ޤާނޫނުގެ އަކުރުތަކުގައި ތަޅުއަޅުވައިގެން ސަރުކާރުން ބޭނުންވާ ޢަދަދަށް ފައިސާ ޗާޕުކުރި: އިދިކޮޅު

ކުރިންވެސް ޤާނޫނުގެ އަކުރުތަކުގައި ތަޅުއަޅުވައިގެން ސަރުކާރުން ބޭނުންވާ ޢަދަދަށް ފައިސާ ޗާޕުކޮށްފައިވަނީ އެ ބޭންކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ވި...

25 Apr 2021 | 07:28

ކުރިންވެސް ޤާނޫނުގެ އަކުރުތަކުގައި ތަޅުއަޅުވައިގެން ސަރުކާރުން ބޭނުންވާ ޢަދަދަށް ފައިސާ ޗާޕުކޮށްފައިވަނީ އެ ބޭންކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ހަރަދުތައް ފޫބެއްދުމަށް ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުނުކުރާގޮތަށް އޮތް އޮތުން އިތުރު އަހަރު ދުވަހަށް އިތުރުކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މިއަދު ބޭއްވުމަށް ނިންމާފައިވާ ދަނޑިވަޅެއްގައި އެ ކޯލީޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފައިސާ ޗާޕުކޮށް ދަރަނި އިތުރަށް ނެގުމާ ގުޅޭގޮތުން ސަރުކާރުން މަރުކަޒީ ބޭންކާ މަޝްވަރާ ކޮށްފައި ނުވާކަމާއި، ކުރިންވެސް ޤާނޫނުގެ އަކުރުތަކުގައި ތަޅުއަޅުވައިގެން ސަރުކާރުން ބޭނުންވާ ޢަދަދަށް ފައިސާ ޗާޕުކޮށްފައިވަނީ އެ ބޭންކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް އެމްއެމްއޭގެ ގަވަރނަރ ވިދާޅުވެފައިވާ ކަމަށެވެ.

ބަޔާނުގައި ބުނީ މިފައިސާ ދައްކާނެ ގޮތުންގެ އެއްވެސް ޕްލޭނެއް މިހާތަނަށް ހުށައެޅިފައި ނުވާ ކަމާއި މުއްދަތު އިތުރު ކުރުމަށް ހުށައަޅާފައިވާއިރުވެސް ފައިސާ ދައްކާނެ ޕްލޭނެއް ނެތްކަމުގެ ކަންބޮޑުވުން ގަވަނަރު ފާޅުކޮށްފައިވާއިރު ބައިނަލްއަޤްވާމީ މާލީ އިދާރާތައް ކަމަށްވާ ވަރލްޑް ބޭންކާއި އައިއެމްއެފުންވެސް މިފަދަ ޕްލޭނެއް ނެތި ފައިސާ ނުނެގޭނެކަން ހާމަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ކަންބޮޑުވުންތަކާ ގުޅިގެން މިމައްސަލަ ދިރާސާ ކުރުމަށް އެކުލަވާލި ވަގުތީ ކޮމިޓީގައި، މަރުކަޒީ ބޭންކުން އޯވަރޑްރޯ ކުރުމަށް މިދިޔައަހަރު ހުއްދަ ދީފައިވާ 4.4 ބިލިއަން ރުފިޔާގެ އިތުރަށް އެއްވެސް ފައިސާއެއް ޗާޕު ކޮށްގެން ނުވާނެ ކަމަށާއި، ރާއްޖޭގެ ޢާންމު އިޤުތިޞާދީ ޙާލަތާމެދު ބޭރުގެ ރޭޓިންގދޭ ފަރާތްތަކުގެ އިތުބާރު ޤާއިމްކުރުމަށްޓަކައި، މިފައިސާ އަނބުރާ ދައްކާއިރު ފިސްކަލް ޑިސިޕްލިން ގެނައުމުގެގޮތުން ނޮމިނަލް ފައިނޭންސް ކޮސްޓެއް ކަނޑައެޅުމަށާއި، މިފައިސާ އަނބުރާ ދައްކާނެގޮތުގެ ޕްލޭނެއް ފިނޭންސް މިނިސްޓަރ އެކަށައަޅުއްވައި، ރައްޔިތުންގެ މަޖިލީހަށާއި ސެންޓްރަލް ބޭންކަށް ޙިއްޞާކުރައްވަން ޖެހޭނެ ކަމަށާއި، މިފައިސާ މެނޭޖްކުރަމުންދާގޮތް، ކުއަރޓަލީ ރިޕޯޓްގެ ގޮތުގައި ހުށައެޅުމަށާއި، މިފައިސާ ލޯނަކަށް ބަދަލުކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން ކަމުގައި ކޮމިޓީ ރިޕޯޓްގައި ހިމަނައިދިނުމަށް ހުށަހަޅާފައިވާނެ ކަމަށް އިދިކޮޅުން ބުނެއެވެ..

ރާއްޖޭގެ އިޤްތިޞާދު މިހާ ނާޒުކު ޙާލަތެއްގައި އޮތްއިރު، ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ދީފައިވާ ކަމަށާއި ނަމަވެސް މިފަދަ އިންޒާރުތަކަށް ބެލުމެއްނެތި، ސަރުކާރުގެ ޚަރަދުތައް އިންތިހާއަށް މައްޗަށް ޖެހިފައިވާއިރު، ތަކެތީގެ އަގުބޮޑުވުމާއި ޑޮލަރުގެ އަގު އުފުލުންފަދަ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ނުރަނގަޅު އަސަރުކުރާ އެތައްކަމެއް ކުރިމަތިވަމުންދާ ކަމަށްވެސް އިދިކޮޅުން ބުނެއެވެ.

ޤާނޫނުގެ އަކުރުތަކަށް ޢަމަލުކުރުން ފަސްކޮށްގެން ބޭރުގެ މާލީ އިދާރާތަކުން ދެމުންދާ އިރުޝާދުތަކާ ޚިލާފަށް މުޅި ދައުރު ފައިސާ ޗާޕުކޮށްގެން ވެރިކަން ކުރަން އުޅުމަކީ މާލީ ނިޒާމު ހަލާކުކޮށްލުމަށް ކުރަމުންދާ ކަމެއްކަމަށް އެ ކޯލިޝަނުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް