ސިލްސިލާ ވާހަކަ: ޒާރާ - އަށްޑިހަ ހަތަރުވަނަބައި

ސަރީފާ ގެ ޖުމްލަ އަޑުއިވުމާއެކު ފަހުދުގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. ތުންފަތުގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. މަޑުމަޑުން ހިނގައިގަތީ ބަދިގެ ތެރެއަށެވެ. މޭޒުކައިރީގައ...

25 Mar 2021 | 15:20

ސަރީފާ ގެ ޖުމްލަ އަޑުއިވުމާއެކު ފަހުދުގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ. ތުންފަތުގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. މަޑުމަޑުން ހިނގައިގަތީ ބަދިގެ ތެރެއަށެވެ. މޭޒުކައިރީގައި ކެރެޓްކޮޅު ކޮށަންހުރި ޒާރާއާ ނުހަނު ކައިރީގައި ފަހުދު ހުއްތުނެވެ. ޒާރާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. އަތް ތުރުތުރު އަޅަންފެށިއެވެ. ހަށިގަނޑު ފިނިވާން ފެށިއެވެ. ކޮޅަށް ހުންނަން އުނދަގޫވާވަރަށް ހަށިގަނޑުގެ ބާރު ދޫވާހެން އޭނާއަށް ހީވިއެވެ.

''ތީ ކޮން ރޭވުމެއް............ ތިހެން ސަލާމަތެއް ނުވެވޭނެ އިނގޭ......... ޒައިދު ގެނަޔަސް މަ ޖެހިލުން ވާނެޔޭ ހީނުކުރާތި............. '' ކެރެޓްކޮޅެއް އަނގަޔަށްލަމުން ފަހުދު ވާހަކަ ދެއްކިއެވެ. މަޑުމަޑުންނެވެ. ހަމައެކަނި ޒާރާއަށް އިވޭ ވަރަށެވެ.

ޒާރާ އިޚްތިޔާރު ކުރީ ހަމަހިމޭންކަމެވެ. އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ކެރެޓް ކޮށަމުން ދިޔައެވެ. ފަހުދު އެ ދެއްކި އެއްވެސް ވާހަކައެއް އިވޭކަމަށް ހަދާކަށް ޒާރާ ބޭނުމެއް ނޫނެވެ.

ޒާރާގެ ހަމަހިމޭންކަން ފަހުދަކަށް ކަމަކު ނުދިޔައެވެ. އެ ހަމަހިމޭން ކަމުން އޭނާއަށް އުނދަގޫވަމުން ދިޔައެވެ. އަދިވެސް ބޮޑަށް ޒާރާއާ ގާތަށް ފަހުދު ޖެހިލިއެވެ. ކިތަންމެ ކެތް ކޮއްގެން ހުންނަން ބޭނުންވިޔަސް ޒާރާ ހާސްވަމުން ދިޔައެވެ. ނުތަނަވަސްކަން މޫނުމަތިން ފެންނަން ފެށިއެވެ. ދާ ތިކިތައް ނިތްކުރިމަތިން ފާއްދާލިއެވެ.

''ތީ އެއްވެސް ކަމެއްގެ ހައްލެއް ނޫން.......... ތި ގޮތަށް ކަންތައް ކުރީމަ އަހަރެން އަންނަނީ ރުޅި.......... އަހަރެން ރުޅިއަރުވަން ނޫޅޭތި........... އެނގެއެއްނު ވާނެގޮތް................'' ފަހުދުގެ އަޑުގައިވަނީ ހަރުކަށިކަމެވެ.

''އަދިވެސް އަމަލު ނުފިލަނީތަ.............. ފަހުދުގެ ބޮޑުދައިތައަށް ތި ގެންގުޅޭ ފުޅިތައް ފެނިއްޖެއްޔާ ވާނެގޮތް އެނގޭތަ...........'' ޒާރާ އިސްޖަހައިގެންހުރެ ބުނެލިއެވެ.

ޒާރާގެ ޖުމްލަ އަޑުއިވުމުން ފަހުދު އިތުރަށް ރުޅިގަދަވިއެވެ.

''ބިރުދައްކަނީތަ.................މައްސަލައެއް ނެތް............ ފަހަރި ބޭނުމިއްޔާ ބުނޭ ބޯއްތަ ކައިރީގަ............ އެކަމަކު އޭގެކުރިން ތައްޔާރުވާތި........... '' ފަހުދު އެނބުރި ހިނގައިގަތެވެ. އެވަގުތު އެތެރެއަށް ވަދެގެންއައީ ޒައިދެވެ.

''އަނހާ ފަހުދުބެ.......... އެބައުޅެންދޯ .............. ކިހިނެތް ............'' ޒައިދު ނުހަނު ހިތްހެޔޮކަމާއެކު ސަލާން ކޮއްލުމަށް އަތް ދިއްކޮއްލިއެވެ.

''ރަނގަޅު........... ޒައިދު ކިހިނެތް.............. '' ޒައިދުގެ އަތާ އަތް ޖޯޑުކޮއްލަމުން ފަހުދު ހިނިތުންވެލިއެވެ. ފަހުދުގެ ހިތުގައި ޒައިދާމެދު ނަފުރަތުކަމެއް ވަނީ އުފެދިފައެވެ. ފަހުދު ގަބޫލުކުރާގޮތުގައި މިވަގުތު ޒައިދު އައުން ވަނީ ފަހުދުގެ އުފާތަކަށް އެޅޭ ހުރަހެއް ކަމުގައެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ފެނުނަކަ ނުދެއެވެ.

''ފަހުދުބެ ........ ބިޒީނޫނިއްޔާ ހިނގާބަލަ ކޮފީއެއް ބޯލަން ޓެރަސްއަށް............ އެބައޮތް ވާހަކައެއް ދައްކާލަންވެފަ.........'' ލުއި ހިނިތުންވުމަކާއެކު ޒައިދު ބުނެލިއެވެ. ޒައިދު އެހެންބުނުމުން ފަހުދާއި ޒާރާއަށް އެކަކު އަނެކަކާ ދިމާއަށް ބަލާލެވުނެވެ. ސުވާލުގެ ނަޒަރަކުންނެވެ.

ޒައިދު ދައްކަން އެއުޅެނީ ކޮން ވާހަކައެއް ބާއެވެ. ޒާރާ ހުރިހާއެއްޗެއް ޒައިދަށް ކިޔައިދިނީބާއޭ ފަހުދުގެ ހިތަށް އެރިއެވެ.  އެހެންވެއްޖެނަމަ ފަހުދު ހަދާނީ ކިހިނެތްބާވައެވެ. ޒައިދަށް ދޭނެ ޖަވާބަކާމެދު ފަހުދު ވިސްނާލިއެވެ.

އަނެއްކޮޅުން ޒާރާވެސް ހުރީ ހަމަ އެފަދަ ހާލެއްގައެވެ. ފަހުދު ގާތުގައި ޒައިދު ދައްކަން އެއުޅެނީ ކޮންވާހަކައެއް ކަމެއް ޒާރާއަކަށް ނޭނގެއެވެ. އެހެންނޫނަސް އޭނާ ގާތުގައި ޒައިދު ދައްކާނެ މާބޮޑު ވާހަކައެއް އޮންނާނެކަމަކަށް ޒާރާއަށް ގަބޫލެއް ނުކުރެވެއެވެ. ފަހަރެއްގައިވެސް ޒާރާ ބޭޒާރު ވެދާނެފަދަ އެއްވެސް އެއްޗެއް ފަހުދު ބުނެފާނެތީ ޒާރާ ކަންބޮޑުވިއެވެ.

''ޒައިދު ........... މިތާ ސޯފާގަ އިށީނދެބަލަ........ ކޮފީ ހަދާދީފާނަމޭ ދޮންތަވެސް.............'' ޒާރާ ބޭނުންވީ ޒައިދު ހުއްޓުވާށެވެ.

''އެ ތެދެކޭ ޒައިދު......... މިތާ މަޑުކޮއްލަމާ.......... އެހެން ނޫނަސް ފަހަރި ހަދާ ކޮފީ މާ މީރުވާނެ އަހަރެމެން ހަދާ ކޮފީއަށްވުރެ........ '' ފަހުދު ވެސް ބޭނުންވީ ޒައިދު ދައްކަން އެއުޅޭ ވާހަކައެއް ހުއްޓުވާށެވެ.

''ދޮންތަ ތިއުޅެނީ މާ ބިޒީކޮށެއްނު.......... މިފަހަރުދެން ހިނގާ......... ޓެރެސްގަ ކޮފީއެއް ބޯލުމާ މިތާނގަ ބުއިމާ ވަރަށް ތަފާތުވާނެ އެއްނު............'' ޒައިދު ބޭނުންވި ގޮތް ހާމަކުރިއެވެ.

******

ދެތަށި ކޮފީ ހިފައިގެން ޒައިދު ޓެރަސްއަށް ނިކުތްއިރު ފަހުދު އިނީ ސިނގިރެޓެއް ރޯކޮއްގެނެވެ. ކޮންމެވެސް ކަމަކާ ވިސްނަނީހެން ހީވެއެވެ. އެއް ތަށި ފަހުދަށް ދިއްކޮއްލުމަށްފަހު އިށީނެވެ. ފަހުދުގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ. ސިނގެރޭޓް ދަމާލުމަށްފަހު ދުންތައް ބުރުވާލަމުން ފަހުދު ބަލާލީ ޒައިދުގެ މޫނަށެވެ. އޭރު އޭނާއާ ދިމާއަށް ޒައިދު ބަލަން އިން ގޮތުން އޭނާ ހާސްވިއެވެ.

''ކިހިނެތްވީ............ '' ފަހުދަށް އަހާލެވުނެވެ.

''ދޮންތަ އަށް ކިހިނެތް ވެގެން އެއުޅެނީ.............'' ޒައިދު ކުރި ސުވާލުން ފަހުދު އިތުރަށް ހާސްވެ ކަންބޮޑުވާގޮތް ވިއެވެ.

''ކިހިނެތްވީ............'' ފަހުދަށް ތަކުރާރު ކުރެވުނީ ކުރިންވެސް ކުރެވުނު ސުވާލެވެ.

''ފަހުދުބެއަކަށް ނޭނގޭތަ............. ދޮންތަ ކޮންމެވެސް ކަމަކާ ދެރަވެފަ ހުންނަނީ ........... މިއަދު ހެނދުނުވެސް ވަރަށް ރުއި......... ތަކުރާރުކޮށް އެހީމަވެސް ނުބުނި............'' ޒައިދު އޮޅުން ފިލުވައިދިނެވެ. ފަހުދަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ ޒައިދަށް އެ ސިއްރު ނޭނގި އޮތީމައެވެ.

''ވެދާނެ އިއްމަ ނެތީމަ ކަމަށްވެސް..............'' ފަހުދު ދިނީ ކުރު ޖަވާބެކެވެ. އެވަރުން ޒައިދު ހިތްހަމަޖައްސާލައިގެން ހުރެވޭނީ ކިހިނެތް ހެއްޔެވެ. ޒައިދު ބޭނުންވީ ޒާރާއަށް ވެގެން އުޅޭގޮތެއް އެނގޭށެވެ. އެވަރަށް ދެރަވެ ރޯނީ ވަރަށް ބޮޑުކަމެއް ވީމަކަން ޒައިދަށް އެނގެއެވެ. އެތައް ވަރަކަށް ވާހަކަދެއްކުމުންވެސް ފަހުދުގެ ފަރާތުން އިތުރު އެއްޗެއް އޮޅުން ފިލާގޮތެއް ނުވިއެވެ.

*********

ޒައިދުގެ އޮފީސް ދަތރު ނިމި ރަށަށް ފުރަންތައްޔާރުވަމުން ދަނީއެވެ. ފާއިތުވި ތިން ދުވަސް ދިޔައީ ވަރަށް އަމާންކަމާ އޮމާންކަމާއެކުގައެވެ. ޒައިދު ނޫޅޭ ގަޑިތަކުގައި މައިދައިތަ ފެންނަ ހިސާބުގައި ހުރެވޭތޯ ޒާރާ ބެލިއެވެ. އެހެންކަމުން ޒާރާއަށް އުނދަގޫ ކުރާނެ އެއްވެސް ފުރުސަތެއް ފަހުދަށް ލިބިފައެއް ނުވެއެވެ.

''ދޮންތާ........... ދެރަ ނުވާތި............ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޗުއްޓީ ހޯދައިގެން އަންނާނަން............. މަންމަ އާ ބައްޕަވެސް ގޮވއިގެން އަންނާނީ..............'' ޒާރާ ގަނެފަހުރި ހަދިޔާތައް ފޮށިގަނޑަށް އަޅަމުން ޒައިދު ވާހަކަ ދެއްކިއެވެ.

ޒާރާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ބުނާނީވެސް ކީކޭ ހެއްޔެވެ. ޒައިދު ދާތީ ޒާރާ ކިތަންމެހާވެސް ދެރަވެއެވެ. އެހެންނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ކެތެވެ. ޒާރާގެ ހިތުގައި ފޮރުވިފައިވާ އެއްވެސް އެއްޗެއް ޒައިދަށް އަންގާކަށް ޒާރާ ބޭނުމެއް ނޫނެވެ. ވީ އިރު ޒައިދު ފުރައިގެންދާތީ ޒާރާ ދެރަވާކަށް ނުވެސް ޖެހެއެވެ.

''އައްދެ............ ނައްޓާލަނީތަ............. ހާދަ އަވަހަކާ...............'' އެތެރެއަށް ވަދެގެން އައި ފަހުދު ވާހަކަދެއްކީ ޒައިދާ މުޚާތަބުކޮށެވެ.

''އޮފީސް ދަތުރެއްވީމަ މަޑުކުރެވޭކަށް ނޯންނާނެއެއްނު............ ފަހުދުބެ އަށްވެސް އެނގެއެއްނު ކިހާ ބިޒީކޮއްކަން އުޅެންމި ޖެހެނީ...............'' ފޮށިގަނޑުގައި ޓޭޕް އަޅާ ބަންދުކޮއްލަމުން ޒައިދު ބުނެލިއެވެ.

''އާނ....... ތިންދުވަސް މަދެއްވެސް ނޫނެއްނު........... އެހެން ނޫނަސް ޒައިދު ފުރިޔަސް ދައިދުގެ ދޮންތަ އެކަނިވިޔަކަ ނުދޭނަން............ ވަރަށް ގާތުން ބަލާނަން ހުރިހާކަމެއްވެސް............'' ފަހުދު ބަލާލީ ޒާރާގެ މޫނަށެވެ. ފަހުދު ބުނި އެއްޗަކުން ޒާރާގެ މޫނަށް ވެރިވީ ކޮންކަހަލަ ކުލަވަރެއްކަން ފަހުދު ބަލަން ބޭނުންވިއެވެ.

------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 30 މާރިޗްވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް