ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދިނުން ލަސްކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ބަންދު ކޮށްފައިވާ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ އަންނަ މަހު ނުދެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ. އަތޮޅު ތެރޭގައި ގާއިމްކުރި ކޯވިޑް-19 އަށް ...

25 Jul 2020 | 18:04

ކޯވިޑް-19 އާއި ގުޅިގެން ބަންދު ކޮށްފައިވާ ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ އަންނަ މަހު ނުދެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

އަތޮޅު ތެރޭގައި ގާއިމްކުރި ކޯވިޑް-19 އަށް ފަރުވާދޭ ސެންޓަރުތަކެއް ވާޗުއަލްކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކުރިން ހަމަޖައްސާފައި އޮތް ގޮތުން އަންނަ އޯގަސްޓު މަހު ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު ސަރުކާރުގެ ވިސްނުން ހުރީ ގެސްޓްހައުސްތައް އޯގަސްޓްމަހު ހުޅުވުމުގެ ހުއްދަ ނުދޭން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވާނެ ތާރީހެއް ކަނޑައެޅޭނީ އަންނަ އޮގަސްޓްމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ހާލަތު އަލުން ރިވައިސް ކުރުމަށް ފަހުގައި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ނިންމައި ގެސްޓު ހައުސްތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށް ލަފާ ކުރެވެނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށެވެ.

އޭނާ ވިދާޅުވީ ނިންމުން ބަދަލު ކުރަން ޖެހުނީ ސިއްހީ ދާއިރާގެ ގިނަ ބަޔަކު ކޯވިޑަށް ޕޮސިޓިވް ވަމުންދާތީ ކަމަށެވެ. އެގޮތުން މި ފަހަކުން ޑޮކްޓަރުންނާއި ނަރުހުންނާއި އެހެން ސިއްހީ ހިދުމަތްތެރިން ޕޮސިޓިވްވަމުންދާތީ ފަރުވާ ދިނުމުގައި ވެސް މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހިފައިވާ ކަމަށެވެ.

ސިއްހީ ހިދުމަތްތެެެރިން ކޯވިޑަށް ޕޮޒިޓިވްވެ ފަރުވާ ދިނުމުގެ މަސައްކަތް ނުކުރެވޭ ގޮތް ވުމަކީ ގޮންޖެހުމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. އަމީން ވިދާޅުވީ އެކަންތައްތަކާ ގުޅިގެން އަަޅަން ޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން އަންނަ ކަމަށެވެ.

މިރޭ ވާޗުއަލްކޮށް ހުޅުވާފައިވަނީ ހއ. އިހަވަންދޫ، އައްޑޫ ސިޓީ ހިތަދޫ އަދި ފުވައްމުލަކު ސިޓީގައި ގާއިމްކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް