ. ރޭގެ މި މެޗުގައި ބައްދަލުކުރީ ޗެންޕިއަންސް ލީގް ކާމިޔާބު ކުރި ބަޔާން މިއު...

25 Sep 2020 | 03:11

ފަހަތުން އަރާ ސެވިއްޔާ ބަލިކުރުމަށް ފަހު ޔޫއެފާ ސުޕަކަޕް ޔޫރަޕާއި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކުން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މި މެޗުގައި ބައްދަލުކުރީ ޗެންޕިއަންސް ލީގް ކާމިޔާބު ކުރި ބަޔާން މިއުނިކް އަދި ޔުއެފާ ޔޫރޯޕާ ލީގް ކާމިޔާބު ކުރި ސެވިއްޔާ އެވެ.

20،000 ސަޕޯޓަރުން ދަނޑަށް ވައްދައިގެން ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި ކުޅުނު މި މެޗު ބަޔާން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި އަވަސް ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ  ސެވިއްޔާއިންނެވެ. މި ގޯލް އެޓީމަށް ޖަހައިދިނީ  އޮކަމްޕަސްއެވެ. ސެވިއްޔާއަށް ލިބުނު މި ޕެނަލްޓީ އަކީ  ބަޔާންގެ ޑިފެންޑަރު އަލަބާ ޕެނަލްޓީ އޭރިއާ ތެރެއިން ސެވިއްޔާގެ ރަކިޓިޗްއަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

ބަޔާންއަށް މެޗުގެ ނަތީޖާ އެއްވަރު ކޮށްދިނީ 34 ވަނަ މިނެޓުގައި ލެވެންޑޯސްކީގެ އެހީތެރި ކަމާއި އެކު ގޮރެޓްޒްކާއެވެ.

ބަޔާންގެ ދެވަނަ ގޯލް ފެނުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުގެ ސަބަބުން ކުޅުނު އިތުރު ގަޑީގެ ފުރަތަމަ ހާފުގައެވެ. މި ގޯލް ބަޔާންއަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ހާވިއާ  މާޓިނޭޒްއެވެ.

ބަޔާންގެ މި މޮޅާއެކު ހުރިހާ މުބާރާތަކުން އެޓީމް ބަލިނުވެ 32 މެޗުން ހަމަކުރެވުނީއެވެ. އަދި ރޭގެ މެޗުން މޮޅުވެ ޔޫއެފާ ސުޕަކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ އެޓީމުން މި ކަޕް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.

މީގެކުރިން ބަޔާންއިން ސުޕަކަޕް ކާމިޔާބު ކޮށްފައިވަނީ 2013 ވަނަ އަހަރު ޗެލްސީ ބަލިކުރުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް