ބޯޑަރު ހުޅުވިފަހުން 200 އަށްވުރެ ގިނަ ބިދޭސީން މަސައްކަތްތެރިން ރާއްޖެ އެތެރެވި

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވަޒީފާ އަދާ ކުރަން 266 ބިދޭސީން އެތެރެވި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ. ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވީ މިމަހުގެ 15 ވަ...

25 Jul 2020 | 07:39

އިއްޔެގެ ނިޔަލަށް ރާއްޖޭގައި ވަޒީފާ އަދާ ކުރަން 266 ބިދޭސީން އެތެރެވި ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ބޯޑަރު ހުޅުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި ބޯޑަރު ހުޅުވިފަހުން ރާއްޖޭގައި މަސައްކަތް ކުރުމަށް 266 ބިދޭސީން އައިސްފައިވާއިރު އެންމެ ގިނައިން އައީ ސްރީލަންކާ މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ 123 މީހަކު އެތެރެވެފައިވާއިރު އިންޑިއާގެ ހަ މީހަކު އައިސްފައިވެ އެވެ.

ތުރުކީގެ 13 މީހަކު އަދި ފިލިޕިންސްގެ 11 މަސައްކަތްތެރިން ރާއްޖެ އައިސްފައިވެ އެވެ. ޗައިނާއިން މިހާތަނަށް ރާއްޖެއަށް އައިސްފައިވަނީ ނުވަ މީހެކެވެ.

މީގެ އިތުރުން އެހެނިހެން ގައުމުތަކުގެ 42 މީހަކު ރާއްޖޭގައި މަސައްކަތް ކުރުމަށް އެތެރެވެފައިވެ އެވެ.

ބެލެވޭގޮތުގައި މީގެ ތެރެއިން ގިނަ ބިދޭސީންނަކީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ފަހު ރިސޯޓުތައް ބަންދު ކުރުމުން އެނބުރި ގައުމަށް ދާން ޖެހުނު މީހުންނެވެ. ބޯޑަރު ހުޅުވުމާއި އެކު ބައެއް ރިސޯޓުތައް ހުޅުވާފައިވާއިރު ގިނަ ރިސޯޓުތަކެއް ހުޅުވަން ތައްޔާރުވެ މުވައްޒަފުން ރިސޯޓަށް ދިއުމަށް ދަނީ އަންގަމުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސް ވަރު ރާއްޖޭގައި މަސައްކަތް ކުރި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުން ވަނީ ވަޒީފާ ގެއްލުމާއި އެނޫންވެސް ސަބަބުތަކާއި ހެދި އެނބުރި ގައުމަށް ގޮސްފައި އެވެ. އޭގެ ތެރެއިން ސައްހަ ވިސާގައި މަސައްކަތް ކުރަމުންދިޔަ މީހުން ފޮނުވައިދީފައިވަނީ އެ ގައުމުތަކުގެ ސަރުކާރުން އެމްބަސީތައް މެދުވެރިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް