ނުރައްކާތެރި ކޮރޯނާ ވައިރަސް އާންމުންގެ މެދުގައި ފެތުރެމުންދާ މިދަނޑިވަޅުގައި ބައްޔަށް މީހުން ޕޮސިޓިވްވާ ވަކި ސަރަހައްދުތައް ދެނެގަންނަން ފަށައިފި އެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގައި އެ މަސައްކަތް މީގެ ދެ ދުވަސް ކުރިން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ޕޮސިޓިވްވެފައިވާ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އެމީހުންނާއި ގުޅުން ހުރި މީހުންގެ ތެރެއިން ބައްޔަށް ޕޮސިޓިވްވި މީހުން ދިރިއުޅޭ ސަރަހައްދުތައް ދެނެގަންނަމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ޕޮސިޓިވް ކޭސްތައް ފެތުރިފައިވާ ގޮތް ކޮންމެސް ވަރަކަށް ދެނެގަނެވިފައިވާ ކަމަށެވެ. އެކަމަކު މިކަމުގެ އިތުރު ތަފްސީލް ނުދެއްވާ އަމީން ވިދާޅުވީ އެފަދަ ތަންތަން ޔަގީން ނުކުރެވިގެން އުޅެނީ މާލޭގެ އެކި ސަރަހައްދުތަކުން މަދުން ނަމަވެސް ޕޮސިޓިވް ކޭސްތައް ފެންނަމުންދާތީ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތްތާ ބަލި ފެތުރެމުންދާ ސަރަހައްދުތައް ދެނެގަތުމަށް އެކި ސަރަހައްދުތަކުން ވަކި އަދަދަކަށް މީހުން ޓެސްޓު ކުރަން ފަށާނެ ކަމަށެވެ. އަދި މި މަސައްކަތް ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައިވެސް ކުރާނެ ކަމަށެވެ.
މިފަދަ ގޮތަކަށް ޓެސްޓު ކުރަނީ ބަލި ފެންނަމުންދާ ސަރަހައްދުތައް ފާހަގަކޮށް ބަލި އެހެން ސަރަހައްދުތަކަށް ފެތުރުން ކޮންޓްރޯލް ކުރުމަށެވެ.
މިހާތަނަށް ރާއްޖެއިން137 މީހަކު ވައިރަހަށް ޕޮސިޓިވްވެފައިވާއިރު މީގެ ތެރެއިނ ބޮޑުބަޔަކީ މަލެއިން ޕޮސިޓިވްވެފައިވާ މީހުންނެވެ. އަދި މިހާރު އަތޮޅު ތެރެއިންވެސް ބައެއް މީހުން ފާހަގަ ވެފައިވާއިރު މިހާތަނަށް އަތޮޅު ތެރެއިން ކޯވިޑަށް ޕޮސިޓިވްވި މީހުން ތިބީ ހއ. އުލިގަމާއި، ށ. ނަރުދޫގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް