ޕެންޝަން ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި އެވެ.
ސަރުކާރު ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އެވެ. މި ބިލު އަނބުރާ ގެންގޮސްފައި މިވަނީ ބިލަށް ހުށަހަޅާފައިވާ އިސްލާޙު ތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރާއި އެމްޑީޕީއަށް އަމާޒުވެފަ ވަނިކޮށެވެ.
ސަރުކާރުން އެ ގާނޫނަށް ހުށަހެޅި ގިނަ ބަޔަކު ހިތްހަމަ ނުޖެހުނު އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ މަގާމެއް އަދާކުރުމަށް ފަހު ރިޓަޔާކޮށްފައިވާ މީހަކު އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރާ މަގާމަކަށް އަންނަ ހިސާބުން ފެށިގެން، އޭނާއަށް ޕެންޝަން ލިބުން ހުއްޓޭނެ ކަމަށް ބުނެފައިވުން ހިމެނެ އެވެ. ބިލްގައިވާ ގޮތުން، އެކި މަގާމުތަކުގައި އުޅުމަށް ފަހު ރިޓަޔާވާ މީހުންނަށް އެ މީހުން އަދާކުރި މަގާމާ ގުޅޭ ގޮތުންް ތަފާތުވާ ގޮތުގައި ދޭ ޕެންޝަަންތައް ކަނޑާލުމުގައި އިސްތިސްނާކުރާނީ ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށެވެ.
އެ ބިލުގައި އިސްތިސްނާކޮށްފައިވާ މުއައްސަސާތައް ފިޔަވައި އެހެން ތަންތަނުގައި މަސައްކަތްކޮށް ރިޓަޔާވެފައިވާ މީހުންނަށް ޕޭކޮމިޝަން މެދުވެރިކޮށް، ޕެންޝަނުގެ އަދަދުތައް އަލުން ކަނޑައަަޅަން ހިމަނާފައިވެ އެވެ. އަދި ޕޭކޮމިޝަނަށް ލާޒިމްކޮށްފައި އޮތީ ބިލު ގާނޫނަކަށް ވާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ސިޔާސަތުތައް ކަނޑައެޅުމަށެވެ.
މި އިސްލާހާއި ދެކޮޅަށް މަޖިލީހުގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ދައުލަތަށް އެތައް އަހަރެއް ވަންދެން ހިދުމަތްކުރާ މީހުންނަށް އަޅައި ނުލައި ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުތަކުންް ޕެންޝަން ގާނޫނަށް ގެންނަމުންދާ އިސްލާހުތަކުގެ ސަބަބުން ޕެންޝަނަރުން ވެސް ނިކަމެތިވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ޝިޔާން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ޕެންޝަނާ ބެހޭ ބިލް އަނބުރާ ނަންގަވާ ކަމަށެވެ. އެ ސިޓީގައި ބިލް އަނބުރާ ގެންދަވަނީ ކޮން ސަބަބަކާ ހުރެ ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް