ސްރީލަންކާގައި ދިރިއުޅޭ މާލޭ ސިޓީ މެމްބަރުންނާ، ޒޫމް މެދުވެރިކޮށް އަނަސް ބައްދަލު ކުރައްވައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އަނަސް ވަނީ މާލޭގެ އެކި އަވަށް ތަކުގެ ދޮރުން ދޮރަށް ހިނގާފައިއެވެ. އަނަސް ވިދާޅުވެފައި ވަނީ، ސްރީލަންކާގައި ދިރިއުޅޭ މާލޭ ރައްޔިތުންނާ ބައްދަލު ކުރުމަކީ އޭގެ ބޮޅެއް ކަމަށެވެ.
އަނަސް ވިދާޅުވީ މި ކެމްޕޭންގެ މައިގަނޑު އަމާޒަކީ، ސިޓީ ކައުންސިލް އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ލާމަރުކަޒީ ނިޒާމް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްފަހު، ސިޓީ ކައުންސިލަކުން، އަތޮޅު ކައުންސިލަކުން އަދި ރަށު ކައުންސިލަކުން ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދީ، ރައްޔިތުން ބާރުވެރި ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކެއް ކަމަށެވެ.
ގާނޫނަށް ގެނެވުނު ހަރުދަނާ އިސްލާހު ތަކުގެ ތެރޭގައި، ބޮޑެތި ބާރުތަކާއި މިނިވަންކަން ކައުންސިލްތަކަށް ލިބިގެން ގޮސްފައި ވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި މާލީ މިނިވަންކަމުގެ އިތުރުން ބޮޑު ބަޖެޓަކާއެކު ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިއުން ހިމެނެއެވެ.
މާލެ ސިޓީ މޭޔަރުކަމަށް ހޮވިއްޖެނަމަ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، އެކަންކަން ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.
އެގޮތުން، ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ޓައުން ހޯލެއް ގާއިމުކރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މީގެ ކުރިން އަނަސް ވިދާޅފައި ވެއެވެ.
މިފަދަ ތަންތަނަކީ، މާލޭގައި ހުރި ދަތިތަކާ އުނދަގޫތަކުގެ ޝަކުވާ މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުން ކަމަށް އަނަސް ބުނެފައިވެއެވެ. މި ވޭތުވެދިޔަ އަހަރުތަކު ސިޓީ ކައުންސިލަށް އެ ފުރުސަތު ނުދެއްވާކަމަށް އަނަސް ފާހަގަކުރެއްވިއެވެ.
އަނަސް ހުންނެވީ އޭޕްރީޕް 10 ވަނަ ދުވަހު ބާއްވާ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގައެވެ. މީގެ ކުރީގައި ރައްޔިތުން ދީފައިވާ އެއްބާރުލުމާ އެހީތެރިކަން މިފަހަރުވެސް ދިނުމަށް އަނަސް އެދިވަޑައިގަތެވެ.
މިފަހަރު އެމްޑީޕީއިން ތަފާތު ކައުންސިލެއް ދައްކައިދޭނެ ކަމަށް އަނަސް ވިދާޅުވިއެވެ.
އަނަސް ވަނީ މާލެ ސިޓީގެ އެކި ހިސާބުތަކަށް ކުރިމަތިލައްވައިގެން އުޅުއްވާ ކެނޑިޑޭޓުންނާއެކު ދޮރުން ދޮރަށް ކެމްޕޭން ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް