އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ފައިސާ ލިބުނު ކަމަށް ފާހަގަވެފައިވާ ފަސް ފުލުހަކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފި އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ އެ ފަސް ފުލުހުންނަކީ މިވަގުތު ފުލުހުންގެ ވަޒީފާގައި ތިބި މީހުންކަމަށެވެ. އެ މައްސަލައިގަ އެމީހުންގެ މައްޗަށް ޖިނާއީ އަދި އިދާރީ ތަހުގީގު ދަނީ ހިންގަމުންނެވެ.
އެމީހުން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރެވިފައި ވީނަމަވެސް އެ ނިންމުން ނިންމި ތާރީހެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާއިން ބުނީ މި މައްސަލަ އާއި ގުޅޭ މައުލޫމާތުތައް ހާމަކުރެވެން ހުރި ވަރަކުން ހާމަ ކުރަމުންދާނެ ކަމަށެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އެ ފަސް ފުލުހުންނަށް އެމްއެމްޕީއާރުސީގެ ފައިސާ ލިބިފައިވާކަމަށް ބެލެވުނީ އެމްއެމްޕީއާރުސީގެ ތަހުގީގުގެ ތެރެއިން ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ވަރަށް އަވަހަށް ދައުވާކުރުމަށް އެދި ކޯޓަށް މައްސަލަތައް ހުށަހަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވަނީ ވިދާޅުވެފަ އެވެ. ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ހުރިހާ ޕާޓިއަކަށް ނިސްބަތްވާ ސިޔާސީ ބޭފުޅުން ވެސް ކޮރަޕްޝަންގައި ވަނީ ޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް