ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ދޭން ދެކޮޅުހެދި ދެ މީހެއްގެ ސާމްޕަލް ނަގަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޗްޕީއޭއިން އެދިއްޖެ ހިނދެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނުދިނުމަކީ ގާނޫނީ ކުށެކެވެ. އެފަދަ ފަރާތްތަކުގެ ސާމްޕަލް ނަގަން ކޯޓު އަމުރު ހޯދުމުގެ ބާރު ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ.
ސިވިލް ކޯޓުން ބުނީ ސާމްޕަލް ދޭން ދެކޮޅު ހެދި ދެ މީހެއްގެ މައްޗަށް، ސާމްޕަލް ދިނުމަށް އެންގުމުގެ އަމުރު ތަންފީޒުކުރަން ކަމާބެހޭ ފަރާތްތަކާއި ފުލުހުންގެ މައްޗަށް ނެރެފައިވާ ކަމަށެވެ. އެ ދެމީހުންގެ ސާމްޕަލް ނަގަން އަމުރު ނެރެފައިވަނީ ވަކިވަކިންނެވެ.
މީގެ ކުރިން ވަނީ ކޯޓު އަމުރު ނެރެގެން ހަ މީހުންނަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައި އެވެ. އަދި ކޯވިޑް ޖެހިފައިވާ ކަމަށް ބުނެ ސާމްޕަލް ދޭން ދެކޮޅު ހެދިމީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްގެންވެސް ސާމްޕަލް ނަގާފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން 2،260 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 1،839 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މި ބަލީގައި އަށް މީހަކު މަރުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް