އެންމެ އަވަހަށް އަމްރިތާ ހޮސްޕިޓަލަށް ފޮނުވާ ގްރޫޕުގައި ޔޫން ހިމެނޭނެ: އާސަންދަ

ރާއްޖެއިން ކުރެވެން ނެތް ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކުޑަކުއްޖެއް ކަމަށްވާ ޔޫން މުހައްމަދު ޔުނާން ދެން އެންމެ އަވަހަށް އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލަށް ފޮނުވާ ބަލި މީހުންނާއި އެކު ގ...

25 Jul 2020 | 17:44

ރާއްޖެއިން ކުރެވެން ނެތް ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކުޑަކުއްޖެއް ކަމަށްވާ ޔޫން މުހައްމަދު ޔުނާން ދެން އެންމެ އަވަހަށް އިންޑިއާގެ ކޮޗިންގެ އަމްރީތާ ހޮސްޕިޓަލަށް ފޮނުވާ ބަލި މީހުންނާއި އެކު ގެންދެވޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނެފައި މިވަނީ ޔޫންގެ މައިންބަފައިން ކަމަށްވާ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އަންހެނުން ފާތިމަތު ރިހުލާ ދަރިފުޅުގެ ބޭސްފަރުވާގެ އިންތިޒާމު ލަސްވަމުންދާތީ މުލިޔާގޭ ކުރިމަތީގައި މިއަދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.

އާސަންދަ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔޫންގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުއްޖާގެ މައިންބަފައިން އެދިފައިވަނީ އަމްރިތާ ހޮސްޕިޓަލަށް ދާން ކަމަށް ބުނެފައިވެ އެވެ.

އާސަންދައިން ބުނީ ޔޫން ފޮނުވުން ލަސްވަނީ އެންމެ ފުރަތަމަ އަމްރިތާ ހޮސްޕިޓަލަށް ފަރުވާއަށް ފޮނުވި މީހުންގެ ތެރެއިން ތިން މީހަކު ކޯވިޑަށް ޕޮސިޓިވްވެ ކަރަންޓީންކޮށް އައިސޮލޭޓް ކުރަން ޖެހިފައިވާތީ ކަމަށެވެ. އަމްރިތާ ހޮސްޕިޓަލުން ވަނީ އިތުރު މީހުން ކަރަންޓީންކޮށްގެން ފަރުވާ ދެވެން ނެތުމުން ރާއްޖެއިން އިތުރު މީހުން ފޮނުވުން މަޑުޖައްސާލަން އަންގާފައި ކަމަށް އާސަންދައިން މައުލޫމާތުދެ އެވެ.

އެ ކުންފުނިން ބުނީ އަމްރިތާ ހޮސްޕިޓަލްގެ އެ އެންގުމާއި ގުޅިގެން އަންނަ ބުދަ ދުވަހު ބޭސްފަރުވާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ގްރޫޕުގައި ހިމެނޭ މީހުން ފޮނުވަނީ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލަށް ކަމަށެވެ. އެކަމަކު ޔޫންގެ މައިންބަފައިން ބޭނުންވަނީ އަމްރިތާ ހޮސްޕިޓަލަށް ފަރުވާއަށް ދާންކަމަށްވާތީ އެ ގްރޫޕުގައި ނުފޮނުވި ލަސްވަނީ ކަމަށެވެ.

އާސަންދައިން ބުނީ ދެން އެންމެ އަވަހަށް އަމްރިތާއަށް ފޮނުވާ ގްރޫޕުގައި ޔޫން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ކުރިންވެސް އެ ކުއްޖާއަށް އެކަނި ފަރުވާ ދެވޭނެ އިންތިޒާމް އެ ހޮސްޕިޓަލުން ހަމަޖެހިއްޖެ ނަމަ ޔޫން ވަކިން އާސަންދައިގެ ދަށުން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކިމްސް ހޮސްޕިޓަލަށް ފަރުވާއަށް ދިއުމަށް ޔޫންގެ މައިންބަފައިން ބޭނުން ނުވަނީ ޔޫންއަށް ދޭންޖެހޭ ފަރުވާ އެ ހޮސްޕިޓަލުގައި ދެވެން ނެތުމުންނެވެ. މީގެ ކުރިންވެސް ޔޫންގެ ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާއިރު އެ އޮޕަރޭޝަންވެސް ކޮށްފައިވަނީ އަމްރިތާ ހޮސްޕިޓަލުން ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް