ގެއްލުނު ސަބްމެރިން ތިން ބުރިވެފަ އޮއްވަ ފެނިއްޖެ، އެންމެން ވަނީ މަރުވެފަ

ގެއްލުނު އިންޑޮނީޝިއާގެ އަސްކަރީ ސަބްމެރިން ކޭއާރްއައި ނަންގަލާ ތިން ބުރި ވެފައި އޮއްވަ ފެނިއްޖެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ. ސަބްމެރިން ގެއްލުނު އިރު އޭގައި 53 މީހުން ތި...

25 Apr 2021 | 18:09

ގެއްލުނު އިންޑޮނީޝިއާގެ އަސްކަރީ ސަބްމެރިން ކޭއާރްއައި ނަންގަލާ ތިން ބުރި ވެފައި އޮއްވަ ފެނިއްޖެ ކަމަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

ސަބްމެރިން ގެއްލުނު އިރު އޭގައި 53 މީހުން ތިއްބެވެ. މި ސަބްމެރިން ގެއްލިފައިވަނީ އިންޑޮނީޝިއާގެ ބާލީގެ ކަނޑުގެ އައްސޭރި ފަށުގައި އެގައުމުގެ ކަނޑުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް ހިންގަނިކޮށް މިދިޔަ ބުދަ ދުވަހުއެވެ.

އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ އޮފިޝަލުން ބުނެފައިވަނީ ސަބްމެރިން ގެއްލުނު އިރު އޭގަތި ތިބި 53 މީހުން މަރުވެފައިވާ ކަމަށެވެ. އެމީހުން މަރުވެފައިވާކަން އިއުލާނު ކުރުމުގެ ކުރިން އެ ގައުމުގެ އޮފިޝަލުން އިއްޔެ ވަނީ އެމީހުން ދިރިތިއްބަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ނެތް ކަމަށް ބުނެފަ އެވެ.

މީހުން ސަލާމާތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާލީ ސަބްމެރިން އޮތް ހިސާބުން، އެ ނެގުމުގެ ފަންނީ ގާބިލްކަން އިންޑޮނީޝިއާގައި ނެތުމާއި އޭގައި އޮކްސިޖަން ހުރީ ތިން ދުވަހަށްވެފަ އިއްޔެއަށް އެ މުއްދަތު ހަމަވެފައިވާތީ އެވެ.

މީގެ އިތުރުން ސަބްމެރިން އޮތް ސަރަހައްދުން ފެނުނު ނިޝާންތަކަކީ އެމީހުން ދުނިޔޭގައި ނުތިބޭނެ ކަމުގެ ހެކިތައް ކަމަށް ގަބޫލުކޮށްފައިވެ އެވެ. އެ ސަރަހައްދުން ފެނުނު ތަކެތީގެ ތެރޭގައި ސަބްމެރިންގައި ތިބި ސިފައިން ނަމާދު ކުރަން ބޭނުން ކުރި މުސައްލަތަކާއި ގިރިސް ފުޅި ހިމެނެ އެވެ. އަދި ސަބްމެރިން ކަނޑުގެ އަޑިއަށް ދިޔަ ސަރަހައްދުން ތެލުގެ އަސަރު ވަރަށް ބޮޑަށް ފެނިފައިވެ އެވެ.

ސަބްމެރިން އޮތް ހާލަތު ރަނގަޅަށް ދެނެގަނެވިފައިވަނީ ސިންގަޕޫރުން ގެންދިޔަ ކަނޑުއަޑީގައި ބޭނުން ކުރާ ރެސްކިއު ވެހިކަލެއްގެ އެހީގައި އެވެ. އެ ވެހިކަލް ބޭނުންކޮށްގެން ގެއްލުނު ސަބްމެރިން އޮތް ސަރަހައްދަށް ފޮނުވައިގެން ސަބްމެރިންގެ ބައިތަކުގެ ފޮޓޯ ވަނީ ނަގައިފަ އެވެ.

އެއީ 800 މީޓަރު (2،600 ފޫޓު) ގެ އަޑި އެވެ.

މިއީ އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި ކާރިސާއެވެ.

މި ސަބްމެރިން އުފައްދާފައިވަނީ 1978 ވަނަ އަހަރު ޖަރުމަނުވިލާތުގައި އެވެ. މި ސަބްމެރިން 2012 ވަނަ އަހަރު މަރާމާތު ކޮށްފައިވާއިރު އެ އޮތީ ރަނގަޅު ހާލަތުގައި ކަމަށް ބުނެ އެވެ.

އެކަމަކު ސަބްމެރިންގެ އޮނގަނޑަށް 40 އަށްވުރެ ގިނަ އަހަރުވެފައިވާތީ މާބޮޑަށް ފުނައްގޮސްފިނަމަ އޭގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޓެކްނީޝަނުންނާ ހަވާލާދީ އިންޑޮނީޝިއާގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް