ރަމަޟާން މަހުން 12 ދުވަސް ފާއިތުވެ ދިޔައީއެވެ. ޙާޞިލް ކުރެވުނީ ފަހެ ކޮންކަމެއް ހެއްޔެވެ؟

ބަރަކާތުން ފުރިގެންވާ ރަމަޟާންމަހަކާއި ބައްދަލުވެ އެ މަހުން 13 ދުވަސް ފާއިތުވެ ދިޔައީއެވެ. މި 13 ދުވަހުން ތިބާއަށް ޙާސިލްވީ ފަހެ ކޮންކަމެއް ހެއްޔެވެ. މި ދުވަސްތަކުގައި ރޯދަ ބަރާބަރަށް ހިފުނުހެއްޔެވެ.؟...

25 Apr 2021 | 06:05

ބަރަކާތުން ފުރިގެންވާ ރަމަޟާންމަހަކާއި ބައްދަލުވެ އެ މަހުން 13 ދުވަސް ފާއިތުވެ ދިޔައީއެވެ. މި 13 ދުވަހުން ތިބާއަށް ޙާސިލްވީ ފަހެ ކޮންކަމެއް ހެއްޔެވެ. މި ދުވަސްތަކުގައި ރޯދަ ބަރާބަރަށް ހިފުނުހެއްޔެވެ.؟ ފަސްވަގުތު ނަޅާ ނަމާދު ކުރެވުނުތޯއެވެ.؟ ކީރިތި ޤުރުއާނުން ކިޔެވުނީ ކިހާމިންވަރެއް ތޯއެވެ.؟ ﷲ އަށް ޓަކައި ޞަދަޤާތެއް ކުރެވުނު ތޯއެވެ.؟ ތަރާވީޙު ނަމާދާއި ރޭ އަޅުކަމުގައި ހޭދަކުރެވުނީ ކިހާ މިންވަރަކަށް ތޯއެވެ.؟

ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު ހިސާބު ކުރުމަކީ ކޮންމެ ހެންވެސް ކުރަން ޖެހޭ ކަމަކަށްވީއިރު، ވޭތުވެދިޔަ 13 ދުވަހާ މެދު ވިސްނާ ފިކުރު ކޮށްލަން މިއީ ރަނގަޅު ދަނޑިވަޅެކެވެ.

ބަރަކާތްތެރި ރަމަޟާން މަހެއްގެ ފުރަތަމަ ދިހަ ނިމި ދެވަނަ ދިހައަށް ފެށިގެން ދާއިރު، ދެން އަހަރެމެންނާ ބައްދަލުކުރަން މިއޮތީ 1000 މައްސަރުގެ ސަވާބު ހިމެނޭ ބަރަކާތްތެރި ރެއެއް އެކުލެވިގެންވާ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. 1000 މައްސަރުގެ ސަވާބާއި ދަރުމަ ލިބިގެންވާ އެ ރެއަކީ ލައިލަތުލްޤަދުރި ވިލޭރޭއެވެ. މިރޭ ހިމެނެނީ ފަހު ދިހައިގ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްގައެވެ. އެރޭ ހޯދުމަށް ގަދައަޅާ މަސައްކަތް ކުރަން ވީއެވެ. ތައްޔާރުވާން ވީއެވެ. ލައިލަތުލްޤަދުރި ވިލޭރޭ ލިބުމަކީ ކިހާބޮޑު ނަސީބެއް ތޯއެވެ. އަދި އެރޭ ނުލިބި އެރެއިން މަޙުރޫމް ވުމަކީ ކިހައި ބޮޑު ބަދުނަސީބެއް ތޯއެވެ.

ރަމަޟާން މަހުން ވޭތުކުރެވުނު 13 ދުވަހު އެންމެ އެކަށީގެންވާ ގޮތުގައި އަޅުކަމުގައި މަޝްޢޫލުވެގެން ނޫޅެވުނު މީހުންނަށްވެސް މާޔޫސް ވުމެއް ނެތެވެ. މިވަގުތުން ފެށިގެންވެސް އަލުން އާބާރެއްލާ މަސައްކަތް ފަށަންވީއެވެ. ރަމަޟާން މަހުގެ ބާކީ ބައި ފުރިހަމައަށް ހޯދުމަށެވެ. ލަސްނުކޮށް އަވަހަށް މަސައްކަތް ފަށާށެވެ.

ރަމަޟާން މަސް އެމީހަކާ ބައްދަލުވެ އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ހިމެނިގެން ގޮސްފައި ވަނީ އެބައެއްގެ މައްޗަށް ނިކަމެތިކަން ހުރިކަމަށް ޖިބްރީލު ދުޢާ ކުރެއްވި މީހުންގެ ތެރެއިންނެވެ. ހަމަކަށަވަރުން ވެސް ޖިބްރީލު عليه السلام އެމީހެއްގެ މައްޗަށް ދުޢާ ކުރައްވައި، ރަސޫލުﷲ صلى الله عليه وسلم އެ ދުޢާއަށް އާމީން ވިދާޅުވެއްޖެ މީހާއަށް ވުރެ އަބާއްޖަވެރިންއަކީ ކާކު ހެއްޔެވެ. ވީމާ ، އެފަދަ މީހުންގެ ތެރޭގައި ނުހިމެނި ، މި މައްސަރުގެ ފުއްސެވުމާއި ރުއްސެވުން ހޯދުމަށް އަދިވެސް އިތުރު ހިތްވަރެއް ކޮށްލަމާ ހިނގާށެވެ. ސަލާމަތާއި ރައްކާތެރިކަން ހުރީ އޭރުކަން ދަންނާށެވެ.

ދެންވެސް ވިސްނާލަން ވީ މުހިންމު އަނެއް ކަމަކީ ތިބާއަށް މި ރަމަޟާން މަސް ފުރިހަމަ އަށް ލިބުނު ނަމަވެސް ދެން އަންނަ ރަމަޟާން މަސް ތިބާއަށް ނުލިބުމަކީވެސް ހަމަ ވެދާނެ ކަމެކެވެ. މިއީ ފަހަރުގައި ތިބާގެ ހަޔާތުގައި ލިބޭ އެންމެ ފަހު ފުރުސަތަށް ވުން ވެސް އެކަށީގެންވެއެވެ.

އެހެން ކަމުން ވިސްނާށެވެ. މި ދިހަދުވަހަށްފަހު ދެން އޮތީ ފަހު ދިހައިގެ އެންމެ މާތް ދުވަސްތަކެވެ. ކީރިތި ޤުރުއާން ބާވައިލެއްވިގެން ވާ ލައިލަތުލް ޤަދުރިވިލޭރޭ ހިމެނިގެންވާ ފަހުދިހައިގެ ދުވަސްތެކެވެ. 1000 މައްސަރައްވުރެ މާތް ހެޔޮކަން ބޮޑުވެގެންވާ ރެއެކެވެ. އޭ އަޚުންނާއި އުޚުތުންނޭވެ. އެރޭ ތިބާއަށް ލިބޭތޯ ގަދަ އަޅާ މަސައްކަތް ކޮށް ގިނަގިނައިން ދުޢާ ކުރާށެވެ. އެރޭ ލިބިއްޖެނަމަ ނަސީބުގެ ކޮޅެއްވެސް ނެތެވެ. ނަމަވެސް އެރޭ ނުލިބިއްޖެ ނަމަ ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

އެހެން ކަމުން ތިބާ ހިތްވަރާއެކު އަޅުކަމުގައި ވަރުބަލިކަމެއް ނެތި ދެމިހުންނާށެވެ. އެއްގޮތަކައްވެސް ތިމާ ހިތައް އެރީމަ ކޮށް ހިތައް އެރީމަ ނުކޮށް ދޫކޮށްލާ ގޮތަށް ކުރާ ކަމެއް ކަމުގައި ނުހަދާށެވެ. މާތް ﷲ ގެ ރަޙުމަތް ވަނީ ތަނަވަސްވެގެންނެވެ. ތަވުބާވާން އެދޭ އަޅަކަށް މިއޮތީ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް