ކުރީގެ ރައީސް އަބްލުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކާށިދޫ ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހެޅުއްވި ގަރާރު އެއް ދުވަސް ފަހުން ނަގައިފި އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލާފައިވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ. ޖަލަށް ހުކުމް ކުރުމުގެ އިތުރުން ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިހީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުއްވި ސިޓީއެއްގައި އެ ގަރާރު އަނބުރާ ނަންގަވަން ނިންމެވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އެ މައްސަލައަކީ މިހާރު ވެސް މަތީ ކޯޓެއްގައި ހިނގަމުންދާ މައްސަލައަކަށްވާ އިރު މަޖިލީހުގައި އެފަދަ ބަހުސެއް ހިންގުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތްކަމަށް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތްތައް އަވަހަށް ބާއްވައި ވީހާވެސް އަވަހަކަށް އިންސާފު ހޯދައި ދެއްވުމަށްވެސް ޖާބިރުގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ގަރާރު ހުށަހެޅުމުގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ނެތިކޮށް، ގައުމީ ރޫޙެއްގައި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ. ޖާބިރު ވިދާޅުވީ ކޯވިޑާއި ގުޅިގެން ދިމާވެފައިވާ ދަތި ވަގުތުގައި ޔާމީން މިނިވަންކޮށް، އެ މަނިކުފާނުގެ އެހީ ސަރުކާރުން ހޯދަންޖެހޭ ކަމަށެވެ.
ޔާމީންގެ ފަރާތްޕުޅުން ލިބޭނެ އަދި ހޯދަން އެދިވަޑައިގެންނަވާ އެހީތެރިކަމުގެ ގޮތުގައި ފާހަގަ ކުރައްވާފައިވަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުގެ އެހީ އެވެ. ޖާބިރު ވިދާޅުވީ އެ ގައުމުތަކުން އެހީ ހޯދުމަށް ޔާމީން މެދުވެރިކޮށް މަސައްކަތް ކުރުމުން ވަރަށް ފަސޭހަ ވާނެ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅުން ހުރި އެ މަނީލޯންޑަރިންގެ މައްސަލައިގަ ހަމައެކަނި ޖަލުގައި ރައީސް ޔާމީން ހުންނަވަން ޖެހުމަކީ އިންސާފު ނޫންކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް