އެއްބާލުން ނުލިބިގެން އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލި ފެތުރޭތޯ ބެލުން ހުއްޓާލައިފި

އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޯވިޑް-19 ފެތުރޭތޯ ބެލުމަށް ފެށި މަސައްކަތަށް އެއްބާރުލުން ނުލިބިގެން ހުއްޓާލައިފި އެވެ. މި މަސައްކަތް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ފެށ...

25 May 2020 | 18:05

އުމުރުން ދުވަސްވީ މީހުންގެ މެދުގައި ކޯވިޑް-19 ފެތުރޭތޯ ބެލުމަށް ފެށި މަސައްކަތަށް އެއްބާރުލުން ނުލިބިގެން ހުއްޓާލައިފި އެވެ.

މި މަސައްކަތް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ފެށީ މިމަހުގެ13 ވަނަ ދުވަހު އެވެ. އޭގެ ފަހުންވެސް ކޮންމެ ދުވަހަކު ހެން އެންއީއޯސީން ބުނަމުންދިޔައީ އުމުރުން ދުވަސްމީ މީހުންގެ ސާމްޕަލް ނެގުމަށް އާއިލާތަކުން އެއްބާރުލުން ދެމުން ނުދާ ކަމަށެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލި ފެތުރޭތޯ ބަލަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން ނިންމީ މި ބަލީގައި އެންމެ އަވަހަށް ނުރައްކާތެރި ހާލަތަކަށް ގެންދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނޭތީ އެވެ. އަދި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ބަލި ފެތުރޭތޯ ދެނެގަތުމަށް ދިރާސާއެއް ކުރަން ބޭނުންވާތީ އެވެ.

މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި އެ ސާމްޕަލްތަށް ނަގަން ނިންމީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން 10 ޕަސެންޓު މީހުން ކަމަށެވެ. އެއީ ގާތްގަނޑަކަށް 350 އެއްހާ މީހުންގެ ސާމްޕަލް އެވެ. އެކަމަކު އެ އަދަދަށް ސާމްޕަލް ނަގަން އާއިލާތަކުގެ އެއްބާލުރުން ނުލިބުމުން ޓެގްގެ ނިންމުން ބަދަލު ކުރަން ޖެހުނީކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެގޮތުން ފަސް ޕަސެންޓު މީހުންގެ ސާމްޕަލް ނެގުމަށް ޓެގުން ފަހުން ލަފާދިން ކަމަށާއި އެއީ ގާތްގަނޑަކަށް 150 އެއްހާ ސާމްޕަލް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމަކު އެވަރަށްވެސްް ސާމްޕަލް ނުނެގުނެވެ.

އާއިލާތަކުގެ އެއްބާރުލުމާއި އެކު އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލްގެ ގޮތުގައި ނެގިފައިވަނީ 105 މީހެއްގެ ސާމްޕަލް ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ އެކަކުގެ ސާމްޕަލެވެ.

މީގެ ކުރިން އެޗްޕީއޭއިން ބުނީ އާއިލާތަކުގެ ކަންބޮޑުވުމަކަށް ވަނީ ޕޮސިޓިވްވެއްޖެ ނަމަ އެމީހަކު އައިސޮލޭޝަން ފެސިލިޓީއަށް ވަކިން ގެންދިއުމާއި ޓެސްޓު ކުރުމަށް އުމުރުން ދުވަސްވީ މީހުން ޖެހިލުންވުމެވެ. އެހެންވެ މަޖުބޫރުން އެކަން ކުރުވަން ބޭނުން ނުވީ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެކަމަކު ޕޮސިޓިވް ކޭސްއަކާއި ސީދާ ގުޅުން ހުރި އަދި އަލާމާތްތައް ފެންނަ އުމުރުން ދުވަސްވީ މީހުން ޓެސްޓު ކުރަން ދެކޮޅު ހެދިޔަސް ޓެސްޓު ކުރަން މަޖުބޫރުވާނެ ކަމަށް ވިދާޅުވި އެވެ. އެފަދަ ހާލަތެއްގައި ދެކޮޅު ހަދައިފި ނަމަ ކޯޓު އަމުރު ނެރެގެންވެސް ސާމްޕަލް ނަގާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަތަ 60 އަހަރުން މަތީގެ 42 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 14 އަންހެނުންނާއި 28 ފިރިހެނުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވެފައިވާ ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް