ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 100 އާއި ގާތް ކޮށްފި އެވެ.
މާފުށީ ސިއްހީ މަރުކަޒުން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދުގެ މިހާތަނަށް 12 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އިއްޔެ ޕޮސިޓިވްވި 16 މީހުންނާއި އެކު މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 99 އަށް އަރާފައިވާ ކަމަށް ބުނެ އެވެ.
މާފުށިން ކޯވިޑް-19 ކޭސްއެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭކަން އެނގުނީ އެ ދުވަހު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޓެސްޓު ކުރި އިރު ޕޮސިޓިވްކަން އެނގުމުންނެވެ.
ޓޫރިޒަމަށް ބަރޯސާވެފައިވާ މާފުށީގައި ކޯވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުން މާފުށީ ކައުންސިލުން ވަނީ އިއްޔެއިން ފެށިގެން އެކްސްކާސަންސް އަދި ވޯޓާ ސްޕޯޓްސް ދަތުރުތައް ހުއްޓާލަން އަންގައި މަސްދަތުރުތައް ދިއުން ހުއްޓާލަން އަންގާފަ އެވެ.
ހޮޓާ، ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާތަކުން ހަމައެކަނި ޓޭކް އަވޭ ހިދުމަތް ދިނުމަށް އަންގާފަ ވެއެވެ. އަދި ފިހާރަތަކުން ހަމައެކަނި ޑެލިވަރީގެ ޙިދުމަތް ދޭގޮތަށް ބަދަލުކޮށް ފިނި މައިޒާންތައް ބަންދުކޮށްފަ އެވެ.
ރާއްޖޭގައި މިވަގުތު އެންމެ ހަލުވިކަމާއި އެކު ކޯވިޑް ފެތުރެމުންދަނީ މާފުއްޓާއި، ބ. އޭދަފުށީގެ އިތުރުން އއ. މަތިވެރީގައި އެވެ. އޭދަފުށީގެ ކޯވިޑް ކޭސްތަކުގެ އަދަދު 70 އަށް އަރާފައިވާއިރު މަތިވެރިން 100 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް