އުލިގަމުގައި ބަނދަރުކުރާ ޔޮޓުފަރުން ނަގާ ފީއަށް ބޮޑެތި ލުއިތަކެއް ދީފި

ހއ. އުލިގަމުގައި ބަނދަރު ކުރާ ޔޮޓް ފަހަރުން ދައުލަތަށް ނަގަމުން އަންނަ ފީ75 ޕަސެންޓަށް ކުޑަކޮށްފި އެވެ. މީގެ ކުރިން ކަސްޓަމްސްގެ އާންމު ގަވައިދުގައި ބުނެފައިވާގޮތުން ރާއްޖެ އަންނަ ހުރިހާ ސައިޒެއްގެ ޓޫ...

25 May 2020 | 08:09

ހއ. އުލިގަމުގައި ބަނދަރު ކުރާ ޔޮޓް ފަހަރުން ދައުލަތަށް ނަގަމުން އަންނަ ފީ75 ޕަސެންޓަށް ކުޑަކޮށްފި އެވެ.

މީގެ ކުރިން ކަސްޓަމްސްގެ އާންމު ގަވައިދުގައި ބުނެފައިވާގޮތުން ރާއްޖެ އަންނަ ހުރިހާ ސައިޒެއްގެ ޓޫރިސްޓު އުޅަނދުތަކުން އިންވާޑް އަދި އައުޓްވާޑް ފީގެ ގޮތުގައި ދައްކަން ޖެހެނީ 1،000 ރުފިޔާ އެވެ. މިކަމުގެ ސަބަބުން މި ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި އުލިގަމު ކައުންސިލުން ވަނީ ހިތްހަމަ ނުޖެހުން ފަޅުކޮށްފައި އެވެ.

ކަސްޓަމްސްގެ އާންމު ގަވައިދު އިސްލާހުކޮށް ގެޒެޓްކޮށްފައިވާއިރު ކަނޑުމަގުން ރާއްޖެ އަންނަ 15 މީޓަރަށް ވުރެ ކުޑަ ޓޫރިސްޓު އުޅަނދުތަކުން ދައްކަން ޖެހޭ އިންވާޑް އަދި އައުޓްވާޑް ފީ ވަނީ 250 ރުފިޔާ އަށް ކުޑަކޮށްފައި އެވެ. މިހާރު1،000 ރުފިޔާ އިންވާޑް އަދި އައުޓްވާޑް ފީގެ ގޮތުގައި ދައްކަން ޖެހެނީ15 މީޓަރަށްވުރެ ބޮޑެތި އުޅަނދުތަކެވެ.

އާންމުކޮށް އުލިގަމުގައި ބަނދަރު ކުރަނީ15 މީޓަރަށްވުރެ ކުދި ޓޫރިސްޓު އުޅަނދުތަކެވެ.

އަލަށް ގެނައި އިސްލާހާއި އެކު އެޖެންޑަޓަކު ހަމަ ނުޖައްސާ ރާއްޖެއަށް އަންނަ15 މީޓަރަށްވުރެ ކުދި އުޅަނދުތަކަށް އެޖެންޓަކު ހަމަޖައްސަން72 ގަޑިއިރު ދެ އެވެ. އޭގެ ފަހުގައި އެޖެންޓަކު ހަމަ ނުޖައްސައިފިނަމަ ކަނޑައެޅޭ ޖޫރިމަނާ ފީ ރާއްޖެއިން ފުރުމުގެ ކުރިން ކަސްޓަމަށް ދައްކާ ނިންމަން ޖެހެ އެވެ.

މީގެ އިތުރުން އެ ގަވައިދަށް ގެނައި އިސްލާހާއެކު ކާބޯތަކެއްޗާއި، ތެލާއި ބޯފެން ފަދަ ތަކެތި އެރުވުމަށް، ރާއްޖެ އަންނަ 15 މީޓަރަށްވުރެ ކުޑަ، ފަތުރުވެރިކަމުގެ އުޅަނދުފަހަރަށް އޭޖެންޓަކު ނެތި ހަތް ދުވަސްވަންދެން، ކަސްޓަމްސް ހުއްދަކުރާ ސަރަހައްދެއްގައި ބަނދަރުކުރެވިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

މި އިސްލާހުތައް ގެނެސްފައި މިވަނީ ގިނަ އަދަދެއްގެ ކުދި ޔޮޓު ފަހަރު އަންނަ އުލިގަމަށް މި ފަަކަށް އައިސް ޔޮޓް ބަނދަރު ކުރުން މަދުވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން އުލިގަމު ކައުންސިލާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ފާޅުކޮށްފައިވަނިކޮށެވެ. އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އުލިގަމަށް ޔޮޓު ފަހަރު އައުން މަދުވެފައިވާ ސަބަބު ދެނެގަނެ އެކަން ހައްލުކޮށްދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފަ އެވެ. \

މި މައްސަލަ ހައްލު ކުރުމަށް މިދިޔަ ޖެނުއަރީ މަހު ކަސްޓަމްސްއިން ވަނީ މަހާސިންތާއެއް ބާއްވާފައި އެވެ. އެ މަހާސިންތާގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އަދި އުލިގަމު ކައުންސިލް މެމްބަރުންނާއި ކަމާ ބެހޭ 15 އިދާރާއަކުން 45 މަންދޫބުން ބައިވެރިިވި އެވެ.

އެ މަހާސިންތާގައި އުލިގަމަށް މި ވަގުތައް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކަންތައް ހައްލު ކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅިގެން މަޝްވަރާ ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް