ސައުދީ އަރަބިއްޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު15،000 އަށްވުރެ މަތިވެއްޖެ އެވެ.
އެ ގައުމުގެ ހެލްތް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް ސައުދީގައި15،102 މީހަކަށް ވަނީ ބަލި ޖެހިފައި އެވެ. އިއްޔެ އެކަނި ސައުދީން1،172 މީހުން ވައިރަހަށް ޕޮސިޓިވްވި އެވެ.
ސައުދީގައި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން މުޅިން ރަނގަޅުވެފައިވަނީ2،049 މީހުންނެވެ. މިހާތަނަށް މި ބަލީގައި127 މީހަކު ވަނީ މަރުވެފައި އެވެ.
އެންމެ ހަލުވިކަމާއި އެކު ސައުދީގައި ބަލި ފެތުރެމުންދަނީ މަދީނާ، މައްކާ އަދި ޖިއްދާ އާއި ވެރިރަށް ރިޔާދްގައި އެވެ. އެގޮތުން އިއްޔެ އެކަނި މަދީނާއިން272 މީހަކު ޕޮސިޓިވްވި އިރު މައްކާއިން242، ޖިއްދާއިން210 އަދި ރިޔާދުން131 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
ސައުދީގައި ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން އުމްރާވުން ވަގުތީގޮތުން މަނާކުރުން، ފަރުޟު ފަސް ނަމާދު މިސްކިތްތަކުގައި ޖަމާއަތުގައި ކުރުން، ހުކުރާއި ތަރާވީހް ނަމާދު މިސްކިތްތަކުގައި ޖަމާއަތުގައި ކުރުން އަދި އީދު ނަމާދު ޖަމާއަތުގައި ނުކުރާގޮތަށް ނިންމާފައިވެ އެވެ.
ބަލި ފެތުރެމުންދާ ސިޓީތައް ބަންދުކޮށްފައިވާއިރު އެ ގައުމުގެ ވައިގެ ދަތުރުފަތުރު ވަނީ ހުއްޓާލާފައި އެވެ. އަދި ސްކޫލްތައް ވަނީ ބަންދުކޮށްފައި އެވެ.
ސައުދީ ހައްޖު މިނިސްޓްރީން ބުނީ ސައުދީ އާއި ދުނިޔެ ކޯވިޑް19 ގެ ބަލިމަޑުކަމުން އަރައި ނުގަނެވި މިހާލަތުގައި އޮވެއްޖެ ނަމަ މިއަހަރުގެ ހައްޖުގެ އަޅުކަން ކެންސަލް ކުރާނެ ކަމަށެވެ. ސައުދީ ސަރުކާރު އޮތީ ހައްޖުގެ އަޅުކަމަށް ފުރިހަމައަށް ތައްޔާރުވެފައިކަން ހާމަ ކޮށް ބުނެފައިވަނީ މި ދުވަސްވަރު ހައްޖަށް ދިއުމުގެ ތައްޔާރީތައް މުސްލިމުން މަޑުޖައްސާލުމަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް