ގެއްލިގެން ހޯދަމުން ދާ އިންޑޮނީޝިއާގެ އަސްކަރީ ސަބްމެރިންގައި ތިބި މީހުން ސަލާމަތް ނުކުރެވޭނެ ކަން ޔަގީން ވެއްޖެ އެވެ.
ސަބްމެރިން ގެއްލުނު އިރު އޭގައި 53 މީހުން ތިއްބެވެ. މި ސަބްމެރިން ގެއްލިފައިވަނީ އިންޑޮނީޝިއާގެ ބާލީގެ ކަނޑުގެ އައްސޭރި ފަށުގައި އެގައުމުގެ ކަނޑުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް ހިންގަނިކޮށް މިދިޔަ ބުދަ ދުވަހުއެވެ.
އިންޑޮނީޝީއާގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތައި އެ ސަބްމެރިން އޮތީ ކަނޑުގެ 2،800 ފޫޓު އަޑީގައި ކަމުން އެ ނެގުމުގެ ފަންނީ ގާބިލްކަން އިންޑޮނީޝިއާގައި ނެތް ކަމަށެވެ. ސަބްމެރިން އޮތް ސަރަހައްދު ދެނެގަނެވި ކަނޑު އަޑިއަށް ފޮނުވި ކެމެރާތައް މެދުވެރިކޮށް ފޮޓޯތައް ލިބިފައިވާއިރު އެ ސަރަހައްދުގެ ކަނޑުގެ ފެންމައްޗަށް ބައެއް އެއްޗެހި ދަނީ އަރަމުންނެވެ.
އޭގެ ތެރޭގައި ސަބްމެރިންގައި ތިބި ސިފައިން ނަމާދު ކުރަން ބޭނުން ކުރި މުސައްލަތަކާއި ގިރިސް ފުޅި ހިމެނެ އެވެ. އަދި ސަބްމެރިން ކަނޑުގެ އަޑިއަށް ދިޔަ ސަރަހައްދުން ތެލުގެ އަސަރު ވަރަށް ބޮޑަށް ފެނިފައިވެ އެވެ.
އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ ފެނުނު ތަކެއްޗާއި ސަބްމެރިންގެ ބައިތަކަށް ބަލާއިރު ސަބްމެރިން ހަލާކުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އޭގައި ތިބި މީހުން ސަލާމާތް ނުކުރެވޭނެ ކަން ޔަގީންވީ ފެންނަމުންދާ ސަބްމެރިންގެ ބައިތަކާއި ސަބްމެރިން އޮތް ހިސާބަށް ދިއުމުގެ ފަންނީ ގާބިލްކަން ނެތުމުންނެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އިއްޔެގެ ނިޔަލަށް ސަބްމެރިންއިން އޮކްސިޖަން ވާނީ ހުސްވެފައި އެވެ. އޭގަ ތިބި މީހުން ސަލާމަތް ކުރުުމުގެ ފުރުސަތުނެތުމުގެ އިތުރުން ސަބްމެރިންގެ ބައިތައް ފެނުން މައްޗަށް އަރަމުން ދިޔަ ނަމަވެސް ލިބިފައިވާ ފޮޓޯތަކުން ސަބްމެރިންގެ ބޭރު ފުށުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
މިއީ އިންޑޮނީޝިއާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ނުރައްކާތެރި ކާރިސާއެވެ.
މި ސަބްމެރިން އުފައްދާފައިވަނީ 1978 ވަނަ އަހަރު ޖަރުމަނުވިލާތުގައި އެވެ. މި ސަބްމެރިން 2012 ވަނަ އަހަރުވަނީ ދެކުނު ކޮރެޔާގެ އަސްކަރީ ޑޮކްޔާޑެއްގައި ވަރަށް ރަނގަނޅަށް މަރާމާތުކޮށްފަ ކަމަށް އިންޑޮނީޝިއާއިން ބުނެ އެވެ.
އެކަމަކު ސަބްމެރިންގެ އޮނގަނޑަށް 40 އަށްވުރެ ގިނަ އަހަރުވެފައިވާތީ މާބޮޑަށް ފުނައްގޮސްފިނަމަ އޭގައި މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ޓެކްނީޝަނުންނާ ހަވާލާދީ އިންޑޮނީޝިއާގެ މީޑީއާ ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް