ބޮލީވުޑް ފިލްމުތަކުގައި ޑާންސް ކުރާ މީހުންނަށް ރިތިކް ރޯޝަން އެހީވެއްޖެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް ތިން މަސްދުވަހަށް ހުއްޓާލަން ޖެހުމުން އެ ދާއިރާގައި މަސައްކަތް ކުރާ އެފަދަ ގިނަ ބަޔަކު ހާލުގައި ޖެހުނެވެ. އޭގެ ތެރޭގައި ބައެއް ޓީވީ ސީރީޒްތަކުގައި މަސައްކަތް ކުރާ ތަރިންވެސް ހިމެނެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފިލްމުތަކުގައި ޑާންސްކުރާ 100 މީހުންނަށް ރިތިކް ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައި އެވެ. ރިތިކް ފައިސާގެ އެހީދިން ގިނަ މީހުން ތިބީ މުމްބާއީގައި އުޅެވޭނެ ގޮތެއް ނެތިގެން އެމީހުންގެ އުފަން އަވަށްތަކަށް އެނބުރި ގޮސްފައި އެވެ.
އަދި އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާތަކުގެ މެމްބަރުންނަށް ކޯވިޑް ޖެހިފައިވާއިރު އަނެއް ބަޔަކު ތިބީ ދިރިއުޅޭ ތަނަށް ކުލި ނުދެއްކިފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެމީހުންގެ އެކައުންޓަށް ރިތިކް ދިން ފައިސާގެ އެހީ ޖަމާކޮށްފައިވާކަން ބޮލީވުޑް ފިލްމުތަކުގައި ޑާންސް ކުރާ މީހުންގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާއިން ވަނީ އެމީހުންނަށް އަންގާފައި އެވެ. އެކަމަކު އެހީގެ ގޮތުގައި ކޮންމެ މީހަކަށް ރިތިކް ދިން ވަރު ނޭނގޭ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ.
މީގެ ކުރިން ރިތިކް ވަނީ ކޯވިޑް-19 ގައި ފްރޮންޓުލައިންގައި މަސައްކަތް ކުރާ މީހުންނަށް މާސްކާއި އެނޫން ސިއްހީ އާލާތްތައް ހަދިޔާކޮށްފައި އެވެ. އަދި ކޯވިޑާއި ދެކޮޅަށް މަސައްކަތް ކުރާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތައް މެދުވެރިކޮށް ފަގީރުންނަށް ކާބޯތަކެތިވެސް ފޯރުކޮށްދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް