މިދިޔަ ސަރުކާރުގެ ކޮރަޕްޝަނާއި މަރުގެ މައްސަލަތައް ބަލާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވައިފި: ނަޝީދު

މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދެއްވާފައިވާ ކ...

25 May 2020 | 09:45

މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ދެއްވާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިކަމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަ ދައްކަވާފައިމިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ތަހުގީގަތަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.

ޝެއިހް އިމްރާން މިހެން ވިދާޅުވިކަމަށް ވަނީ އީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސް ނަޝީދު ގުޅުވުއްވުމުންނެވެ. އެ ކޯލްގައި ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމުގެ އިތުރުން މަރުތަކުގެ މައްސަލަތައް ކުރިޔަށް ގެންދަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެކަމަށްޓަކައި މިނިސްޓަރު އިމްރާނަށް ޝުކުރު ދަންނަވާފައި އެވެ.

https://twitter.com/MohamedNasheed/status/1264848847886356480

މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގެ ރައީސް ނަޝީދު ވަނީ ދެ ކޮމިޓީއަކަށް ފޮނުވަން ނިންމަވާފައި އެވެ. މަޖިލީހުގެ އިދާރާއިން ބުނީ އެ މައްސަލަ ފޮނުވާފައިވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ އަށް ކަމަށެވެ.

އެމްއެމްޕީއާރުސީގެ 1.22 ބިލިއަން ރުފިޔާގެ ހިޔާނާތާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ދެ ކޮމިޝަނެއް އުފައްދަވާފައި އެވެ. އެކަމަކު އެ ދެ ކޮމިޝަނުން އެއްވެސް މައްސަލައެއްގެ ތަހުގީގު މިހާތަނަށް ނިންމާފައެއް ނުވެ އެވެ.

އެހެންވެ، މުއިއްޒު ހުށަހެޅުއްވި މައްސަލައިގަ އެދިފައިވަނީ އެ މައުލޫމާތު ސާފު ކުރުމަށާއި އެ މައްސަލަތަކުގައި ދައުވާކުރުން ލަސްވަމުންދާ ސަބަބުތައް ސާފުކޮށްދިނުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް