މިނިސްޓްރީއަށް ފައިސާ ބަލައެއް ނުގަންނާނަން، ތިޖޫރީގައި މިހާރު ހުރީ ދުފާ އެއްޗެހި

ޓޫރިޒަމް އާއި ގުޅޭ ނުވަތަ އެނޫންވެސް އެއްވެސް ފީއެއް ޓޫރިޒަމް މިނިސްޓްރީއަށް ބަލައިގެންނަން އެދިވަޑައި ނުގެންނަވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. މި ހަފްތާގައި ސުޕްރީމް ކޯޓުން...

25 Jun 2020 | 08:42

ޓޫރިޒަމް އާއި ގުޅޭ ނުވަތަ އެނޫންވެސް އެއްވެސް ފީއެއް ޓޫރިޒަމް މިނިސްޓްރީއަށް ބަލައިގެންނަން އެދިވަޑައި ނުގެންނަވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މި ހަފްތާގައި ސުޕްރީމް ކޯޓުން ވަނީ ޓެކްސް ފިޔަަވައި އެހެން ފައިސާއެއް ނެގުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަަށް ނޯންނާނެ ކަމަށް ހުކުމް ކޮށްފައި އެވެ.

މިކަމާއި ގުޅިގެން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ހުކުމާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ ފީތައްް ނަގާނެ ގޮތަކާ މެދު އެޓާނީ ޖެނެރަލްގެ އޮފީހާއި ފިނޭންސް މިނިސްޓްރީ އަދި މީރާއާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ މިނިސްޓްރީއަށް ޓޫރިޒަމާއި ގުޅޭ ފީތަށް ބަލައި ގެންނަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައިސް މިވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްވެސް ފީއެއް ޓޫރިޒަމް މިނިސްޓްރީއަށް ބަލައިގެންފައި ނުވާކަން ޔަގީންކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގައި ހުރި ދެ ތިޖޫރީއެއްގައި މިހާރު ހުރީ ދުފާއެއްޗެހި ކަމަށެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާ އެެމްއެމްޕީއާރުސީ ގުޅިގެން ރައްތައް ދޫކޮށް ފައިސާ ނެގުމުގެ ކަންތައް ކުރިން ކޮށްފައިވާ ގޮތަށް މިހާރު ނުހިނގާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓޫރިޒަމް ރައްތައް ކުއްްޔަށް ދޫކޮށްގެން ދައުލަތަށް ލިބޭ ފައިސާ ބަލައިގެންނަމުން ދިޔައީ ޓޫރިޒަމް މިނިސްޓްރީއަށެވެ. މިކަމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް