ހާރުކާން ގޮވާހެން މާ ވަރަކަށް މީހަކު ގޮވާތީ ލޯ ހުޅުވާލީމެވެ. ކުޑަކޮށް މޯޅިއަކަށް ދެމިލުމަށް ފަހު ދެލޯ އުނގުޅާލީމެވެ.
ގޮވީ ކާކުތޯ ބަލާލެވުނީ ދެނެވެ. ފެންނަން އޮތީ އަހަރެންގެ ގަލަމެވެ. ޗޮކެއް ކަނޑާލުމަށް ފަހު ވީ ގޮތެއް އޮޅުން ފިލުވާލުމަށް ސުވާލު ކުރީމެވެ. ޖަވާބުގައި އޭނަ ވެސް ކުރީ ސުވާލެކެވެ. ކައުންސިލް އިންތިހާބުގެ އަސްލު ނަތީޖާ އެނގޭ ހެއްޔެވެ؟ އިސާހިތަކު ޖަވާބު ދޭނަމޭ ހިނގާށޭ ބުނެ އަހަރެން އޭނާ ހިންގުވާލީމެވެ. ވަކިވަކިން ތަފުސީލުކޮށް ބުނެދޭނަމެވެ.
އިންތިޚާބުގެ ކުރިން ބޮޑެތި ލުއިތަކެއް ދީފައި ވޭ!
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބާ ދިމާކޮށް ކޯވިޑް-19 ފެތުރޭ މިންވަރު މަދުކުރުމަށް އިއުލާންކޮށްފައި އޮތް ކާފިއު އުވާލައި ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފައި ވެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރުނު ބަޔާނަކުން ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް، ޖިމްތަކާއި ކަސްރަތު ކްލާސްތަކުގެ އިތުރަށް ދުވާ ޓްރެކްތައް ވެސް ހުޅުވާލިއެވެ.
އަދި ސްކޫލްތަކާއި ޔުނިވަރސިޓީ ކޮލެޖުތަކުގައި ވެސް ކަމާ ބެހޭ މިނިސްޓްރީތަކުން ކަނޑައަޅާފައިވާ ވަކި އުސޫލެއްގެ ދަށުން ދަރިވަރުން ކްލާހަށް ހާޒިރުކޮށް ކިޔަވައިދެވޭ ގޮތަށް ހުޅުވާލިއެވެ. މީގެ އިތުރަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ވެސް ކަމާ ބެހޭ އިދާރާއަކުން ކަނޑައަޅާ އުސޫލުގެ މަތިން ހިދުމަތް ދެވޭ ގޮތަށް ހުޅުވާލައި ޑޭކެއާ ސެންޓަރުތައް ވެސް ހުޅުވީއެވެ.
ޕީސީއާރު ޓެސްޓް ނަހަދައި މަންމަގެ ޖަނާޒާގައި ބައިވެރިވާން ރަށަށް ނުދެވުނު މީހާއަށް ޓެސްޓް ނަހަދައި ވޯޓުލާން ދެވޭ ގޮތް!
މިއީ ތޯތޯ ވާހަކައެއް ނޫނެވެ. ޕީސީއާރު ޓެސްޓް ނެހެދިގެން އަދި ކަރަންޓީނު ވާނެ ގޮތެއް ނެތިގެން ލޯބިވާ މަންމަގެ ޖަނާޒާގައި ބައިވެރިވާން ރަށަށް ނުދެވުނު އަޅުގަނޑުގެ އެކުވެރިޔަކު އެބަ ހުށްޓެވެ. މާލޭން އެއްވެސް ރަށަކަށް ދާ ނަމަ 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަންޖެހެއެވެ.
އެކަމަކު ހެއްވާ ކަމަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލާން ރަށްރަށަށް ދާން ބޭނުންވާ މީހުންނަށް ކަރަންޓީނު ނުވެ، އެކަން ކުރެވޭނެ އިންތިޒާމު އެޗްޕީއޭން ހަމަޖައްސައި ދިނީއެވެ. ކަން މިހެން ހުރުމުން އޭރު ގިނަ ބަޔަކު ދިޔައީ އެޗްޕީއޭއަށް ފާޑު ކިޔަމުންނެވެ.
ކޯވިޑް-19 މި ވީ ވޯޓަށް ބިރުން ފިލާ އެއްޗެކޭ ވެސް ބަޔަކު ކިޔާތީ އިވުނެވެ.
ވޯޓުލާ މަރުކަޒުތަކުގައި ދިގު ކިޔުތައް، ގައިދުރުކަމެއް ނެތް!
އެއީ 10 އޭޕްރީލް 2021 އެވެ. ހަވީރު އަތަށް އަޅާލުމާއެކު ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުވެ ވޯޓުލާ މަރުކަޒުތަކަށް ބާރުބޮޑު ވާން ފަށައިފިއެވެ. ވޯޓުލާ މަރުކަޒުތަކުގައި ފެނިގެން ދިޔައީ މީހުންތައް ބޮނޑިވެފައިވާ މަންޒަރެވެ. ބައެއް މަރުކަޒުތަކުގައި ކިޔޫ ދަމާލައިފައި ވާއިރު އެތަންތަނުގައި ގައިދުރުކަމެއް ނެތް ކަން ވަރަށް ބޮޑަށް ފާހަގަ ވިއެވެ. ގޮނޑިތަކުގައި މީހުން ތިބި އިރު ވެސް ގައިދުރުކަމެއް ނެތްކަން ފާހަގަ ވިއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގޮނޑި ޖަހާފައިވާ ގިނަ ތަންތަނުގައި މީހުންނަށް އިށީނދެގެން ތިބެވެނީ އެއް ގޮނޑި ދޫކޮށް ގައިދުރު ކުރުމަށް ފަހުގައެވެ. ނަމަވެސް ވޯޓުލާ މަރުކަޒުތަކުގައި އެ އުސޫލެއް ވެސް ނެތެވެ. އެއީ މާ ބޮޑުވަރުގެ ކަމެއް ނޫންތާއެވެ. އައިސްގެން މިއުޅެނީ ވޯޓަށް ބިރުގަންނަ ވައިރަހެކޯލައެވެ.
އިންތިޚާބުގެ ދަާއިމީ ނަތީޖާ، އެމްޑީޕީ ކުރީގައި!؟
މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. އެ ކޮމިޝަނުން ބުނީ ނިމިދިޔަ ކައުންސިލް އިންތިޙާބުގައި އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާކަމަށެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ. މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 3،814 ކެނޑިޑޭޓުން ވާދަކުރިއެވެ. އެއީ ކައުންސިލް އިންތިޚާބުގައި ވާދަކުރި 2،234 ކެނޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރެއްވި 1،580 ކެނޑިޑޭޓުންނެވެ.
އިންތިޚާބާއި ދައީމީ ނަތީޖާތައް އިއުލާންކުރުމަށްފަހު އިލެލްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ ނިމިދިޔަ އިންތިޙާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި އެމްޑީޕީން 400 ގޮނޑި ކަށަވަރުކޮށްފައިވާކަމަށެވެ. އެމްޑީޕީން ކައުންސިލް އިންތިޙާބުގައި 804 ކެނޑިޑޭޓުން ވާދަކުރިއެވެ. މީގެތެރެއިން 3 ސިޓީގެ މޭޔަރުކަމާއި އެކު އެ ސިޓީތަކުގެ މެޖޯރިޓީ ވަނީ އެމްޑީޕީން ހޯދާފައެވެ. މީގެއިތުރުން މާލެ ސިޓީވެސް ހިމެނޭހެން ސިޓީ ކައުންސިލްތަކުން 18 ގޮނޑިއަކާއި 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަމާއި 71 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމަށްވެސް ހޮވިފައިވަނީ އެމްޑީޕީން ކެނޑިޑޭޓުންނެވެ. މީގެއިތުރުން ރަށު ކައުންސިލް މެމްބަރުންގެ ތެރެއިން 155 ގޮނޑިއާއި ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރި 370 ގޮނޑިން 142 ގޮނޑި ކާމިޔާބު ކުރީވެސް އެމްޑީޕީއެވެ. މުޅި އިންތިޙާބަށް ބަލާއިރު އިންތިޙާބު ކުރަންޖެހޭ ޖުމްލަ މަޤާމުތަކުގެ ތެރެއިން 43 އިންސައްތަ ކާމިޔާބުކުރީ އެމްޑީޕީއެވެ.
މި އިންތިޚާބުގައި އެމްޑީޕީއާއި އެންމެ ވާދަކުރީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއެވެ. އެ ކޯލިޝަނުން ވަނީ 325 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި މިހާތަނަށް އެމްޑިޕީން ކާމިޔާބުކުރަމުން އައި މާލެސިޓީގެ މޭޔަރުގެ މަޤާމާއި މާލެ ސިޓީގެ މެޖޯރިޓީވެސް ހިމެނެއެވެ. އިދިކޮޅު ކޯލިޝަނަށް މި އިންތިޙާބުގައި ޖުމްލަ 625 ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ. އިދިކޮޅު ކޯލިޝަނުން ކާމިޔާބު ކުރި ގޮނޑިތަކުގެ ތެރޭގައި ސިޓީ ކައުންސިލްތަކުން 16 ގޮނޑިއަކާއި 7 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސްކަން ހިމެނެއެވެ. މީގެ އިތުރުން 51 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމަާއި ކައުންސިލްތަކުން 121 ގޮޮނޑިއަކާއި އަންހެނުނަށް ހާއްސަ ކުރި ގޮނޑިތަކުން 129 ގޮނޑިއެއްވެސް ޕީޕީއެން ކޯލިޝަނުން ވަނީ ކާމިޔާބުކޮށްފައެވެ. މީ މި އިންތިޚާބުގެ %34.9 އެވެ. އެމްޑީޕީއާއި ޕީޕީއެމްއަށްފަހު ދެން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންނެވެ. އޭގެތެރޭގައި ހިމެނެނީ ސިޓީ ކައުންސިލް މެންބަރުކަމުގެ 3 ގޮނޑިއަކާއި 37 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެންބަރުކަމުގެ 71 ގޮނޑިއަކާއި ކައުންސިލްތަކުން އަންހެނުންނަށް ޚާއްޞަކުރި 62 ގޮނޑިއެވެ. މީ އިންތިޙާބުކުރަންޖެހޭ މަޤާމުތަކުގެ %13.5އެވެ.
ހަތަރުވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ޖުމްހޫރީ ޕާޓީންނެވެ. އެޕާޓިން ވަނީ މި ފަހަރުގެ އިންތިޚާބުގައި ސިޓީ ކައުންސިލްގެ މެންބަރުކަމުގެ 1 ގޮނޑިއަކާއި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި 7 ކައުންސިލެއްގެ މެމްބަރުކަމާއި އަންހެނުންނަށް ޚާއްޞަ ގޮނޑީގެ ތެރެއިން 15 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. ޖުމަލް 26 ގޮނޑި ޖުމްހޫރީ ޕާޓިން ކާމިބުކުރިއިރު މިއީ އިންތިޚާބުގެ %2.8އެވެ.
ސަން ސިޔާމްގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް މި އިންތިޚާބުގައި ކާމިޔާބުކުރެވުނީ ޖުމްލަ 16 ގޮނޑިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ރަށު ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚައްޞަ 8 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %1.1އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިއަށް ކާމިޔާބުކުރެވުނީ 13 ގޮނޑިއެވެ. އޭގެތެރޭގައި 3 ރަށެއްގެ ރަށު ކައުންސިލްގެ ރައީސްކަމާއި ކައުންސިލް މެންބަރުކަމުގެ 5 ގޮނޑިއަކާއި، އަންހެނުންނަށް ޚާއްޞަ 5 ގޮނޑިއެކެވެ. އެއީ އިންތިޚާބުގެ %0.7 އެވެ. މީގެ
އިތުރުން ދާދިފަހުން އުފެދުނު އެމްއެލްއެސްޑީޕީންވެސް ވަނީ މިފަހަރުގެ އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އެއީ ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްޞާ ގޮނޑިއެކެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 2،73،128 މީހަކަށް ލިބިގެންވާއިރު، އިންތިޚާބުގައި ވޯޓުލީ 1،86،253 މީހެކެވެ. މިއީ %68.19 އެވެ. މާލޭގައި ވޯޓުލާން ނުކުތީ ޝަރުތު ހަމަވާ މީހުންގެ %39 އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ތެރޭގައި ބޭއްވި އިންތިޚާބަކާއި އަޅާބަލާއިރު ރަނގަޅު އަދަދެއްކަމަށާއި، އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރި މިންވަރަށްވުރެ މަތީ ޢަދަދެއްކަމަށެވެ.
ކައުންސިލް އިންތިހާބުގެ އަސްލު ނަތީޖާ މި ފެންނަނީ ޕޮޒިޓިވް ކޭސްތަކުން!
މިމަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޙާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ނަމަވެސް ހަގީގަތުގައި މި އިންތިޚާބުން ކުރި ހޯދީ ކޯވިޑް-19 އެވެ. މިހެން މި ބުނި ސަބަބު ވަރަށް ސާފު ނޫންތޯއެވެ؟ އިންތިޚާބު ނިމިގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ކޯވިޑް-19 ކޭސްތައް އިންތިހާއަށް އިތުރުވެއްޖެއެވެ.
ކުރިން ނުޖެހޭ ވަރަށް މައްޗަށް އަދަދު ޖެހިލައިފިއެވެ. މިއީ ހަމަ ގައިމުވެސް އިންތިޚާބާއެކު ދިން ލުއިތަކާއި ވޯޓުލާ މަރުކަޒުތަކުން ފެނުނު ޒިންމާދާރުކަން އަދި ފަރުވާކުޑަކަމުގެ ނަތީޖާއޭ ބުނަން އަޅުގަނޑު ޖެހިލުމެއް ނުވެއެވެ. މިދިޔަ 48 ގަޑި އިރު ތެރޭގައި އަކަނި ވެސް 537 މީހުން ވަނީ ކޯވިޑް-19އަށް ފައްސިވެފައެވެ.
އެކަމަކު އެޗްޕީއޭއިން ބުނެފައިވަނީ އަދަދުތައް މަތިވެފައިވަނީ އިންތިހާބާއި ގުޅިގެން ކަމަށް އަދި ބުނެވެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް