ޕޮސިޓިވް، އަލާމާތް ނުފެންނަ މީހުން ރަނގަޅުވިތޯ ބަލަން ޓެސްޓު ކުރާނީ 21 ދުވަސް ފަހުން!

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން އަލާމާތް ނުފެންނަ މީހުން ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓު ކުރާނީ21 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. މިހާތަނަށް އެޗްޕީއޭއިން އަމަލު ކުރަމުންދިޔ...

25 May 2020 | 06:59

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން އަލާމާތް ނުފެންނަ މީހުން ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓު ކުރާނީ21 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މިހާތަނަށް އެޗްޕީއޭއިން އަމަލު ކުރަމުންދިޔަ އުސޫލުގެ ދަށުން އަލާމާތް ނުފެންނަ މީހުން ރަނގަޅުވިތޯ ބަލަން ފުރަތަމަ ޓެސްޓު ހަދަނީ14 ދުވަސް ފަހުންނެވެ. އެކަމަކު އެ މުއްދަތުގައި ގިނަ މީހުންގެ ގައިން ވައިރަސް ނުފިލާކަމަށްވެ އެވެ.

"ދުވަސް" އަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިގޮތަށް ނިންމީ ވައިރަސް އާއި ގުޅިގެން އެޗްޕީއޭގައި އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕު (ޓެގް) އިން ކަމަށެވެ. އެކަމަކު މިހާތަނަށް އެގޮތަށް ބަދަލު ގެނައި ސަބަބު އަދި ސާފު ނުކޮށްދޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅަނީ ވައިރަހުގެ އަލާމާތްތައް ފިލައި14 ދުވަސް ފަހުން ދެ ދުވަހު ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމައެވެ. އޭގެ ފަހުން އައިސޮލޭޝަން މުއްދަތު ފުރިހަމަ ކުރުމަށް ފަހުވެސް ޓެސްޓު ކުރެ އެވެ.

ބެލެވޭ ގޮތުގައި މިބަދަލު ގެންނަން ނިންމީ ޓެސްޓު ކުރުމުގެ ހަރަދަށް ބަލައިގެންނެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޓެސްޓު ކުރުމުގެ ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވާން ފެށުމުން މިފަދަ ބަދަލުތައް ގެނެސްފައިވެ އެވެ.

މީގެ ކުރިން ރާއްޖޭގައި ވައިރަހަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެއްވެސް އަލާމާތެއް ނެތް މީހުންނެވެ. އެކަމަކު އެމީހުން ބަލިން ރަނގަޅުވުމުގެ މަރުހަލާގެ ފުރިހަމަ ދިރާސާއެއް އަދި ހެދިފައި ނުވިނަމަވެސް ބަލިން ރަނގަޅުވާލެއް އުންމީދު ކުރާވަރަށްވުރެ ލަސް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

އޭގެ ފަހުން އެޗްޕީއޭއިން އަމަލު ކުރަމުންދާ އެސްއޯޕީއަށް ގެނައި ބަދަލާއި އެކު މިހާރު ވައިރަހަށް ޓެސްޓު ކުރަމުންދަނީ ޕޮސިޓިވްވާ މީހުންނާއި ގުޅުން ހުރި މީހުންގެ ތެރެއިން އަލާމާތް ފެންނަ މީހުންނެވެ. އެހެންވެ މިހާރު ޕޮސިޓިވް މީހުންގެ ތެރެއިން65 ޕަސެންޓަށްވުރެ ގިނަ މީހުންނަކީ އަލާމާތް ހުންނަ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން1،373 މީހަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ.128 މީހަކު ބަލިން ރަނގަޅުވެފައިވާއިރު ހަތަރު މީހަކު ވަނީ ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް