ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރު ހޯދުމަށް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އާއި މަޝްވަރާކޮށް ހިޔާލު ހޯއްދެވީ ރަސްމީ ހައިސިއްޔަތުން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން ހަވާލު ކުރީ ދިވެހި ދެ ކުންފުންޏާއި ދުބާއީގެ އެގްޒެކިއުޓާ ޖެނެއަލް ޓްރޭޑީން އާއި އެވެ. މީގެ ތެރެއިން ދުބާއީ ކުންފުންޏާއި ވެންޓިލޭޓަރު ގަންނަން ހަވާލު ކުރީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތް މިނިސްޓްރީން ބުނި ނަމަވެސް އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އެ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ޑަބްލިއުއެޗްއޯއިން ވެންޓިލޭޓަރު ގެނައުމަށް އެހީވުމާއި ގުޅޭގޮތުންނާއި ވަކި ކުންފުންޏަކާއި ހަވާލު ކުރުމަށް ލަފާދީފައި ނުވާކަމަށް ބުނާ ކަމަށެވެ.
އެ މައްސަލައިގަ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު އަރްވިންދް މާތޫރް އާއި ވެންޓިލޭޓަރު ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި ގުޅޭގޮތުން ވާހަކަ ދެއްކީ ރަސްމީ ހައިސިއްޔަތުން ކަމަށެވެ. އޭނާ ވިދާޅުވީ އަރްވިންދާއި އެކު ކުރެވުނު މަޝްވަރާތަކީ މިއަދުވެސް އަދި ކުރިޔަށް އޮތްތާވެސް ގަބޫލު ކުރައްވާނެ ގޮތުގައި ރަސްމީ މުއާމަލާތްތަކެކެވެ.
މިނިސްޓަރު ވިދާޅުވީ ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާއި ހަވާލު ކުރީ ވީހާވެސް އަވަހަކަށް ވެންޓިލޭޓަރުތައް ގެނައުމަށް ކަމަށެވެ. އަދި ދިވެހި ދެ ކުންފުންޏަށް ވެންޓިލޭޓަރުތައް ގެނައުމުގައި ދަތިތަކާއި ދިމާވެ ކަނޑައަޅާފައިވާ ތާރީހަށް ނުގެނެވިދާނެތީ މިނިސްޓްރީގެ އަމާޒަކަށްވީ ވީހާވެސް އަވަހަކަށް ވެންޓިލޭޓަރުތައް ގެނެވޭނެ މަގެއް ހޯދުން ކަމަށެވެ.
އަމީން ވިދާޅުވީ ވެންޓިލޭޓަރު ލިބުމުގައި އުނަދގޫތަކެއް އުޅޭކަމަށް ބުނެ ޑަބްލިއުއެޗްއޯގެ މަންދޫބާއި އެކަން ހިއްސާ ކުރެއްވީ އޭނާގެ އަމިއްލަ އިސްނެންގުމަށް ކަމަށެވެ. އަދި އޭގެ ދެ ދުވަސް ފަހުން ގުޅޭނެ ނަމްބަރަކާއި ނަމެއް ދެއްވި ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން އަދި ވިދާޅުވީ، އެކަން ކުރީ ސިއްރު ސިއްރުވެސް ނޫން ކަމަށާއި މާލީ ޒިންމާދާރުވެރިޔާ އަދި ބިޑް ކޮމިޓީއާވެސް އެ މައުލޫމާތު ހިއްސާ ކުރި ކަމަށެވެ.
ޑަބްލިއެޗްއޯއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން ޑަބްލިއެޗްއޯއިން ގަބޫލު ކުރާ ވެންޓިލޭޓަރު ސަޕްލައިކުރާ ކުންފުނިތަކުގެ ލިސްޓެއް އެ އިދާރާއިން މިނިސްޓްރީއާ ހިއްސާކޮށްފައެއް ނުވެ އެވެ. އަދި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަކީ ޑަބްލިއެޗްއޯއިން އެއްވެސް އިރެއްގައި ވިޔަފާރީގެ މުއާމަލާތެއްވެސް ހިންގާފައި ނުވާ ކުންފުންޏެއް ކަން އޮޑިޓްގައި ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް