ކޯވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ޔުނައިޓެޑް ކިންގްޑަމްގެ ހޮސްޕިޓަލްތަކުގައި މަރުވި މީހުންގެ އަދަދު މިއަދު 20 ހާސް ފަހަނައަޅައިފިއެވެ. މިއާއެކު ޔޫކޭ ވެފައިވަނީ، ކޯވިޑް19 ޖެހިގެން 20 ހާހަށްވުރެ ގިނަ މީހުން މަރުވި 5 ވަނަ ގައުމަށެވެ.
ޔޫކޭގެ ހޮސްޕިޓަލްތަކުގެ ރަސްމީ ހިސާބުތައް އެނގުނަސް، ގޭގައި ފަރުވާ ލިބެމުންދާ މީހުންގެ ތެރެއިން މަރުވާ މީހުންގެ އަދަދުތައް، އަދި ރަސްމީކޮށް މަރުވި މީހުންގެ އަދަދުގައި ނުހިމަނާތީ، ޔޫކޭގައި ކޯވިޑް19 ޖެހިގެން މަރުވި މީހުންގެ އަސްލު އަދަދު، މިހާރު ހިސާބުތަކުން ދައްކާ އަދަދަށްވުރެ އިތުރުވާނެކަމަށް ބެލެވެއެވެ.
"މިއީ ގައުމަށް ވަރަށް ހިތާމަވެރި ދުވަހެއް" ކަމަށް ވިދާޅުވެ އިންގްލެންޑްގެ ނޭޝަނަލް ހެލްތު ސާވިސްގެ މެޑިކަލް ޑިރެކްޓަރ ސްޓެފެން ޕޮވިސް އިތުރަށް ވިދާޅުވީ 20 ހާސް މީހުން މަރުވުމަކީ ވަރަށް ވެސް ބޮޑު އަދަދެއް ކަމަށެވެ. މީގެ އިތުރުން ޔޫކޭ ހޯމް ސެކްރެޓަރީ ޕްރިޓީ ޕަޓޭލް ވެސް ވަނީ އެ ގައުމުން މަރުވާ މީހުން ގިނަވުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިއަދު ޔޫކޭގެ ޑިޕާޓްމަންޓް އޮފް ހެލްތުން މިއަދު އާންމުކުރި މަޢުލޫމާތުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން ވަނީ 813 މީހުން މަރުވެފައެވެ. މިއާއެކު މަރުވި މީހުންގެ ޖުމްލަ ވަނީ 20319 އަށް އަރާފައެވެ.
ޔޫކޭގައި ފަސް ލައްކަ އަށާރަ ހާސް ސާމްޕަލް ޓެސްޓް ކޮށްފައިވާއިރު، ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ އެއް ލައްކަ ސާޅީސް އަށް ހާހަށްވުރެ އިތުރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް