މަގު މައްޗަށް ނުކުމެ މުޒާހަރާ ކުރަންޖެހުނީ ޖިންސީ ގޯނާއިން ޒުވާނުންނާއި ކުޑަކުދިން ރައްކާތެރި ކުރުމަށް ފުލުހުން ނުކުޅެދިފައިވާތީ ކަމަށް ރޭ އިހުތިޖާޖުކުރި ކުރި ޒުވާނުން ބުނެފިއެވެ.
ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ އަދި ރޭޕާ ދެކޮޅަށް ޒުވާނުންތަކެއް އިސްވެ އުސްފަސްގަނޑު ސަރަހައްދުގައި ރޭ ބޭއްވި ހިމޭން އިހުތިޖާޖުގައި ބައިވެރިވި ޒުވާނުން ވަނީ އެ ކުދިންގެ ކަންބޮޑުވުން އިއްވާފައެވެ. އެ އިހުތިޖާޖު ހިމޭންކޮށް ކުރިއަށް ގެންދަނިކޮށް ފުލުހުންގެ ޓީމަކުން އެ ސަރަހައްދަށް ގޮސް ވަނީ ފިއްތުންތައް ކުރިމަތިކޮށް އެއްވެފައި ތިބި މީހުންނަށް ހުރަސްތައް ކުރިމަތްކޮށްފައެވެ.
އެ އާއެކު ޒުވާނުން ވަނީ އެ މީޙުންގެ އުދާސްތައް ރުކޮށްލާފައެވެ. "ފުލުހުންނަ އަޅުގަނދުމެން ރައްކާތެރި ނުކުރެވުނީމަ ނުކުމެ މިތިބީ" ޒުވާނަކު ބުންޏެވެ.
މީގެ އިތުރުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ފުލުހުންނަށް ހުއްދަކުރާ ކަމެއްތޯ ޒުވާނުން ވަނީ ފުލުހުންނާ ސުވާލުކޮށްފައެވެ.
“ދުވަސް”އަށް މައުލޫމާތު ދެއްވަމުން މި ހަރަކާތުގައި އިސްކޮށް އުޅުއްވާ އައުސަމް އަލީ ވިދާޅުވީ، މި ހަރަކާތަކީ ޖަސްޓިސް ފޯ ސަވައިވާސް އަދި ވޮއިސް އޮފް ޗިލްޑްރަންގެ އެހީތެރިކަމާއެކު ނުހާ އާދަމް އިންތިޒާމްކުރި އެއްވުމެކެވެ.
މި އެއްވުމަކީ ޖިންސީ ގޯނާ އާއި ފުރައްސާރައިގެ މައްސަލަތަށް ގިނަވެ، އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށާއި ޒުވާނުން މިކަމާ މެދު ދެކޭ ގޮތާއި ޝުއޫރުތައް ފާޅުކުރުމަށް ބޭއްވި ހިމޭން އެއްވުމެކެވެ.
ޖިންސީ ގޯނާގެ މައްސަލަތައް ގިނަވަމުން ދިޔަ ނަމަވެސް، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ނުލިބޭތީ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އަދި އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ކްރައިމްސް އަގައިންސް ޗިލްޑްރަން ޑިޕާޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން އިއްޔެ ވަނީ ބުނެފައެވެ.
މީގެ އިތުރުން، ރ. މަޑުއްވަރީގައި ގުރޫޕަކުން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައަކާއި ދެ އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ އިތުރުން ސަފާރީއެއްގައި ކެންޏާގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވެ ވަނީ ހޫނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް