މާބަނޑު މީހަކު ހިމެނޭ ގޮތަށް އެއް އާއިލާއެއްގެ ފަސް މީހަކު މާލެއިން ޕޮސިޓިވް ވެއްޖެ

އެއް ގެއެއްގެ ދިރިއުޅޭ އެއް އާއިލާއެއްގެ ފަސް މީހަކު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެ ގޭގައި ދިރިއުޅެނީ ދެމަފިރި އަކާއި ތިން ކުދިންނާއި އަންހެން މީހާގެ މަންމަ އާއި ކޮއްކޮ އެކެވެ. މާބަނ...

25 May 2020 | 06:26

އެއް ގެއެއްގެ ދިރިއުޅޭ އެއް އާއިލާއެއްގެ ފަސް މީހަކު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެ ގޭގައި ދިރިއުޅެނީ ދެމަފިރި އަކާއި ތިން ކުދިންނާއި އަންހެން މީހާގެ މަންމަ އާއި ކޮއްކޮ އެކެވެ. މާބަނޑު އަންހެން މީހާގެ ބަނޑަށް ހަ މަހެވެ.

ދުވަހަށް މައުލޫމާތު ދެމުން އާއިލާ މީހަކު ބުނީ އެގެއިން ފުރަތަމަ ޕޮސިޓިވްވީ އަންހެން މީހާގެ މަންމަ އާއި ކޮއްކޮ އެވެ. އޭގެ އެއް ދުވަސް ފަހުން އަލާމާތްތައް ފެންނަން ފެށުމުން ސީދާ ގުޅުން ހުރި މީހުންނަށްވާތީ ދެމަފިރިންނާއި ތިން ކުދިން ޓެސްޓު ކުރި ކަމަށްވެ އެވެ.

އޭގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ދެމަފިރިންނާއި12 އަހަރުގެ ކުއްޖާ އެވެ. ކޯވިޑްގެ ނަތީޖާ ނެގެޓިވްް ކަމަށް ދެއްކީ އުމުރުން13 އަހަރުގެ ކުއްޖާ އާއި ހަތް އަހަރުގެ ކުއްޖެކެވެ

އެކަމަކު އެކަނި ބޭތިއްބެން ނެތުމާއި، އެ ކުދިން އާއިލާގެ އެހެން ގެއަކަށް ގެންދިއުމަކީ ރައްކާތެރިކަމަށް ނުވާތީ ނެގެޓިވްވި ދެކުދިންވެސް ވަނީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި އެވެ. އެމީހުން ފެސިލިޓީއަށް ގެންދިޔައީ އިއްޔެ ރޭ އެވެ. ނެގެޓިވްވި ދެ ކުދިންގެ ގައިން މިހާރު އަލާމާތްވެސް ނުފެންނަ ކަމަށް މައުލޫމާތު ދެ އެވެ.

މީގެ ތެރެއިން އަންހެން މީހާގެ މަންމަ އާއި ކޮއްކޮ މިހާރު ވަނީ އަލާމާތްތައް ފިލުމުން ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކޮށްފައި އެވެ. ދެމަފިރިންނާއި ތިން ކުދިން ތިބީ އައިސޮލޭޝަން ފެސިލިޓިއެއްގައި އެވެ. އެ އެންމެން ހާލު ރަނގަޅުކަމަށާއި މާބަނޑު އަންހެން މީހާއަށްވެސް ރޯގާ ޖެހުން ފިޔަވާ ސިއްހީ ގޮތުން އެއްވެސް މައްސަލައެއް ދިމާނުވާކަމަށް މައުލޫމާތު ދިނެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވަނީ ހަތަރު މާބަނޑު މީހެކެވެ. އޭގެ ތެރެއިން އެކަކު ވިހާފައިވާއިރު ވިހޭ ކުއްޖާ ވަނީ ކޯވިޑަށް ނެގެޓިވްވެފައި އެވެ.

ރާއްޖެއިން1،371 މީހަކު ވައިރަހަށް ޕޮސިިޓިވްވެފައިވާއިރު128 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި ހަތަރު މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް