ބުއްދި ގަބޫލު ކުރާ ޖަވާބެއް ދެއްވުމަށް މައުމޫން ނަޝީދުގެ އަރިހުން އެދިވަޑައިގެންފި

ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ބަހުސްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަހުގެ ހަމަލާއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައިފި އެވެ. ދެބޭފުޅުންގެ މެދުގައި ބަހުސް ފެށ...

25 Aug 2020 | 07:14

ވެރިކަމުގެ ނިޒާމު ކަނޑައެޅުމުގެ ބަހުސްގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ބަހުގެ ހަމަލާއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވައިފި އެވެ.

ދެބޭފުޅުންގެ މެދުގައި ބަހުސް ފެށުނީ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސޯދީ ގޮތުން ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ މައުމޫން ޓްވީޓެއް ކުރެއްވުމުންނެވެ. އެ ޓުވީޓުގައި މައުމޫން ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް 2007 އަހަރު ބޭއްވި ވޯޓުގައި ބޮޑު އަގުލަބިއްޔަތަކުން ރައްޔިތުން ނިންމާފައި ވާ ކަމަށެވެ.

މިކަމާ ހިތްހަމަނުޖެހުން ފާޅު ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްގައި އެމަނިކުފާނު އޮޅުވާލައްވާފައިވާ ކަމަށެވެ. އަދި ވޯޓު ނެގުމުގައި މަކަރު ހައްދަވާފައިވާ ކަމަށާއި އޮޅުވާ ނުލެވުނު ވޯޓަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ޓުވީޓަށް ރައްދު ދެއްވައި މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެރަވެވަޑައިގެންނަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ. މައުމޫން ވަނީ 30 އަހަރު ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއް އެމަނިކުފާނު އޮޅުވާލެއްވި ކަމަށް ވިދާޅުވި އިރު 2008 ގެ އިންތިހާބު އޮޅުވާނުލެވުނީ ކީއްވެތޯ ސުވާލު ކުރައްވާފައި އެވެ.

މައުމޫން ވަނީ ބުއްދި ގަބޫލު ކުރާ ޖަވާބެއް ދެއްވުމަށް ރައީސް ނަޝީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

https://twitter.com/maumoonagayoom/status/1298122270829813761

ވެރިކަމުގައި ނިޒާމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށާފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނިކޮށެވެ. މި މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.

މަޖިލީހަށް މި މައްސަލަ ހުށަހެޅި ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ އާންމު ވޯޓަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް