އަންނަ މަހު ރާއްޖޭގައި ހިންގާ 50 ޕަސެންޓު ރިސޯޓުތައް ހުޅުވާނެ

ޖުލައި މަސް ނިމުމުގެ ކުރިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ ރިސޯޓުތައް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ރިސޯޓުތ...

25 Jun 2020 | 04:26

ޖުލައި މަސް ނިމުމުގެ ކުރިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ ރިސޯޓުތައް ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރިސޯޓުތައް މެދުވެރިކޮށް ޓޫރިޒަމް މިނިސްޓްރީން ހޯދި މައުލޫމާތުތަކަށް ބަލާއިރު ޖުލައިގައި ހުޅުވާނެ ކަމުގެ ޔަގީންކަން 41 ރިސޯޓަކުން ދީފައިވެ އެވެ. އިތުރު 30 ރިސޯޓަކުން ހުޅުވަން ތައްޔާރަށް އޮތް ނަމަވެސް ހުޅުވާނެ ތާރީހު ކަނޑައަޅާނީ ބޯޑަރު ހުޅުވާ ދުވަސް އިއުލާނު ކުރުމުން ކަމަށް ބުނެފައިވެ އެވެ.

އިތުރު ރިސޯޓުތަކެއް އޯގަސްޓުގައި ހުޅުވާނެ ކަމަށް އަންގާފައިވާއިރު ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ހުޅުވާގޮތަށް ހަމަޖެހިފައިވަނީ މަދު ރިސޯޓުތަކެކެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާގޮތުގައި ހުރިހާ ރިސޯޓުތަކުން ލިބިފައިވާ މައުލޫމާތުތަކަކަށް ބަލާއިރު އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ ރިސޯޓުތައް ހުޅުވައި ހިދުމަތް ދޭން ފަށާނެ އެވެ.

ރިސޯޓުތައް ހުޅުވުމުގެ ހައް ދުވަސް ކުރިން ޓޫރިޒަމް މިނިސްޓްރީ އަށާއި އެޗްޕީއޭއަށް ލިޔުމުން އަންގަން ޖެހެ އެވެ. އަދި އެ ލިއުމާއި އެކު އެ ރިސޯޓުތަކުގައި ފަރުވާ ދެވެން ހުރި މެޑިކަލް ފެސިލިޓީގެ ފުރިހަމަ މައުލޫމާތު ދޭން ޖެހެ އެވެ.

ނިއު ނޯމަލްގައި ކޯވިޑާއި ގުޅިގެން އަޅާ ރައްކާތެރި ފިޔަވަޅުތަކާއި އެކު ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެނީ ރިސޯޓުތަކުގައި އަލާމާތަތައް ފެންނަ މީހުން ކަރަންޓީން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ހިދުމަތް ދެވޭނެ އިންތިޒާމްތަކެއް ހުންނަ ނަމަ އެވެ.

އެކަމަކު ރިސޯޓަކުން މީހަކު ޕޮސިޓިވް ވެއްޖެ ނަމަ ސަރުކާރުން ކަނޑައަޅާފައިވާ ފެސިލިޓީއަށް ބަދަލު ކުރުމުގެ އިންތިޒާމް ހަމަޖައްސަން ޖެހެނީ އެ ރިސޯޓަކުންނެވެ. ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވާ އެންމެންނަށް ފަރުވާ ދެނީ އާސަންދައިގެ ދަށުން ހިލޭ އެވެ.

ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވައި ޓޫރިސްޓުން އައުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ޖުލައި މަހުގެ15 ވަނަ ދުވަހު އެވެ. އެކަމަކު ގެސްޓު ހައުސްތަކަށް ޓޫރިސްޓުން ގެނައުމުގެ ހުއްދަ ދޭން ނިންމާފައިވަނީ އޯގަސްޓު މަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް