ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި، މާލޭގައި ޒަކާތް ދައްކަން ޖެހެނީ އޮންލައިންކޮށް

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ކޯވިޑް-19 އާއި ގުޅިގެން ލޮކް ޑައުން ކޮށްފައިވާތީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އޮންލައި...

25 Apr 2020 | 05:03

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގެންނަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޯވިޑް-19 އާއި ގުޅިގެން ލޮކް ޑައުން ކޮށްފައިވާތީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ޒަކާތް ދައްކަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ. އަތޮޅު ތެރޭގެ ރަށްރަށުގައި ޒަކާތް ބަލައިގަތުގެ ކަންކަމުގައި އަމަލު ކުރާނެ ގޮތެއް ނިންމާނީ އެ ރަށެއްގެ ރަށު ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ މިހާލަތުން އަރައިގަނެ ރޯދަ މަސް ނިމުމުގެ ކުރިން މާލެ ސަރަހައްދު އާންމު ހާލަތަކަށް ގޮސްފި ނަމަ މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. މިހާލަތު ބަދަލު ވަންދެން ގޮވާމުން ޒަކާތް ބަލައިގަތުމެއްވެސް ނޯންނާނެ އެވެ.

މާލެ ސަަރަހައްދުގައި ޒަކާތް ދައްކަން ޖެހެނީ:

ދިރާގު ޕޭ އެންޑް ލައިފްސަޓައިލް އެޕްލިކޭޝަން އަދި އެސްއެމްއެސް މެދުވެރިކޮށް

އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސްއެމްއެސް މެދުވެރިކޮށް

މޯލްޑީވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިން "ފައިސާ ނެޓް އަދި މޯބައިލް ބޭންކިން "ފައިސާ މޯބައިލް" މެދުވެރިކޮށް

ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓު މެދުވެރިކޮށް

މިއަހަރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ މިންވަރަކީ އާދައިގެ ހަނޑުލުން ނަމަ15 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫ ނަމަ48 ރުފިޔާ، ބާސްމަތީ ހަނޑުލުން ނަމަ105 ރުފިޔާ،، ރަތް ހަނޑޫ ނަމަ65 ރުފިޔާ އެވެ. އާދައިގެ ފުށުން ނަމަ ދައްކަން ޖެހޭނީ12 ރުފިޔާ އެވެ. މީގެ އިތުރުން އާޓާ ފުށުން ނަމަ55 ރުފިޔާ އެވެ.

މިއަހަރު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބަހާނީ މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ ފަގީރުންނަށް ފައިސާ ހަވާލު ކުރާނީ އެކައުންޓަށް ޖަމާކޮށްދީގެންނެވެ.

ރާއްޖޭގެ ފަގީރުންގެ ދަފްތަރުގައި 16،209 މީހުން ރަޖިސްޓަރީ ވެފައި ވެ އެވެ. މާލޭގައި ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ވަނީ 3،300 މީހުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް