މާލޭ ސިޓީ ލޮކްޑައުންގައި ވަނިކޮށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފައްޓަން ނިންމާފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އާއި މަޝްވަރާ ނުކޮށް ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ފެށުމާއި ގުޅޭގޮތުން ކޯވިޑާއި ގުޅިގެން ކަންކަން ނިންމާ ކަނޑައެޅުމުގެ ބާރު ސަރުކާރުން ދީފައިވާ ޓެގް ޓީމާއި އެއްވެސް ވަރަކަށް މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި ޓެގް ޓީމްގެ އެއްވެސް މެންބަރެއްގެ ހިޔާލު އެކަމުގައި ހޯދާފައި ނުވާކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ލިޔެކިޔުމުން އެފަދަ މުއާމަލާތްތަކެއް އެންއީއޯސީއާއި ހިންގާފައި ނުވާއިރު ފޯނުންވެސް މަޖިލިސް ޖަލްސާތައް ފެށުމާއި ގުޅޭގޮތުން އެ ސެންޓަރާއި މަޝްވަރާކޮށްފައި ނުވާކަމަށެވެ. އެކަމަކު މަޖިލީހުގެ އިދާރާއިން ފޯނު ކޯލެއް ކޮށް މާލޭގެ ލޮކްޑައުން ނިމުމަކަށް ގެންނަން ނިންމާފައިވާ ތާރީހު އެންއީއައިސީ މެދުވެރިކޮށް އޮޅުންފިލުވި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މި މައްސަލައިގަ ގާނޫނީ ގޮތުން އަމަލު ކުރެވޭނެ ގޮތަކާއި ބެހޭގޮތުން އެއްޗެއް ދަންނަންވަން ނޭނގޭ ކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ މާލޭ ލޮކްޑައުންގައި ވަނިކޮށް މަޖިލީހުގެ ތަޅުމުގައި ކޮންމެހެން މުހިންމު ޖަލްސާތައް ބާއްވަން ޖެހޭނަމަ އަމަލު ކުރަން ޖެހޭނީ ސަރުކާރުގެ މިނިސްޓަރުންވެސް އަމަލު ކުރައްވާ އުސޫލުން ކަމަށެވެ. އެގޮތުން މިނިސްޓަރުންވެސް ރަސްމީ މަސައްކަތަށް ގެއިން ބޭރަށް ވަޑައިގެންނަވަނީ ފުލުހުން މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށާއި މަޖިލީހުގެ މެންބަރުންނަށްވެސް އެގޮތަށް އަމަލު ކުރެއްވޭނެ ކަމަށެވެ.
މާދަމާ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފެށުމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާއްސަ އިންތިޒާމްތަކެއް އެކުލަވާލާފައި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެތެރޭގެ އިންތިޒާމުތައް
– މާލަމުގައި އެއްވަގުތެއްގައި އެންމެ ގިނަވެގެން ތިއްބަވާނީ 42 މެމްބަރުން
– އަދި އެ މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކަށައަޅުއްވައި އަންގަވާފައިވާ ދުރުމިނުގައި، އަދި އެއްވަގުތެއްގައި އެއް މޭޒެއްގައި ދެ މެމްބަރުން ނުތިއްބަވާނެ
– ވޯޓުލުމުގައިވެސް މި ދެންނެވި ގޮތަށް އަމަލުކުރެވިގެންދާނެ، ވަކި އިންތިޒާމެއްގެ ދަށުން މެމްބަރުން ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މާލަމުން ނިކުމެވަޑައިގަތުމުން، ބާކީ ތިއްބެވި އެހެން މެމްބަރުން މާލަމަށް ވަދެވަޑައިގެން ވޯޓުގައި ބައިވެރިވެޑައިގަންނަވާނެ
– ޖަލްސާއެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެ މަދު އަދަދެއްގެ މުވައްޒަފުން މާލަމުގައި ތިއްބެވުން
– މެމްބަރުންނާއި މުވައްޒަފުން މާސްކު އަޅުއްވައިގެން ތިއްބެވުން
– އިސްވެދެންނެވުނު އިންތިޒާމްތައް ތަންފީޒުކުރައްވަމުން ގެންދަވާނީ، މަޖިލީހުގެ ރައީސް އަންގަވާ ގޮތެއްގެ މަތިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް
ނިއު ނޯމަލްގެ ދަށުން މާދަމާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާ ބާއްވާނެކަން ހާމަކޮށްފައިވާއިރު ދައުރުގެ 27 ވަނަ ޖަލްސާއިން ފެށިގެން 39 ވަނަ ޖަލްސާއާއި ހަމައަށް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް