އިންޑިއާގައި ހަކުރުގެ އަގު ކުއްލިއަކަށް ބޮޑުވީ ވިޔަފާރިވެރިންގެ ސަބަބުން ކަމަށް ބުނޭ --
އިންޑިއާގައި ހަކުރުގެ ރީޓެއިލް އަގު "ޠަބީޢީ ނޫން" މިންވަރަށް މައްޗަށް ގޮސްފައިވަނީ ހަކުރުގެ ސަޕްލައި ދަތިކަމެއް އުޅޭތީ ނޫން ކަމަށް އިންޑިއާގެ ހަކުރު ސިނާޢަތުގެ މައި ޖަމިއްޔާ އިންޑިއަން ޝުގާ މިލްސް އެސޯސިއޭޝަން (އިސްމާ) އިން ބުނެފި އެވެ.
އިންޑިއާގެ ރީޓެއިލް ބާޒާރުގައި ހަކުރު ކިލޯއެއް އެވެރެޖުކޮށް މިއަދު ވިއްކެނީ 63 ރުޕީސް އަށެވެ. މީގެ މަހެއް ކުރިން މި އަގު ހުރީ 48.7 ރުޕީސް ގައި ކަމުން އެއީ 29 އިންސައްތައިގެ ކުއްލި އުފުލުމެއް ކަމަށް ރިޕޯތުތައް ބުނެ އެވެ. އިސްމާ އިން ބުނީ ރީޓެއިލް އަގުތައް އެކަށީގެންވާ ހަމައަކަށް ގެނެވެން ބޭނުންވާ ކަމަށާއި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި އަގު ދަށްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ހަކުރުގެ އަގަށް އައި ކުއްލި ބަދަލަކީ ބޮޑެތި ގަނެވޭ ފަރާތްތަކުން ހަކުރު ސްޓޮކް ކުރުމާއި ބާޒާރުގައި ދޮގު ތާށިކަމެއްގެ މަންޒަރު ދައްކައިގެން ކުރާ ވިޔަފާރީގެ ސަބަބުން އައި ބަދަލެއް ކަމަށެވެ. ހަކުރުގެ އަގު މައްޗަށް ދިޔުމުގެ އިތުރު ސަބަބުތަކުގެ ތެރޭގައި ލަފާކުރި ވަރަށް ވުރެ އުފެއްދުން ދަށްވުމާއި މޫސުމީ ޙާލަތާއި ދަނޑުތަކަށް ޖެހުނު ބަލި ހިމެނޭ ކަމަށް އިސްމާ އިން ފާހަގަކޮށްފައިވެއެވެ.
އިސްމާގެ ރައީސް ނީރާޖް ޝީރްގާއޮކާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނީ އަގު ބޮޑުވީ ހަކުރު ލިބެން ހުރި މިންވަރު ދަށްވެގެން ނޫން ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ބައެއް ވިޔަފާރިވެރީން ހަކުރު ދަތިވާކަމުގެ އޮޅުވާލުމެއް އުފައްދައި އެކަމާ ހެދި ބޮޑެތި ގަނެވޭ ފަރާތްތައް އެއް ފަހަރާ ދޮޅު މަހާއި ދެ މަހުގެ ސްޓޮކް ގަނެ ރައްކާކުރީ ކަމަށް ބުންޏެވެ.
އެހެންވެ ބާޒާރުން ހަކުރު ދަމައިގަނެ ގުދަންތަކަށް ވައްދައި ސީދާ ސަޕްލައިއާ އެއްވެސް ގުޅުމެއް ނެތް ޞިނާޢީ ތާށިކަމެއް އުފެއްދީ ކަމަށް ބުންޏެވެ/
ހަކުރު ހަކަތަ އުފެއްދުމަށް ބޭނުންކުރާތީ ސަޕްލައި ދަށްވީ ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތު އިސްމާ އިން ދޮގުކޮށްފައިވެއެވެ. އެ ޖަމިއްޔާއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުން މިއަހަރުގެ ސެޕްޓެމްބަރާއި ހަމައަށް ހަކަތަ އުފެއްދުމަށް ބޭނުން ކޮށްފައިވަނީ 290 ކްރޯޑު ލީޓަރު ކަމަށެވެ. އިންޑިއާގެ އެތެރެއާއި އެކްސްޕޯޓުގެ ބޭނުމަށް ފުދޭ ވަރުގެ ސްޓޮކެއް ޔަޤީންކުރުމަށް ފަހުގައި ނޫނީ ހަކަތައަށް ހަކުރު ހާއްސަ ނުކުރާނެ ކަމަށް ބުންޏެވެ.
ނީރާޖް ބުނީ ސެޕްޓެމްބަރު ނިމޭ އިރު ގާތްގަނޑަކަށް 35 ލައްކަ ޓަނުގެ ކްލޯޒިން ސްޓޮކެއް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެއީ ދާޚިލީ ޑިމާންޑަށް ފުދޭ ރަނގަޅު މިންވަރެއް ކަމަށެވެ. އޭގެ އިތުރުން ޑިއުޓީ ފްރީ އިމްޕޯޓް ހުޅުވައިލުމާއި ސްޓޮކް ހޯލްޑިން ލިމިޓް ހަރުކަށި ކުރުމާއި ޚާއްޞަ ކްރަޝިން ކުރިއަށް ގެންދިޔުމާއި އައު ސީޒަން އަވަހަށް ފެށުން ފަދަ ސަރުކާރުގެ ފިޔަވަޅުތަކުން ސަޕްލައި ރަނގަޅުވެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.
އެ ޖަމިއްޔާއިން ލަފާ ކުރާގޮތުގައި އަންނަ ހަފްތާއިން ފެށިގެން އިންޑިއާގައި ހަކުރުގެ އަގު ދަށްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް