ލޮކްޑައުން އާއި ގުޅިގެން ރާއްޖޭގައި ނުފުރި ތާށިވެފައި ތިބި ތައިލެންޑު މީހުން ގެންދަން ބާއްވާ އެންމެ ފަހު ފްލައިޓު މީހުން ގޮވައިގެން ފުރައިފި އެވެ.
ރާއްޖޭގައި ހުންނަ ތައިލެންޑު ކޮންސިއުލޭޓު މެދުވެރިވެގެން ކުރާ މި ދަތުރުތައް ތައިލެންޑް ސަރުކާރުން ކުރަނީ މޯލްޑިވިއަންގެ ފްލައިޓުތައް ޗާޓާ ކޮށްގެންނެވެ. މިހާތަނަށް ތައިލެންޑު މީހުން ގެންދަން ހަތަރު ފްލައިޓެއް ބާއްވާފައިވެ އެވެ.
މިއަދުގެ ފްލައިޓުގައި ރާއްޖޭގައި މަސައްކަތް ކުރާ ތައިލެންޑުގެ15 މީހަކު ފުރާފައިވާއިރު މި ފްލައިޓު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް މަޑު ކުރާނެ ކަމަށް ތައި ކޮންސިއުލޭޓުން މައުލޫމާތުދެ އެވެ. އަދި ކޮލަމްބޯގައި ދިރިއުޅޭ ތައިލެންޑުގެ63 މީހަކު މޯލްޑިވިއަންގެ ފްލައިޓުގައި އަނބުރާ ތައިލެންޑަށް ގެންދާނެ އެވެ.
ތައި ކޮންސިއުލޭޓުން ބުނީ މިއަދު ބޭއްވީ މިގޮތަށް އެ ގައުމުގެ ސަރުކާރުން މީހުން ގެންދަން ބޭއްވި އެންމެ ފަހު ފްލައިޓުކަމަށެވެ. މި ދަތުރުތަކުގައި ޖުމްލަ349 މީހަކު އަނބުރާ ގައުމަށް ފުރުވާލާފައިވާ ކަމަށް ބުނެ އެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާޢްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި އެކި ގައުމުތަކުގެ ބިދޭސީ މަސައްކަތްތެރިން ގެންދިއުމަށް އެ ގައުމުތަކުން ދަނީ ޗާޓާޑް ފްލައިޓުތައް ބާއްވަމުންނެވެ.
ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ އަންނަ ޖުލައި މަހުގެ ތެރޭގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް