އެމެރިކާ ޑޮލަރުތަކެއް ގުނަނީ --
ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް ބޭރު ފައިސާއާ ބެހޭ ޤާނޫނު އިސްލާހުކުރުމާ މެދު އިންތިހާ ދަރަޖައަށް ކަންބޮޑުވާ ކަމަށް ރިސޯޓު ވިޔަފާރިވެރިންގެ ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު ބުނެފިއެވެ.
ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ތެލާއި މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ ގްރީން ޓެކްސް ވިތުހޯލްޑިން ޓެކްސް އިންކަމް ޓެކްސް) އާއި ކުއްޔާއި ބޭރު ފައިސާއިން ދައްކާ ލޯނުތައް ފަދަ ގިނަ ޚަރަދުތައް ޑޮލަރުން ހަމަޖައްސަން ޖެހޭތީ އާމްދަނީގެ އެހާ ބޮޑު ބައެއް މާރުކުރުމަކީ ރިސޯޓު ސިނާއަތަށް ތަހައްމަލުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ބައެއް ރިސޯޓު އޮޕަރޭޓަރުން ޤާނޫނާ ޚިލާފު މާލީ މުޢާމަލާތްތައް ހިންގައި ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު ބޮޑުކުރާ ކަމަށް ސަރުކާރުގެ ތަހުޤީޤަކުން ތުހުމަތުކޮށްފައި ވީ ނަމަވެސް މަޓީން ބުނެފައިވަނީ އެފަދަ އެއްވެސް މަޢުލޫމާތެއް އެ ޖަމިއްޔާއަށް ލިބިފައި ނުވާ ކަމަށެވެ. މަދު އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުޤީޤުކުރެވޭތީ މުޅި ސިނާއަތް ބޮލުގައި ކަޅު ބާޒާރުގެ ތުހުމަތު އެޅުވުމާއި ހުރިހާ ރިސޯޓުތަކަށް އަމާޒުކޮށް ފިޔަވަޅު އެޅުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެ ޖަމިއްޔާއިން އަބަދުވެސް އިލްތިމާސްކުރާ ކަމަށް މަޓީން ބުނެފައިވެއެވެ.
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ އެކު ކުރިން ބޭއްވި ބައްދަލުވުންތަކުގައި މާރުކުރަންޖެހޭ ނިސްބަތް 10 ޕަސެންޓަށް ވުރެ މައްޗަށް ނުގެންދިއުމަށް ހުށަހެޅި ކަމަށާއި ޤާނޫނީ ގޮތުން އިސްތިސްނާއަށް އެދިފައިވާ ރިސޯޓުތަކަށް އަވަހަށް ޖަވާބެއް ދިނުމަށް ވެސް އެދިފައިވާނެ ކަމަށް މަޓީން ބުނެފައިވެއެވެ. ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ދެ ފަރާތަށް ވެސް އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ތައްޔާރަށް އޮތް ކަމަށް ވެސް އެ ޖަމިއްޔާއިން ހާމަކޮށްފައިވެއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިޢުލާނުކުރެއްވި ގޮތުގައި ބޭރު ފައިސާއާ ބެހޭ ޤާނޫނުގައި މިހާރު ހިމެނޭ ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު އުވައިލައި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ކޮންމެ މަހަކު 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ޤާނޫނު އިސްލާހުކުރުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެއެވެ. މިހާރު ޤާނޫނުގައި އޮންނަ ގޮތުން ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް ދެ އިޚުތިޔާރެއް ލިބެއެވެ އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން މާރުކުރުން ނުވަތަ ޖުމްލަ އާމްދަނީގެ 20 ޕަސެންޓު ބޭންކަށް ވިއްކުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް