ސިލްސިލާ ވާހަކަ: ޒާރާ - ސައުވީސްވަނަ ބައި

''އެންމެން ހަމަވީތަ..... ކޮބާ ހާމިދު...'' އަލިބެ ވަށައިގެން ހޯދާލިއެވެ. ހާމިދު ފެންނާކަށް ނެތެވެ. ''އެވާނީ އޮށޯތީކަމަށް..... އެހެންނޫނަސް މިކަހަ ފާޑުފާޑުގެ އެއްޗިއްސެއް އޭނާ ނުކާނެ....އަޅާނުލާ ކުރިއަށ...

24 Aug 2020 | 22:36

''އެންމެން ހަމަވީތަ..... ކޮބާ ހާމިދު...'' އަލިބެ ވަށައިގެން ހޯދާލިއެވެ. ހާމިދު ފެންނާކަށް ނެތެވެ.

''އެވާނީ އޮށޯތީކަމަށް..... އެހެންނޫނަސް މިކަހަ ފާޑުފާޑުގެ އެއްޗިއްސެއް އޭނާ ނުކާނެ....އަޅާނުލާ ކުރިއަށް ގެންދަމާ....'' ނާޒިމާ އެންމެންގެ ހިތަހަމަ ޖައްސައިދިނެވެ.

''މީ އެންމެ ރަނގަޅުވަގުތުހެން ހީވަނީ... މަންމަމެންގެ ނިންމުން ދަރިފުޅުމެނަށް ހުށައަޅަން.... ނޫންތަ ނާޒިމާ...'' އަލިބެ ކޯކުތަށިން އެތިފޮދެއް ބޯލިއެވެ.

'' ނޫނޭ މިއީ ހަމަ އެންމެ ރަނގަޅު ވަގުތު... ދޯ ސަރީފާއްތާ....'' ޒައިދުގެ ތައްޓައް އިތުރު ޕިއްޒާ ފޮއްޗެއް ލައިދެމުން ނާޒިމާ ޖަވާބުދިނެވެ.

އެންމެންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާ ހަމަޖެހުމުގެ އަސަރުތަކެވެ. ޒާރާ ފިޔަވައެވެ. އެ މޫނުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. އުންމީދެއް، ދިރުމެއް ނެތެވެ. އެ ރީތި ލޮލުގެ ވިދުން ވަނީ ކެނޑިފައެވެ. އެ ނާޒުކު ފިނިފެންމަލެއްގެ ފިޔަފަދަ ދެ ތުންފަތުގައި ވަނީ ހަމަހިމޭންކަމެވެ.

''ޒާރާ.... ދަރިފުޅު ކަމަކާ ވިސްނަނީތަ؟.... ހާދަ މަޑުމަޑުން ތި އިންނަނީ...'' ސަރީފާ ޒާރާގެ ގާތަށް ޖެހިލަމުން ކޯކުއަޅާފައިހުރި ތައްޓެއް ދިއްކޮށްލިއެވެ. ޒާރާ ތަށީގައި ހިފުމަށްފަހު ޖަވާބު ދިނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

''އިމްރާނާ ޒާރާގެ ކައިވެނި އަންނަ އޮގަސްޓް މަހު އެކެއްގައި ކުރާގޮތަށް މަންމަމެން ނިންމައިފިން..... މިކަމާ ދަރިފުޅުމެން ބުނަނީ ކީކޭ....'' އިމްރާންގެ މޫނަށް ބަލާލުމަށްފަހު ޒާރާގެ މޫނަށް ނާޒިމާ ކަޅި ހިންގާލިއެވެ. އަލިބެއާ ސަރީފާ އަތްތިލަބަޑި ޖަހާލިއެވެ. އިމްރާންވެސް އިނީ ހެވި ދިލިފައެވެ. ޒައިދުގެ މޫނަށް ވެރިވެފައިވަނީ ހައިރާންކަމެވެ.  އޭނާއަށް ބެލެނީ ޒާރާ އާ ދިމާލަށެވެ. އެތާތިބި މީހުންގެ ތެރެއިން، އާދިލް އާ ޒާރާގެ ގުޅުން އެނގޭ ހަމައެކަނި މީހަކީ ޒައިދެވެ. ޒާރާގެ ހިތަށް ކުރާނެ އަސަރު ޒައިދަށް އިހްސާސް ކުރެވުނެވެ. ޒާރާގެ ހަމަހިމޭންކަން ޒައިދުގެ ހިތަށް ތަދުކޮށްފިއެވެ.

''އިމްރާން... ދަރިފުޅު ކީކޭ ބުނާނީ މިކަމާ.... އެ ތާރީޚް ރަނގަޅުތަ؟.....'' އަލިބެ އިމްރާންގެ މޫނަށް ބަލާލިއެވެ. އަމިއްލަ ދަރިއެއް ނޫނަސް އަބަދުވެސް އިމްރާނަށް އަލިބެ ގޮވަނީ ދަރިފުޅުގެ ނަމުންނެވެ. ސަރީފާ އާ އަލިބެ ކައިވެނީގެ ގޮތުން ގުޅުނީ، ސަރީފާ ހުވަފަތްވެފައި އިންނަތާ ދެއަހަރު ވީފަހުންނެވެ. އޭރު ކުޑަކުޑަ އިމްރާންގެ އުމުރުން އެންމެ ތިން އަހަރެވެ. އަލިބެއަކީ ފައިސާއާއި މުދާ ގިނަ މީހެއް ނަމަވެސް ދަރިއަކު ލިބުމުގެ ނަސީބު ލިބިފައި ނުވާ މީހެކެވެ. އެހެންކަމުން އިމްރާން އަކީ އަލިބެގެ އުފަން ދަރިއެއް ނޫން ކަމުގެ އިހްސާސް ވިޔަނުދީ އިމްރާން ބަލާ ބޮޑުކުރީ ނުހަނު ލޯތްބާ އެކުގައެވެ. ބައްޕަ ދުނިޔޭގައި ނެތްކަމުގެ އިހްސާސް އިމްރާނަށް ވިޔަކަ ނުދެއެވެ.

''ބައްޕަމެންނަށް ރަނގަޅުގޮތެއް އެންމެރަނގަޅު....'' އިމްރާން ބަލާލީ ޒާރާގެ މޫނަށެވެ. ޒާރާ ހަމަ އެ އިންގޮތަށް އިނީއެވެ. އިސްޖަހާލައިގެންނެވެ.

''ޒާރާ ކީކޭ ބުނަނީ....'' ނާޒިމާގެ ސުވާލު އަމާޒުވީ ޒާރާ އަށެވެ.

އެންމެން އެއްފަހަރާ ޒާރާ އާ ދިމާލަށް ބަލާލިއެވެ.  އެންމެންވެސް ޒާރާގެ ޖަވާބަކަށް އިންތިޒާރު ކުރާކަހަލައެވެ. ޒާރާއަށް ކުރެވެމުންދާ އިހްސާސްތައް އެއްވެސް މީހަކަށް އެނގޭހެނެއް ހިޔެއް ނުވެއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ޒާރާ ބޭނުންވީ އެތަނުން ދެތުވެގެން ދާށެވެ. އިމްރާނާ ކައިވެނި ކުރުމަކީ ޒާރާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އާދިލް ފިޔަވާ އެހެންމީހަކާއެކު ހަޔާތެއް ވޭތުކުރުމަކީ ޒާރާ ދުވަހަކުވެސް އުއްމީދު ކުރިގޮތެއް ނޫނެވެ.

ޒާރާ ތެދުވެއްޖެއެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފަހައްޓާލެވުނީ ކޮޓަރިއަށް ވަދެވެންދެނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތް މަތިން ކަރުނަ އޮހިގެންފިއެވެ. އެނދުމައްޗަށް ވެއްޓިގަނެވުމާއެކު ބާލީހުގައި މޫނުޖަހާ ރޯންފެށިއެވެ.

ނާޒިމާއަށް ހީވީ  އޭނާގެ މޫނުމަތީގައި މީހަކު ވަރުގަދަ އެތިފަހަރެއް ޖެހިހެންނެވެ. ޒާރާ އެގޮތަށް އެންމެންތެރޭގައި ނުރުހުން ފާޅުކުރުމަކީ ނާޒިމާ އުންމީދު ކުރި ގޮތެއް ނޫނެވެ. އެތައް ދުވަހެއް ކުރިއްސުރެ ރާވަމުން އައި ރޭވުން ކާމިޔާބީގެ ހަރުފަތަށް ވާސިލްވުމަށް ފައިނެގުމާއެކު، ވެއްޓި، ވެއްޔާ މޮޑެވިގެންދާތަން ދެކޭކަށް ނާޒިމާއަކަށް ކެތެއް ނުކުރެވޭނެއެވެ. ދެކެމުން އައި ފޮނި ހުވަފެންތަކުގައި ކުލަޖެހި، އެ ހުވަފެންތައް ހަޤީގަތަކަށް ވުމުގެ ކޮޅުމަތި ފެނިފައިވަނިކޮށް، އެ ހުވަފެންތައް ވިއްސިވިހާލިވެގެންދާން ނާޒިމާއަށް ދޫކޮށް ލެވޭނީ ކިހިނެއް ހެއްޔެވެ. ނަފުރަތާ ރުޅިވެރިކަން ހިތުތެރޭގައި އުތުރިގެންފިއެވެ.

''އެމަންޖެ މާ ބޮޑަށް ވަރުބަލި ވީކަންނޭގެ.... ޑިއުޓީއަށް ދަމުންވެސް ބޮލުގަ ރިއްސާ ވާހަކަ ބުނެފައޮތީ.... އެހެންވެހެން ހީވަނީ އެއްޗެކޭ ނުބުނެ އެ ދިޔައީ... އެހެންނޫނަސް ޒާރާ އަކީ ނިކަން ލަދުރަކި ކުއްޖެއް.....'' ނާޒިމާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން އެންމެންގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ހޯދާދޭން މަސައްކަތް ކުރިއެވެ.

''ދަރިފުޅުވެސް ދެން ވަދޭ އޮށޯންނަން... މާދަމާ އޮފީހަށްވެސް ދާންޖެހޭނެއެއްނު.... މިހާރު އެހެރަ އެކެއް ޖަހަނީ....'' ޒައިދަށް ބަލާލަމުން ނާޒިމާ ވާހަދެއްކިއެވެ. ފޯނަށް ބަލާލަމުން، އިމްރާން ގާތުގައި ދަނީކަމުގައި ބުނަމުން ކޮޓަރިއާ ދިމާލަށް ޒައިދު ހިނގައިގަތެވެ.

'' އަހަރެން ވާހަކަދައްކާނަން އެމަންޖެއާ...'' ނާޒިމާ ހަމަޖެހޭގޮތް ދައްކަމުން އިންތަނުން ތެދުވިއެވެ.

''ޒާރާ އަރާމުކޮށްލަން ބާއްވާ.... މިރޭދެން ގޮވާނެ ކަމެއްނެތް.... މާދަމާ ރަނގަޅުވާނެ އެއްނު... އަހަރެންވެސް އަންނާނަން އެމަންޖެއާ ވާހަކަދައްކާލަން....'' ސަރީފާވެސް އިންތަނުން ތެދުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން އިމްރާން އާއެކު އަލިބެވެސް ދެތުވިއެވެ. ނާޒިމާއަށް ކެތްކުރެވުނީ އެމީހުން ދޮރާށިން ބޭރުވަންދެނެވެ.

ދޫކޮށްލި ތީރެއްހާ ހަލުވި ކަމާއެކު ގޮސް ޒާރާގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. ފަޑު އަލީގެ ތެރެއިން، އެނދުމަތީގައި ބަންޑުން އޮތް ޒާރާ ފެނުމުން ހިތުގައިވާ ރުޅިވެރިކަން އިންތިހާއަށް ގަދަވެގެން ދިޔައެވެ. ނަފުރަތުގެ އަލިފާންގަނޑު އުތުރިގެންފިއެވެ. ދޮރުލައްޕާ ތަޅު ލުމަށްފަހު އެނދުކައިރިއަށް ހުއްޓުނެވެ. ބޮލާއެއްކޮށް ބާލީސްއަޅާ ބޮނޑިކޮށްލައިގެން އޮތް ޒާރާގެ ބޯމަތިން ބާލީސް ދަމައިގަތެވެ. ޒާރާ އަށް ތެޅިގަނެވުނެވެ. ފުންމައިގެން ތެދުވެވުނެވެ. ހިތް ޑަންޑަން ލާފައި ތެޅެންފެށިއެވެ. މަންމަގެ މޫނުން ފެންނަން ހުރި ރުޅިވެރިކަން ނިދާބޮކީގެ ފަނޑު އަލީގެތެރެއިން ޒާރާއަށް ފާހަގަ ކުރެވުނެވެ. ކަޅި އަޅައިގެން ޒާރާގެ މޫނަށް ބަލަންހުރި އިރު، ދެލޮލުން ނަފުރަތުގެ ކަނި ބުރަމުންދެއެވެ. އޭގެ ހޫނުން ފިއްސަމުންދިޔައީ އެއްވެސް ކުށެއްނެއް މައުސޫމު ޒާރާގެ ހިތާ ނަފުސެވެ.

''ކަލޭ ކޮން މޮޅެއްވާނަމޭ ހިތާ އަހަރެން ނިކަމެތިކޮށްފަ އެންމެންތެރޭގަ އަހަރެންގެ އަގު ތިޔަ ވެއްޔާމޮޑެލީ.....'' ނާޒިމާ ރުޅިވެރިކަމާއެކު އަތުގައި އޮތް ބާލީސް ޒާރާގެ މޫނާދިމާލަށް ހޫރާލިއެވެ. ކިތައްމެ ރުޅި އައިސްފައި ހުއްޓެއްކަމަކު ނާޒިމާގެ އަޑު ކޮޓަރިން ބޭރަށް އިވުނަނުދޭން އޭނާ މަސައްކަތް ކުރިއެވެ. ދަތްކުނޑި ވިކާލައިގެންހުރެ ޒާރާއަށް އެތަކެއް އެއްޗެއްކިޔެވެ. އެތަކެއް އިންޒާރެއް ދިނެވެ.

''މަށަށް މަންމާއޭ ކިޔާފައި ގޮވަން ބޭނުމިއްޔާ ކަލޭ ޖެހޭނީ އިމްރާނާ އިންނަން..... ކަލޭގެ ބައްޕައާއެކު އަހަރެން އުޅޭތަން ދެކެން ބޭނުމިއްޔާ މި ކައިވެނި ކުރަންކަލޭ އެއްބަސްވޭ..... ކަލޭގެ ލޯބިވާ ކޮއްކޮ ކަލެއާ ވަކިވާން ނޭދެންޏާ މިކައިވެންޏަށް އާނ ބަސް ބުނަންޖެހޭނެ... ކަލޭ ބަލާބޮޑުކުރި ކަމުގެ އަގު އަދާކުރަން މީ ލިބޭ ފުރުސަތެއްކަމުގައި ދެކިގެން އިމްރާނާ ކައިވެނިކުރަން އެއްބަސްވޭ..... މާދަމާ ސަރީފާ ކަލެއާ ވާހަކަ ދައްކަން އަންނާނެ.... މިދެއްކި ވާހަކަތަކަށް ވިސްނާއަހަރެން އުފާވާކަހަލަ ޖަވާބެއް ކަލޭ ދޭނެކަމަށް އަހަރެން އުންމީދުކުރަން...އަޑުއިވިއްޖެތަ....''

ނާޒިމާގެ ބަސްތައް ޒާރާގެ ހިތް ކަފާ ކުދިކޮށްފިއެވެ.  ޒާރާ އެއްވެސް އެއްޗެއް ނުބުނެ ހަމަހިމޭނުން ހުރީއެވެ. ނާޒިމާ ނިކުމެގެންދިއުމާއެކު ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ގިސްލާ ރޮއިގަނެވުނެވެ. އުޑުތިލަމަތިން އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ޒާރާގެ ސިނކުޑިތެރޭގައި އެތަކެއް ޚިޔާލެއް އެއްފަހަރާ އެނބުރިގަތެވެ. ބަޔަކު އުފާކޮށްދިނުމަށްޓަކައި ޒާރާގެ މުޅިއުމުރު ހުސްކޮށްލަންވީ ހެއްޔެވެ. ލޯބިނުވާ މީހަކަށްޓަކައި ލޯބިވާ މީހަކު ދޫކޮށްލަންވީހެއްޔެވެ. އާދިލްގެ ލޯބީގައި ކޮޅުފައިން ޖަހާފައި އެހެންމީހަކާ ޒާރާ ކައިވެނި ކުރަންވީ ހެއްޔެވެ. އާދިލްއަށްޓަކައި ޒާރާވީ ވައުދުތަކަކީ އެއްވެސް ބުރަދަނެއް ނެތް އެއްޗަކަށް ހަދަންވީ ހެއްޔެވެ. އާދިލް ނޫން މީހަކާ ކައިވެނި ކުރާނެ ހިތްވަރެއް ޒާރާގެ ނެތެވެ. އާދިލް ނޫންމީހަކަށް ޒާރާ ލިބިގެން ނުވާނެކަމުގައި އޭނާއަށް ގަބޫލުކުރެވުނެވެ. ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގައި އެވަގުތު އޭނާގެ ހިތް ބުނަމުންދިޔައެވެ. މަތީގައި އެނބުރެމުންދިޔަ ފަންކާއަށް ޒާރާ ނަޒަރު ހުއްޓާލިއެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް