ލޮނުޒިޔާރަތް ބަގީޗާ އަންނަ ހަފްތާގައި ހުޅުވަނީ

ހެންވޭރުކޮޅު ސިނަމާލޭ ބްރިޖު ކައިރީގައި ތަރައްގީކޮށްފައިވާ ލޮނުޒިޔާރަތް ބަގީޗާ އަންނަ ހަފްތާގައި ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ. މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރެއްވި ...

25 Jul 2020 | 10:04

ހެންވޭރުކޮޅު ސިނަމާލޭ ބްރިޖު ކައިރީގައި ތަރައްގީކޮށްފައިވާ ލޮނުޒިޔާރަތް ބަގީޗާ އަންނަ ހަފްތާގައި ހުޅުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލޮނުޒިޔާރަތް ބަގީޗާގެ އެންމެ ފަހުގެ މަސައްކަތް މި ފެށޭ ހަފްތާ ތެރޭގައި ނިންމައި ހުޅުވޭނެ ކަމަށެވެ. އަދި އެތަން ހުޅުވާނެ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ޝަމާއު ވިދާޅުވީ އެ ބަގީޗާ ހުޅުވުމުން މާލެއިން ހިތްގައިމު ތަފާތު މާހައުލެއް ފެންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ތަން ޑިޒައިންކޮށް ހަދާފައިވާނީ އަބަދު މަރާމާތު ކުރަން ނުޖެހޭ ގޮތަށް ކަމަށެވެ. އެގޮތުން އެތަނުގައި ގިނަވާނީ މާގަހާއި ބޮޑެތި ހިޔާދޭ ގަސްތައް ކަމަށާއި އެތަނުގައި މުވައްޒަފުން ބޭނުންކޮށްގެން ކުރަންޖެހޭ ގިނަ މަސައްކަތްތަކަކީ ގަސް ހެއްދުމާއި ގުޅޭ ކަންކަން ކަމަށެވެ.

މި ބަގީޗާގައި ފެންގަނޑަކާއި އެތަން ހުރަސްކުރެވޭގޮތަށް ކުޑަ ބްރިޖެއް ހަދާފައި އޮވެ އެވެ. އަރާ ހެދޭގޮތަށް ހަދާފައިވާ އުސްފަސްގަނޑެއްގެ އިތުރުން އަދި މިތަން ނިމޭއިރު ރާޅާ އަޅާ ކުދިންނަށް ބޭނުންވާ ގަޓް ޕޯސްޓް ބޮޑުކޮށް، އަލުން ހުޅުވާނެ އެވެ.

ބަގީޗާގައި މީހުން އިށީނުމަށް 300 އަށްވުރެ ގިނަ ގޮނޑި، ކުޑަކުދިންނަށް ހާއްސަ ބައިސްކަލު ދުއްވާ ލޭނަކާއި، ބަގީޗާ ވަށައިގެން ކަސްރަތަށް ދުވެވޭގޮތަށް ތައްޔާރުކޮށްފައިވާ ލޭނެއްގެ އިތުރުން ކަސްރަތު ކުރުމަށް ހާއްސަ ސަރަހައްދެއް އޮވެ އެވެ.

މި ބަގީޗާގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް