ނަރުދޫ މީހާއާ އެކު 98 މީހުން ދަތުރު ކުރި، ބޮޑު ކްލަސްޓާއަކަށް ވެދާނެ: ޑރ. އަފްޒަލް

ށ. ނަރުދޫއިން މިއަދު ކޯވިޑަށް ޕޮސިޓިވްވި މީހާ އާއި އެކު98 މީހަކު އަމާޒު ބޯޓުގައި ދަތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. މިއަދު އެ ރަށުން ޕޮސިޓިވް ވެފައިވަނީ4...

25 Apr 2020 | 17:20

ށ. ނަރުދޫއިން މިއަދު ކޯވިޑަށް ޕޮސިޓިވްވި މީހާ އާއި އެކު98 މީހަކު އަމާޒު ބޯޓުގައި ދަތުރުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިއަދު އެ ރަށުން ޕޮސިޓިވް ވެފައިވަނީ49 އަހަރުގެ ފިރިހެނެކެވެ. އެއީ އަމާޒު ބޯޓުގެ ކެޕްޓަން އެވެ. އެ ބޯޓު މާލެއިން ފުރާފައިވަނީ15 އޭޕްރިލް ގައި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ބޯޓުން ޖުމްލަ98 މީހަކު އުތުރުގެ ތިން އަތޮޅަކަށް ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ދެނެގަނެވުނު މީހުންގެ ތެރެއިން51 ފަރާތެއް އެމީހާ އާއި ގުޅުން ހުރި މީހުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ގުޅުން ހުރި މީހުންގެ ތެރެއިން ފަސް މީހެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެންނަމުންދާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

މި ބޯޓު ދަތުރު ކުރި މީހުން ތިބިކަން ފާހަގަވެފައިވަނީ ހއ. ށ. އަދި ނ އަތޮޅުގައި އެވެ. އޭގެ ތެރެއިން މިހާތަނަށް މޮނިޓަރިންއަށް ލާފައިވަނީ ހއ. ދިއްދޫ، އުތީމު، ށ. ނަރުދޫ، ފީވަށް، ފުނަދޫ، މިލަންދޫ، މާއުނގޫދޫ، ނ. ހޮޅުދޫ، މާފަރު އެވެ.

ޑރ. އަފްޒަލް ވިދާޅުވީ މީގެ އިތުރުންވެސް ގިނަ ރަށްތަކެއް ހިމެނޭ ކަމަށާއި އެ ރަށްރަށް މޮނިޓަރިންއަށް ލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިތުރު ރަށްރަށުގައި އެ ބޯޓުގައި ދަތުރު ކުރި މީހުން ތިބި ނަމަ އެކަން ވީހާވެސް އަވަހަކަށް އެޗްޕީއޭއަށް އެންގުމަށް އެދިވަޑައިގެންނެވި އެވެ.

އޭނާ ވިދާޅުވީ މި ކްލަސްޓާ އަކީ އަތޮޅު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކޭސްއަކަށް ވެދާނެ ކަމަށެވެ. އެއީ ގިނަ ބަޔަކު މި ބޯޓުން ދަތުރުކޮށްފައި ވުމާއި އެއް އަތޮޅަށް ވުރެ ގިނަ އަތޮޅުތަކުގައި އެމީހުން ތިބުން ކަމަށް ވިދާޅުވި އެވެ.

ނަރުދޫއިން ޕޮސިޓިވްވި މީހާއަށް ބަލި ޖެހިފައިވާކަން އެޗްޕީއޭއިން އެންގީ މިއަދު ހެނދުނު އެވެ. އެމީހާ މިހާރު ވަނީ މޯލްޑިވިއަންގެ އެއާ ޓެކްސީއެއްގައި ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް