ރައްކާތެރި ކަމާއެކު ރާއްޖޭގައި ފަތުރުވެރިކަން ފެށުމަށް ދުރާލާ ތައްޔާރީތަކެއް ވަމުން އަންނައިރު، މިއީ ފަތުރުވެރިންނަށް ހެޔޮ ހިތަކައިގެން މަރުހަބާ ކިޔަންވީ ވަގުތު ކަމަށާއި ގައުމުތަކުން ފަތުރުވެރިން އަތުން އިތުރު ޓެކްސްތައް ނަގަންވީ ވަގުތު ނޫން ކަމުގައިވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަލީ މިހެން ވިދާޅުވީ އ.ދ. ގެ މައި ޖަމިއްޔާ، UNWTO އިން އިންތިޒާމުކޮށްގެން މިއަދު ބޭއްވި ވެބިނަރ އޮން ދަ އިމްޕެކްޓް އޮފް ކޯވިޑް-19 އޮން އިންޓަނޭޝަނަލް ޓޫރިޒަމްގެ ވެބިނަރ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ވެބިނާގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖެވެސް ތައްޔާރުވަމުންދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިގްތިސާދީ ހަރަކާތްތައް ފަށައިގަތުމަށް ކަމަށާއި، ނަމަވެސް މިދަނޑިވަޅުގައި މުޅި ދުނިޔެވެސް ސަމާލުވާންވީ އިތުރަށް މި ބަލީގެ ހާލަތު ގޯސްވިޔަނުދީ ހުރިހާ ފަރާތްތަކެއް ގުޅިގެން ގައުމުތަކުގެ ބޯޑަރުތަކާއި، އެއާޕޯޓްތަކާއި އަދި ޓޫރިސްޓް ފެސިލިޓީތަކުގައި ބައިނަލްއަގްވާމީ އެއް މިންގަނޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.
" މަންޒިލުގެ ރައްކާތެރިކަމުގެ އިތުބާރަކީ ބައިނަލްއަގްވާމީ ފަތުރުވެރިކަމުގެ ބިންގާ، ﷲ އިރާދަފުޅުން ރާއްޖޭގެ ބޯޑަރު ހުޅުވާނީ އެ އިތުބާރާއެކު" މިނިސްޓަރު އަލީ ވިދާޅުވިއެވެ.
UNWTO ގެ މާކެޓް އިންޓެލިޖެންސް އެންޑް ކޮމްޕެޓިޓިވްނެސް ޑިޕާޓްމެންޓްގެ އިސްވެރިންނާއެކު ކުރިއަށް ގެންދިޔަ މި ވެބިނަރގައި މިނިސްޓަރު އަލީ ވަހީދު އިތުރަށް ވިދާޅުވީ، ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް އަގުނުކުރެވޭ މިންވަރުގެ ބޮޑެތި ގެއްލުން ވެފައިވާކަމަށާއި، ރައްޔިތުންގެ އާންމު ދިރިއުޅުން ހުއްޓި މުޅި އިގްތިސާދު ހުއްޓިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް