ގައުމީ އެއާލައިން މޯލްޑިވިއަންގެ ކާގޯ ދަތުރުތައް އަތޮޅު ތެރެއަށް ފެށުމަށް ނިންމާފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ކޯވިޑް-19 އާއި ގުޅިގެން އެއާލައިންގެ ބައިނަލް އަގުވާމީ ޝެޑިއުލް ދަތުރުތައް ހުއްޓާލަން ޖެހުމުން އެ އެއާލައިނުން ދަނީ އެކި ގައުމުތަކުގައި ރާއްޖެ ނުގެނެވި ތާށިވެފައި ހުރި ކާގޯ ގެނައުމަށް ފްލައިޓުތައް ބާއްވަމުންނެވެ. އަދި ފަހުން ވަނީ މަލޭގެ ލޮކް ޑައުން އާއި ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުއްތަން ހުއްޓާލަންވެސް އެ އެއާލައިނަށް މަޖުބޫރުވެފައި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އަތޮޅު ތެރެއަށް ކާގޯ ފްލައިޓުތައް ބާއްވަން ނިންމީ މާލެ ލޮކްޑައުން ކުރުމުން، ރަށްރަށަށް މުދާ އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާތީ ކަމަށެވެ. އަދި މިހާރުވެސް ބައެއް ރަށްރަށުގައި މުދާ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ މޯލްޑިވިއަންގެ ކާގޯ ފްލައިޓުތައް ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަކަށް ދަތުރު ކުރާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު އެތައް ދަތުރެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ދަތުރުތަކުގައި މާލެއިން މުދާ ގެންދިއުމުގެ އިތުރުން ސަރުކާރުގެ ކަރަންޓީން ފެސިލިޓީތަކުން ދޫކޮށްލުމުން ރަށަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި ކޮންމެ ރަށަކުން ވެސް، އެ ރަށަކަށް ދަތިވެފައިވާ ތަކެތީގެ ލިސްޓު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ހިއްސާކުރުމުން، އެ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން މޯލްޑިވިއަންގެ ދަތުރުތައް ބާއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް