ކޯވިޑް-19 ކޭސްތައް އިތުރުވެފައިވަނީ އެންމެ ހަލުވިކާއި އެކު ދުނިޔޭގައި ބަލި ފެތުރެމުންދާ އިންޑިއާގެ ކަރަންޓީން މަރުކަޒަކަށް ރާއްޖެ ހަދާފައިވާތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންޑިއާ މީހުންގެ ކަރަންޓީނު މަރުކަޒަކަށް ރާއްޖެ ހެދުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލަނީ އެހެން ބައެއްގެ ފައިދާއަށްޓަކައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރައްޔިތުންނަށްވުރެ މި ސަރުކާރުން އިސްކަންދެމުންދަނީ، އެހެން ގައުމުތަކާއި ހާއްސަކޮށް އިންޑިއާ ރައްޔިތުންނަށް ކަން ކޯވިޑުން ނުކުންނަމުންދާ ނަތީޖާއިން ހާމަވަމުންދާ ކަމަށެވެ. އެކަމަކީ ބިރުވެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަން އުޅުއްވަނީ ކޮން ގައުމެއްގެ ރައްޔިތުންނަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ.
އަދުރޭ ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގެންނަވާ ފޮނަދޫ ވެސް މިހާރު ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށާއި އެހާހިސާބަށް ރާއްޖޭގެ ހާލަތު ގޮސްފައި މިވަނީ ސަރުކާރުގެ އިހުމާލާއި ނާގާބިލް ކަމުން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖެއިން ކޯވިޑް ފެތުރުމުގެ ކުރިން އިދިކޮޅުން ފިޔަވަޅު އެޅުމަށް ގޮވާލި ނަމަވެސް، އެކަމަށް އިޖާބަދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ކޯވިޑް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެ ގައުމަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ ސިޓީ ހޮޓާތަކާއި ގެސްޓު ހައުސްތަކުގައި ތިބުން ވަނީ މަނާކޮށްފަ އެވެ. އަދި ދިވެހިން އިންޑިއާއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައި އިމިގްރޭޝަނުން މިއަދު ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް