ކުރުވާހަކަ: ހިތި މާޒީ

ދަންވަރު 4:00 ޖަހާފިއެވެ. އަހަރެން އިނީ ކޮޓަރީ ކުޑަދޮރު ކައިރީ އިން ގޮނޑިއެއްގައި އިށީނދެލައިގެން ކުޑަދޮރު ކައިރީގައި ބޯ އަޅައިލައިގެންނެވެ. ރަށު ތެރޭގެ އެންމެން ހަމަ ނިންޖަކުން ނިދާފައި ތިބި ވަގުތެވެ...

25 Apr 2021 | 04:59

ދަންވަރު 4:00 ޖަހާފިއެވެ. އަހަރެން އިނީ ކޮޓަރީ ކުޑަދޮރު ކައިރީ އިން ގޮނޑިއެއްގައި އިށީނދެލައިގެން ކުޑަދޮރު ކައިރީގައި ބޯ އަޅައިލައިގެންނެވެ. ރަށު ތެރޭގެ އެންމެން ހަމަ ނިންޖަކުން ނިދާފައި ތިބި ވަގުތެވެ. ދޫނިސޫފާ ސޫފިތަކުގެ އަޑެއްވެސް ނީވެއެވެ. ހީވާ ގޮތުން އެއެއްޗެހިތަށްވެސް ހާއްޔަށް ވަދެ ނިދީއެވެ. ނަމަވެސް އަހަރެން އިނީ ލޮލަށް ނިދި ނައިސްފައެވެ. ނިދިވަނީ އަހަރެންގެ ލޮލާ ރުޅިއައިސްފައެވެ. އަހަރެންގެ ސިކުނޑީގައި އެނބުރެމުންދަނީ އަހަރެންގެ ހިތި މާޒީގެ ދުވަސްތަކެވެ.

އަހަރެންނަކީ ކުޑައިރު ވަރަށް ދޮންކޮށް، ރީތިކޮށް ހުންނަ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ރަށުގެ ފަޤީރުންގެ ލިސްޓުގެ އެންމެ މަތީގައި އަހަރެންގެ އާއިލާ ހިމެނެއެވެ. އަހަރެންގެ މަންމަ އާއި ބައްޕަގެ ހުންނަނީ އަހަރެން އެކަންޏެވެ. ގޭގެ ހުރިހާ ކަމެއް ފުއްދަންޖެހެނީ ބައްޕަ މަހަށްގޮސްގެން ލިބޭ އާމްދަނީންނެވެ. މަންމަ އަކީ އެހާ ބަލި މީހެކެވެ. މަންމަގެ ބަލި ހާލަތު ހުންނަ ގޮތުން ގޭގެ ހުރިހާ ކަމެއް ގޮތަށް ކުރަންޖެހެނީ އަހަންނެވެ. ބައްޕަ ލިބޭ އާމްދަނީ މަދުކަމުން އަހަރެންގެ ޅަފުރާ ދިޔައީ ތަޢުލީމު ރަގަނޅަށް އުނގެނުމުގެ ފުރުސަތު ނުލިބިއެވެ. އަހަރެމެންގެ ފަޤީރު ކަމުން ބަހެއް ކިޔާލާނެ މީހެއް، އެއްޗެއް ދިއްކޮށްލާނެ މީހެއް ރަށަކު ނުހުރެއެވެ. ކުރާހާވެސް ކަމަކީ އަހަރެންގެ އާއިލާއަށް މަލާކުރުމެވެ.

އެއްދުވަހެކެވެ. އިރުއޮއްސޭ މަންޒަރު ބަލާލަން ތުނޑިއަށް އަހަރެން ދިޔަ ދުވަހެކެވެ. އަހަރެން އިނީ އެތާ އިން ވިނަގަނޑު މަތީ މީހަކަށް ނުފެންނާނެ ގޮތަކަށެވެ. އެހެން އިންދާ އަހަރެން ސިއްސާގެން ދިޔައީ މީހަކު އަހަރެންގެ ނަމުން އަހަރެންނަށް ގޮވާލުމުންނެވެ. އެއީ ފިރިހެނެކެވެ. ފިރިހެންވަންތަ އަޑެކެވެ. މިހާ ދުވަސް ވީއިރުވެސް އަހަރެންގެ މަންމަ އާއި ބައްޕަ ފިޔަވާ އިތުރު މީހަކު އަހަންނަށް އެހާ ލޯބިން ގޮވާނުލައެވެ. އަހަރެން މަޑުމަޑުން ތެދުވެ ފުރަގަސް ބަލާލީމެވެ. ކުރިމަތީގައި ހުރީ ނުދަންނަ މީހެކެވެ. ހީވާ ގޮތުން އަހަރެންނާ އެއް ޢުމުރެކެވެ. ދެލޯ ބޮޑެވެ. ފަން އިސްތަށިގަނޑު އޮތީ ތުނިކޮށް ކޮށާލެވިފައެވެ. ހަށިގަނޑުން ބިޔަ މީހެކެވެ. އަހަރެންނަށް ހުރެވުނީ އާޝޯޙުވެފައެވެ. އެމީހަކު އަހަންނާ އިސްނަގައިގެން ވާހަކަ ދައްކަން ފެއްޓިއެވެ.

" ތިހާވަރަށް އަހަންނާ ދިމާލަށް ނުބަލާ! ވަރަށް ހައިރާންވެއްޖެދޯ އަހަރެން ގޮވާލީމަ. އަހަރެންނާ ބެހޭ އެއްވެސް ވާހަކައެއް ނާހާނަންތަ؟

އަހަރެން: ތީ ކާކު؟ އަހަރެންގެ ނަން އިނގުނީ ކިހިނެއް؟ އަހަރެންނާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟

" އަހަރެންނަކީ މިރަށަށް އުފަން، މިރަށު މީހެއް. އެކަމަކު އަހަރެން އުޅެ ބޮޑުވީ މާލޭގަ. އަހަރެންނަށް ތި ކުއްޖާގެ ނަން އިނގުނީ އަހަރެން މި ރަށު މީހެއްގެ ކައިރިން އެހީމަ.

އަހަރެން: ކީއްކުރަން އަހަރެންގެ ނަން މީހުންގެ ކައިރިން އަހަންވީ؟ އަހަރެންގެ ނަން ހޯދައިގެން އަހަރެންނާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟

" އަހަރެން މިރަށަށް އައީ ޗުއްޓީ ހޭދަކޮށްލުމަށް. އަހަރެން އެންމެ ފުރަތަމަ މިރަށަށް އައި ދުވަހުން ފަށައިގެން އަހަރެންނަށް ވަރަށް ކަމުދިޔަ ކުއްޖެއްތީ. އަހަރެން ވަރަށް ތިކުއްޖާ އުޅޭ ނޫޅޭގޮތްވެސް ބަލަން. އަހަރެންނަށް ވަރަށް ކަމުދާ ސިފަތަކެއް ހުންނަ ކުއްޖެއްތީ.

އަހަރެން: އަހަރެންނަކީ ކާކުކަން ނޭނގޭތީ ތިހެން ތިބުނީ. އަޑުއަހާ. އަހަރެންނަކީ މިރަށުގެ އެންމެ ފަގީރު އާއިލާތަކުގެ ތެރެއިން އާއިލާއަށް އުފަން ކުއްޖެއް. އަހަރެން ފެނިލިޔަސް އަހަރެންނަށް ގޮވާލާނެ މީހެއް، ރަޙްމަތްތެރިއެއް ނުހުރޭ. ޅަފަތުގައި ރަގަނޅަށް ތައުލީމު ނުލިބި ހުރި މީހެއް އަހަރެންނަކީ މީ.

" އަހަރެން ދެކޭ ގޮތުގަ ލޯބިވާންޖެހެނީކީ ހަމަ އެކަނި މުއްސަދިން ދެކެ އެކައްޏެއް ނޫން. އެއީ ފަގިރުންނަށްވެސް އޮންނަން ޖެހޭ ހައްގެއް. އަހަރެން ތި ކުއްޖާދެކެ ލޯބިވީކީ ރީތި ވީމަކާ ނޫން. ތިއީ ބޮޑެތި މީހުންނަށް އިހްތިރާމްކުރާ، ހީވާގި، މަސައްކަތްތެރި، ރަގަނޅު އަޙްލާގުވެރި ކުއްޖަކަށްވާތިއެވެ.

އަހަރެން: މިއަދު ފުރަތަމަ ފަހަރަށް އަހަރެންނަށް މީހަކު ތިހާ ތަޢުރީފު ތިކުރީ. ދުވަހެއްގަވެސް ހިޔެއް ނުކުރަން އަހަރެންނާ ދޭތެރޭ މީހަކު ތިހާ ރަގަނޅުވެދާނެ ކަމަށް.

އެދުވަހަށްފަހު ޒިޔާން ކޮންމެ ދުވަހު އަހަރެންނާއެކު ތުޑިޔަށް އާދެއެވެ. އެހެން އެތައް އިރެއް ވަންދެން ފޫހިކަމެއްނެތި ވާހަކަ ދައްކަން ތިބެމެވެ. ބައެއް ދުވަސް ދުވަހު ޒިޔާން އަހަރެންގެ ގެއަށްގޮސް މަންމަ އާއި ބައްޕައާ ވާހަކަ ދައްކާލަން އިދެއެވެ.  މާގިނަ ދުވަހެއް ނުވަނީސް، އެ ރަޙްމަތްތެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައެވެ. އަހަރެންނަށް ހީވީ އަހަރެންގެ ހަޔާތް އުޖާލާވީހެންނެވެ. ނަމަވެސް އެ އުޖާލާކަން ދިރިއުޅުމުގައި ދެމި އޮތީ މަދު ދުވަސްކޮޅަކަށެވެ.

ވާހަކަދައްކަން ފެށުނުތާ އަހަރެއް ނުވަނީސް ޒިޔާން ބޭނުންވީ އަހަރެންނާ ވީހާވެސް އަވަހަށް ކައިވެނި ކުރުމަށެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަދި ޒިޔާންގެވެސް ޢާއިލާގެ ރުހުމުގައި އަހަރެން ޒިޔާން އާއި ކައިވެނި ކޮއްފީމެވެ. ކައިވެނިކޮށްގެން އަހަރެން ބަދަލުވާން ޖެހުނީ ޒިޔާންގެ އާއިލާ ކައިރިޔަށް މާލެއަށެވެ. ޒިޔާންގެ މައިންބަފައިންވެސް އަހަރެންނަށް ވަރަށް އޯގާތެރިއެވެ. އެންމެންވެސް އަހަރެން ދެކެ އެހާ ލޯބިއެވެ. މާލެ އައުމަށްފަހު ޒިޔާން ވަޒީފާއަށް ނިކުންނަން ފަށާފިއެވެ. ޒިޔާން ވަޒީފާ އަދާކުރަމުން ދިޔައީ މާލޭ ބިސްނަސް އޮފީހެއްގެ މަތީމަގާމެއްގަ އެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެންނާއި، ޢާއިލާއަށްވެސް ވަގުތު ދިނެވެ. ރޭގަނޑު އަހަރެން ގޮވާގެން ބޭރަށްވެސް ދެއެވެ. އަހަރެންނާއެކު އެކި ތަންތަނަށް ދަތުރު ކުރުމަށް ބައެއް ދުވަސްތަށް އޮފް ކޮށްލައެވެ. ނަމަވެސް ފަހުން ކަންތައްތަށް ބަދަލުވާން ފެށިއެވެ. ރޭގަނޑު ގެއަށް އަންނަނީ 12 ޖަހާބޮޑުވާ ފަހުންނެވެ. ދުވާލުދާ ހަތަރުދަމު ބިޒީއޭ ކިޔާ ގެއަށް ކާންވެސް ދުރުނުވެއެވެ. ގެއަށް އިއިސްވެސް އަހަރެންނާ ވާހަކައެއް ނުދައްކައެވެ. ތަކުރާރުކޮށް މިކަންތައް މިހެން ވާން ފެށުމުން އަހަރެން ޒިޔާންއާއި ވާހަކަ ދެއްކީމެވެ. ޒިޔާންގެ މަންމަ އަށްވެސް މިކަންތައް ފާހަގަވެގެން އަހަރެން ކައިރީގައި މިވާހަކަ ދެއްކިއެވެ. ޒިޔާން ބުނިހާވެސް އެއްޗަކަށް ބުނީ " އަހަރެން އުޅެން ބޭނުން ގޮތަކަށް އުޅެން އަހަރެން ދޫކޮށްނުލިއްޔާ ވަރިވެގެން އަމިއްލަ ރަށަށް ދާށެވެ." އެ ޖުމްލަ ހީވީ އަހަރެންގެ ކަންފަތުގައި ހޮނުގުގުރި ޖެހިހެންނެވެ. ދުވަހެއްގައިވެސް އަހަރެންނާ އެގޮތަށް ވާހަކަ ނުދައްކައެވެ. އަހަރެންނަށް އިތުރަށް ޒިޔާން އާއި އަގަބަހުން ވާހަކަ ދައްކާލާނެހާ ހިތްވަރެއް ނުލިބުނެވެ އަހަރެންވީ ދެރައިން އަހަރެން ޒިޔާންއަށް ސިޓީއެއް ލިޔުނީމެވެ. ސިޓީގައި އަހަރެން ބަޔާންކުރީ އަހަރެން ޒިޔާން އާއި ކައިވެނިކުރީ ލޯބިންކަމާއި، އަތްބެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެއްވެސް ހައްގެއް އުނިކޮށްފަ ނުހުނާނޭ ކަމާއި، އަހަރެންނަށް ކުށެއް ކުރެވިފަ އޮތްނަމަ އެއީ ކޮން ކުށެއްކަން އަހަރެން ކައިރީ ބުނުމަށް އަހަރެން އެދުނީމެވެ. އަދި ޒިޔާންގެ އުޅުމަށް ތިހާ ބަދަލުއައި ސަބަބު އަހަރެން އެނގެން ބޭނުންވާ ކަމަށެވެ. އަހަރެން އެރޭ ނިދީ ސިޓީ ލިޔުމަށްފަހު ޒިޔާންގެ ބާލީސް މަތީގައި ބޭއްވުމަށްފަހުގަ އެވެ. އަހަރެން ހެދުނު ހޭލިއިރު ސިޓީގެ ޖަވާބު ލިޔެފައި މޭޒުމަތީގައި އޮތެވެ. އަހަރެން ސިޓީކިޔާފައި ހުރިތަނަށް ގަނޑުވިއެވެ. ކުރަންވީ ކީއްކަމެއް، ހަދަންވީ ކިހިނެއް ކަމެއް އަހަރެންނަކަށް ނޭނގުނެވެ. ޒިޔާން ސިޓީގައި ލިޔެފައި އިނީ އަހަރެންގެ އެއްވެސް ކުށެށްނެތް ކަމާއި، ކުށް އޮތީ ޒިޔާންގެ ކަމާއި، އޭނާ ކުރީއްސުރެން ލޯބިވީ އެހެން ކުއްޖެއް ދެކެކަމަށެވެ. އެ ކުއްޖާއާ ޖެހުނު މައްސަލައެއްގާ ރަށަށް ގޮސް ހުއްޓާ އަހަރެން ފެނުނީމާ އަހަރެންނާ ގުޅުނީ އަހަރެންނަށް އެހީތެރިވެދޭން ބޭނުންވާތީކަމަށެވެ. އަހަރެންނަކީ އެކަނިވެރިއަކަށްވާތީ އަހަރެންނަށް  އަޅާލަންބޭނުންވާތީ ކަމަށެވެ. ކައިވެނިކުރުމަށްފަހު ލޯބިވާ ކުއްޖާއާ ދުރަށް ދެވޭނެ ކަމަށް ހީކޮށްފައެވެ. ނަމަވެސް އޭނާއަށް އެކަމެއް ނުވިކަމަށެވެ. އަހަރެންނަށް ވަގުތު ނުދެވޭތީ އާއި، ޒިޔާންގެ ފަރާތުން އިތުރަށް އަހަރެންނަށް އަނިޔާ ދޭން ބޭނުން ނުވާތީ މިސިޓީ އަހަރެން ކިޔާ ހިސާބުން ފެށިގެން އަހަރެންނަކީ އޭނާގެ އަތްބެއް ނޫންކަމަށެވެ." އަހަރެންގެ މި ނިކަމެތި ހިތަށް ކެތްނުކުރެވުނެވެ. އިތުރަށް ޒިޔާން ފެންނަ ހިސާބުގައި ހުންނަން އަހަރެން ބޭނުން ނުވިއެވެ. އަވަހަށް އަންނައުނުތަށް ފޮށްޓަށްލާ އަވަހަށް އަހަރެން ތައްޔާރުވީ ޒިޔާން ގެއަށް އައުމުގެ ކުރިން ގެއިން ނިކުންނާށެވެ. އިތުރަށް ޒިޔާގެ ކުރި މައްޗަށް އަރަން ބޭނުންނުވާތީ އެވެ. އަވަހަށް ގެއިން ނުކުތުމަށްފަހު ޖެޑީއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެންގެ ނަސީބު ވަރަށް ގަދައެވ. ރަށަށް އެދުވަހު ފުރާ އޮޑިއެއް އޮތެވެ. އަހަރެން އަވަހަށް ރަށަށް ފުރަން އެ އޮޑި ހަމަޖެއްސުމަށްފަހު ރަށަށް ދާން ތައްޔާރުވީމެވެ.

އަވަހަށް ރަށަށްދާ އޮޑީގައި އަހަރެން ރަށަށް ދާން ފުރީމެވެ. ރަށަށް ފޭބުމަށްފަހު  އަހަރެން ފޮށިހިފާގެން އެންމެ ފުރަތަމަވެސް ދިޔައީ މަންމަ އާއި ބައްޕަގެ މޫނު ފެނޭތޯއެވެ. މަންމަގެ އުނގުގާއޮވެ ހިތްފުރޭ ވަރަށް ރޯލާށެވެ. އަހަރެން ގެއަށް ދިޔައިރު ބައްޕަ ބޭރުގައި ހުރި އަށީގައި ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އޮށޯވެލައިގެން އޮތެވެ. އަހަ ދަރިފުޅާ އައީތަ ރަށަށް! ކޮބާ ޒިޔާން؟ އަހަރެންހުރީ ބައްޕަކުރި ސުވާލަށް ޖަވާބު ދޭނެ ގޮތެއް ނޭނގިފައެވެ. އަހަރެންނަށް އިސްޖަހައިލެވުނެވެ. ދަރިފުޅާ ކިހިނެއްވީ؟ ބައްޕާ އަހަރެންނަކީ މިހާރު ޒިޔާންގެ އަތްބެއްނޫން. މިގަޑީގައި ހުރިހާ ވާހަކައެއް ކިޔާ ނުދެވޭނެ. މޫސާފުޅުގެ ދެލޯ ބޮޑުވިއެވެ. ދެން އެ ވާހަކަ ބާއްވާދޯ! ކޯބާ މަންމަ؟ ނުވެސް ފެނޭ ގައިމު.  އަހަންނަށް ފެނުނީ މިވީހާތަނަށް އަހަރެންނަށް ފެނުނު މަންޒަރެއް ނޫނެވެ. ބައްޕަގެ ލޮލުން ކަރުނަ އޮހޮރިގެންދާ މަންޒަރެވެ. ދަރިފުޅާ މަންމަގެ ހާލު ބޮޑުވެ މަންމަ މި ދުނިޔެއާ އަލްވަދާޢު ކިޔާފި. ބައްޕާ ކީއްވެ އަހަރެންނަށް ނޭނގީ؟ ގިސްލެވޭ ހާލުގައި އަހަރެން ބައްޕަ ކައިޜި އެހީމެވެ. ދަރިފުޅާ ބައްޕަ އަށް މާފުކުރޭ. ދަރިފުޅަށް އިނގޭނެ ބައްޕަ އަކީ ފޯނެއް ގެންގުޅޭ މީހެއް ނޫންކަން. މިރަށު މީހެއްގެ ކައިރިން އެހިޔަސް ނުދޭނެކަން. އަހަރެންގެ ހިތަށް ހީވީ ތޫނު ތީރެއް ހެރުނުހެންނެވެ. އަހަރެން ދުއްވާފާގޮސް ކޮޓަރިއަށް ވަނީމެވެ. މީ ކީއްވެ އަހަރެންނަށް ވާގޮތެއް؟ އަހަރެންގެ ހަޔާތުގެ މިސާލަކީ ހަމަ ކަޅުފޮއި އަނދިރި ރެއްގެ މިސާލުތަ؟ ހުރިހާ ކަމެއް އެއްފަހަރާ ކުރިމަތި ވާންވީ ކީއްވެ؟އަހަރެންނަށް މިހެން ވާންވީ އަހަރެންނަކީ ފަގީރަކަށްވީމަތަ؟ ހަމަ އަހަރެންނަށް މީހަކު ދެކެ ލޯބިވުމުގެ ހައްގެއް ނެތީތަ؟ އަހަރެންގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަށް އަމިއްލަ ނަފްސާ ކުރެވެމުން ދިޔައެވެ.

އަހަރެންނަށް ހިތި މާޒީގެ ހިޔާލުތަކުގެ ތެރެއިން ނިކުމެވުނީ ފެންޑާއެއްގެ ތެރެއިން ބުޅަލެއް ކޯޅިގަތް އަޑަށެވެ. ކަރުނަތަށް ފޮހެލުމަށްފަހު އަހަރެންނަށް ބަލާލެވުނީ ނިދިފައި އޮތް ލޯބިވާ ބައްޕަގެ މޫނަށެވެ. މިހާރު އަހަރެންނަކީ ރަށުގެ އޮފީހެއްގެ މަސައްކަތު މީހެކެވެ. އެތަނުން ލިބޭ އާމްދަނީއިން އަހަރެންނާ ބައްޕަގެ ހަރަދުތަށް ބެލެހެއްޓެއެވެ. މަންމަ ނެތަސް އަހަރެންގެ މިހާރު ހުރި ހަމަ އެކަނި މީހަކީ ބައްޕައެވެ. އަހަރެން އަހަރެންގެ ދިރިއުޅުމަށް ޝުކުރުވެރި ވަމެވެ.

ނިމުނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް