އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރު ކޮށްފި އެވެ.
އެ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މި ހަފްތާ ތެރޭގައި ކޯލިޝަނުން ހިންގުމަށް ހަމަޖެހިފައިވާ ސިޔާސީ ހަރަކާތްތަކާއި ގުޅިގެންނެވެ. ކޯލިޝަންގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރިކަން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައިވެ އެވެ.
ކޯލިޝަންގެ ވެރިން ފުލުހަށް ހާޒިރު ކުރީ މިއަދު ބާއްވަން ހަމަޖެހިފައިވާ މުޒާހަރާ އަކާއި ގުޅޭގޮތުން މައުލޫމާތު ސާފު ކުރުމަށެވެ.
އެ މުޒާހަރާ ކުރުމަށް ހަމަޖެހިފައިވަނީ މާފުށީ ކައިރީ ކަނޑުމަތީގައި އެވެ. މުޒާހަރާ ކުރާ އެއްވެސް މީހަކު މާފުއްޓަށް ނާރާނެ ކަމަށް ކޯލިޝަނުން ބުނެ އެވެ.
އެ މުޒާހަރާ އަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން އަންނަ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރާ މުޒާހަރާތަކުގެ ފެށުމެވެ. ސިލްސިލާކޮށް ކުރިޔަށް ގެންދަން ނިންމާފައިވާ އެ މުޒާހަރާގެ ތެރެއިން އަންނަ ހުކުރު ދުވަހު މާލެ ފިޔަވާ ހުރިހާ ރަށެއްގައި މުޒާހަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މުޒާހަރާތަކާއި ގުޅިގެން އިއްޔެ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ވަނީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ސިޔާސީ ހަރަކާތް ހިންގާނަމަ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ދެއްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް