ހުރިހާ ޚިދުމަތެއް މާލެ ކައިރިއަށް ބަރޯސާވެފައި އޮތުމުގެ ސަބަބުން ޤައުމު ލޮކްޑައުންކުރަންޖެހުނީ މުޅި އެކުގައި ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޔާސިރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކާގައެވެ.
މިބަހުސްގައި ޔާސިރު އިތުރަށް ވިދާޅުވީ 1932 ވަނަ އަހަރުގައި އަޅުގަނޑުމެންގެ ހާލަތު ހުރީ ކިހިނެއްތޯ އަދި އެއިރު މާލޭގެ އާބާދީއަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. ޖުމްހޫރިއްޔަތަކަށް ބަދަލުވެގެން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ޕޮލިސީއެއްގެ ތެރެއިން ވަކި ސަރަހައްދެއްގެ އާބާދީ އިތުރުކޮށް، މާލެއަށް އާބާދީ އިތުރުކުރުމަށް ޓަކައި ސިޔާސަތުތައް ކަނޑައެޅިގެން އެ މަސައްކަތް ކުރެވުނު ތަންކަން ފާހަގަ ކުރެއްވިއެވެ.
އެގޮތުގެ މަތީން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ ގިރާވަރުގެ ރައްޔިތުންނާއި، މިހެން ހުރިހާ އެންމެން މާލެއަށް އަންނަން މަޖުބޫރުކުރެވި، މި ސަރަހައްދު އެއްކޮށް ތަރައްޤީކުރެވުނު. އެކަމުގެ ސަބަބުން މިއަދު މާލޭގެ ޙަޤީޤީ ރައްޔިތުންނަށް ވެސް ހިންދެމިލައިގެން ނިދައިނުލެވިފައި. މުޅި ދިވެހިރާއްޖޭގެ އިޤުތިޞާދު މިއަދު ސަރަހައްދަށް ބަރޯސާވެފައި މެމްބަރު ޔާސިރު ވިދާޅުވިއެވެ.
މީގެ އިތުރުން ޔާސިރު ވިދާޅުވީ މުދާ އެތެރެކުރުމާއި މި ހުރިހާ އިންޑަސްޓްރީތަކެއް ވެސް ހުރީ މާލެ ސަރަހައްދުގައި ކަމަށާއި، ދިވެހިރާއްޖޭގައި އެހެން ސަރަހައްދުތަކުގައި މި އިންޑަސްޓްރީތައް ކުރިނާރައިގެން އުޅެނީ ކީއްވެގެންތޯވެސް ސުވާލު އުފެދޭ ކަމަށެވެ. އަސާސީ ކަންތައްތަކުގެ ވާހަކަ ބާއްވާފައި ކުދިކުދި ކަންތައްތަކުގެ ވާހަކައަށް ބަލާލި ނަމަވެސް އުފެދޭ ސުވާލުތައް ގިނަކަމަށް ޔާސިރު ވިދާޅުވިއެވެ.
އެގޮތުން އެސްޓީއޯއިން ފޯރުކޮށްދޭ ޚިދުމަތްތައް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނެތީ ކީއްވެގެންތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ދިވެހިރާއްޖެ އެތެރެކުރާ ތެޔޮ ރައްކާކުރަންޖެހޭނީ ހަމަ އެކަނި މާލެ ކައިރި ފުނަދޫ ފިޔަވާ ދިވެހިރާއްޖޭގައި ތެޔޮ ރައްކާކުރާނެ އެހެން ސަރަހައްދެއް ނެތީތޯވެސް ސުވާލު ކުރައްވާފައެވެ.
ޔާސިރު ވިދާޅުވީ ރަނގަޅު ނަތީޖާ ހާސިލްކުރަން އެދޭނަމަ ވާހަކަ ދެއްކުމަކުން ނުވާނެ ކަމަށާއި، ވިސްނުން ބަދަލުކޮށް އެފަދަ ޕޮލިސީތައް ބަދަލުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކުގައިވެސް ތެލާއި ކާޑާއި، މި ބާވަތްތައް ލިބެން ހުންނަންޖެހޭނެ ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.
ރާއްޖޭގެ 2 ސަރަހައްދުގައި ހިތަދޫ ރީޖަނަލް ޕޯޓާއި ކުޅުދުއްށީގައި ރީޖަނަލް ޕޯޓެއް ތަރައްޤީކުރެވިފައި އެބައޮތް ކަމަށާއި، ފެނިގެންދިޔައީ ސަރުކާރުތަކުގެ ތެރެއިން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި އެކަނި ބަނދަރުތަކަށް އިންސެންޓިވްސް ދީގެން އެ ބަނދަރުތައް ތަރައްޤީކުރަން މަސައްކަތްކުރެވުނު ތަން ކަމަށް ޔާސިރު ވިދާޅުވިއެވެ.
ވެރިކަން ބަދަލުވުމާ އެކީގައި މުޅި ސިޔާސަތު އެއްކޮށް ބަދަލުވެ، އެ ތަންތަނުގެ ބޭނުން މިއަދު މި ވަނީ ކެނޑިފަ. ތަނެއް ތަރައްޤީވާނީ އެކަމަށް ޓަކައި އަޅުގަނޑުމެން ޕޮލިސީތަކެއް ކަނޑައަޅައިގެން، އެ ތަންތަނަށް މީހުން ދަތުރުކުރާނެ ގޮތަށް، ވިޔަފާރިތައް ވެސް ދާނެ ގޮތަށް އެ ކަންތައްތައް އެކުލަވައިލައިގެން.
ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވިދާޅުވީ ޓޫރިޒަމްގެ ހަބަކަށްވެސް ހަދާފައި ވަނީވެސް މާލެ ސަރަހައްދުކަމަށާއި، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ޓުރިޒަމް ކުރިއަރުވަން އެދެވޭ މަސައްކަތް ކޮށްގެން މެނުވީ އެދެވޭ ނަތީޖާ ނުފެންނާނެ ކަމަށެވެ. އަދި މަސްވެރިކަމަށް ބެލިނަމަވެސް މަސްކިރުވަން އަންނަން ޖެހެނީ މާލެއަށް ނޫނީ ހުޅުމާލެއަށް ކަމަށާއި، އެއީ އެކަން ވާންޖެހޭނެ ގޮތެއް ނޫން ކަމަށެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް