ކޯވިޑް-19 އަށް އިތުރު 17 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ ހަތް ދިވެއްސަކާއި 10 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ހުރިހާ އެންމެންނަކީ ބަންގްލަދޭޝް މީހުންނެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ ނުވަ މީހެކެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ 416 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ނުވަ މީހަކަށެވެ.
ރާއްޖެއިން އެންމެ ގިނައިން ވައިރަހަށް ޕޮސިޓިވްވެފައިވަނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ މީހުންނެވެ. އެޗްޕީއޭއިން ބުނީ ރާއްޖެއިން ޕޮސިޓިވްވާ ގިނަ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކަމަށެވެ.
މި ބަލީގައި ހާލު ސީރިއަސް ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.
މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،277 މީހުންނެވެ. އޭގެ ތެރެއިން 1،848 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވަނީ އަށް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް