ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވެފައި ތިބި މީހުންނަށް ފަސޭހައިން ފުރައިގެން ދެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކާއި އަދި ވިސާ އާއި އެމްޕްލޯއިމަންޓް އެޕްރޫވަލް ހަމަވެފައިވާ ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވެފައި އެބަތިބި ކަމަށެވެ. އެމީހުން ރާއްޖޭގައި ތާށިވެފައި ތިބީ ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުންކަމަށާއި ރާއްޖޭގެ ބޯޑަރު ހުޅުވުމާއި އެކު އެފަދަ ފަރާތްތަކަށް ފަސޭހަކަމާއި އެކުގައި ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނިންމާފައިވާކަމަށެވެ.
އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ސައްހަ ވިސާގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، ރާއްޖެއިން ފުރައިގެން ދިއުން މަނާކުރެވިފައި ނުވާނަމަ، އިއްޔެއިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އެފަދަ ބިދޭސީންނަށް އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރުމަށް ފަހު ޕާސްޕޯޓާއި އެކު އެއާޕޯޓު އިމިގްރޭޝަނަށް ހުށަހެޅޭނެ ކަމަށް ބުނެ އެވެ.
މި ފޯމު އިމިގްރޭޝަންގެ ވެބްސައިޓް www.immigration.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް