ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކުގެ ދަތިކަން މާލޭ ސިޓީގައި ކުރިމަތިވެ އަތޮޅު ތެރެއާ ރާއްޖެއިން ބޭރުން ޑޮކްޓަރުންނާއި ނަރުހުން ގެންނަން ފަށައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓެގްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މާލެ ސަރަހައްދުގައި ކޯވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ 62 ޕަސެންޓު ފުރިފައިވާއިރު އެ ތަންތަނުގައި ފަރުވާ ދޭނެ ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަން ކުރިމަތިވަމުންދާ ކަމަށެވެ. އެހެންވެ ފަރުވާ ދޭން ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ،
އޭނާ ވިދާޅުވީ މިހާރު އަތޮޅު ތެރޭގެ ބައެއް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން މާލެ ގެނެސް ކޯވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރާއްޖެއިން ބޭރުންވެސް ނަރުހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިސަރަހައްދުގެ ބައެއް ގައުމުތަކުގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދާތީ އިންޑިއާ ފަދަ ގައުމުތަކުން ސިއްހީ ހިދުމަތްތެރިން ހޯދުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑޮކްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ކޯވިޑް ފެތުރެމުންދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ އިންސާނީ ވަސީލަތްތައް މަދުވެގެން އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއިވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ސިއްހީ ދާއިރާއިން ރިޓަޔާ ވެފައި ތިބި ފަރާތްތަކަށް ވެސް ހިދުމަތަށް ނުކުތުމަށް އެދެމުންދާ ކަމަށެވެ.
ކޯވިޑަށް ޕޮސިޓިވްވާ މީހުންނަށް އެޑްމިޓްކޮށްގެން މާލެ ސަރަހައްދުގައި ފަރުވާ ދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ. އެޗްއީއޯސީން ބުނީ އާއިލާގެ އެއްވެސް މީހަކަށް ކޯވިޑް ބަލި މީހުންނަށް ޒިޔާރަތް ނުކުރެވޭތީ، އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް ފަރުވާ ދިނުމުގެ އިތުރުން ކާން ދިނުމާއި ސާފުކޮށް ބެލެހެއްޓުމަކީވެސް ނަރުހުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް 7،000 އަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވާއިރު 28 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް