ރާއްޖޭގައި 2007 ވަނަ އަހަރު ބޭއްވި ވެރިކަން ހިންގާނެ ނިޒާމެއް ކަނޑައެޅުމުގެ ވޯޓު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އޮޅުވާލެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ސިޔާސީ، އިޖްތިމާއީ އަދި އިގްތިސޯދީ ގޮތުން ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ މައުމޫން ޓްވީޓެއް ކުރައްވާފައިވަނިކޮށެވެ. އެ ޓުވީޓުގައި މައުމޫން ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް 2007 އަހަރު ބޭއްވި ވޯޓުގައި ބޮޑު އަގުލަބިއްޔަތަކުން ރައްޔިތުން ނިންމާފައި ވާ ކަމަށެވެ.
މިކަމާ ހިތްހަމަނުޖެހުން ފާޅު ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްގައި އެމަނިކުފާނު އޮޅުވާލައްވާފައިވާ ކަމަށެވެ. އަދި ވޯޓު ނެގުމުގައި މަކަރު ހައްދަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް މައުމޫން 2007 ވަނަ އަހަރު ބޭއްވި ނިޒާމު ކަނޑައެޅުމުގެ ވޯޓުވެސް އޮޅުވާލައްވާފައިވާ ކަމަށެވެ. ހަމަ އެކަނި އޮޅުވާ ނުލެވުނު ވޯޓަކީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ކަމަށާއި އެ ވޯޓުން ރައީސް މައުމޫން ބަލިވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
https://twitter.com/MohamedNasheed/status/1297969487115718656
https://twitter.com/maumoonagayoom/status/1297948570146938880
ވެރިކަމުގައި ނިޒާމުގެ ވާހަކަ އަނެއްކާވެސް ދެކެވެން ފަށާފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައި ވަނިކޮށެވެ. މި މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރައްވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ.
މަޖިލީހަށް މި މައްސަލަ ހުށަހެޅި ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ އާންމު ވޯޓަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް