ކޯވިޑާއި ގުޅިގެން ކުޑަކުރި މުސާރަތައް އިޔާދަ ކުރަން ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ކުޑަކުރި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މި މަހުން ފެށިގެން ބޮޑު ކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ. ކޯވިޑާއި ގުޅިގެން މުސާރަ ކުޑަކުރީ ރައީސް، ނައިބު ރައީސް، ވަޒ...

25 Aug 2020 | 06:19

ކޯވިޑް-19 އާއި ގުޅިގެން ކުޑަކުރި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މި މަހުން ފެށިގެން ބޮޑު ކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

ކޯވިޑާއި ގުޅިގެން މުސާރަ ކުޑަކުރީ ރައީސް، ނައިބު ރައީސް، ވަޒީރުން، މަޖިލީސް މެމްބަރުން، މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި 20،000 ރުފިޔާއިން ފެށިގެން މަތީގެ މުސާރަ ލިބޭ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އެވެ. މުސާރަ ކުޑަ ކުރީ ތިން މަސް ދުވަހަށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމާއި ގުޅޭގޮތުން ކުރިން ނެރުނު ދެ ސާކިއުލާ ބާތިލްކޮށްފައި ވާ ކަމަށެވެ. އެ ދެ ސާކިއުލާ އަކީ މުވައްޒަފުންގެ މުސާރަ ކުޑަކުރުމާއި، އެލަވަންސްތައް ކުޑަކުރުމާއި ހަރަދު ކުޑަކުރުމާއި ގުޅޭގޮތުން ނެރުނު ދެ ސާކިއުލާއެކެވެ.

ފިނޭންސުން ވަނީ އެ ސާކިއުލާތަކުގައި ވާ ކަންކަމަށް މި މަހުން ފެށިގެން އަމަލު ކުރުން ހުއްޓާލުމަށް އަންގާފައި އެވެ. އަދި ރޭ ނެރުނު ސާކިއުލާގައި ވަނީ މުވައްޒަފުންނަށް ހިނގާ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އާ މުވައްޒަފުން ނުނެގުމާއި މުވައްޒަފުންނަށް ދެމުން އައި އެލަވެންސްގެ އިތުރުން އާ އެލަވެންސެއް ނުދިނުމާއި އިތުރު ގަޑީގެ ހަރަދުތައް ރޭވިފައިވާ ގޮތަށް މަސައްކަތް ރޭވުމަށް އަންގާފައި އެވެ.

މުސާރަ ކުޑަކުރި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. މަޖިލީހުން ފާސްކޮށްފައިވަނީ ތިން މަސް ދުވަހަށް މުސާރަ ކުޑަކުރަން ކަމަށްވާއިރު އެ މުއްދަތު މަޖިލީހުން އިތުރުކޮށްފައި ނުވުމަކީވެސް ކުޑަކުރި މުސާރަތައް އިޔާދަ ކުރަން ޖެހުނު ސަބަބެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް